ހޫތީން ބާރު ހިންގަމުންދާ ރަތްކަނޑު އޮންނަން ޖެހޭނީ އެންމެންނަށް އަމާން ތަނެއްގެ ގޮތުގައި ހުޅުވާލާފައިވާ ކަމަށް ސައޫދީ އަރަބިއްޔާ އާއި މިސްރުން މިއަދު ބުނެފި އެވެ.
ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިސްރަށް ވަޑައިގެން އެ ގައުމުގެ ރައީސް އަބްދުލްފައްތާހް އައް ސީސީއާ ބައްދަލުކުރައްވައި ދެ ގައުމުން މިހެން ގޮވާލާފައި ވާއިރު ސައޫދީން ވަނީ ހޫތީންގެ އަމަލުތަކުގެ ރައްދު ވަރުގަދަވާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ޔަމަންގެ ދާހިލީ ހަނގުރާމަ ޖުލައި މަހު އަލުން ފެށުނު ފަހުން، ސައޫދީން މަދަދުފޯރުކޮށްދޭ ޔަމަންގެ ސަރުކާރުގެ އަސްކަރިއްޔާއާ ދެކޮޅަށް ހޫތީން ދަނީ އަލުން ހަނގުރާމަކުރަމުންނެވެ. އަދި އެ ޖަމާއަތުން ވަނީ ސައޫދީއާ ދެކޮޅަށް ކަނޑުގެ ހިސާރު އިއުލާންކޮށް، ރަތްކަނޑުގައި ސައޫދީގެ އުޅަނދުފަހަރަށް ހަމަލާދޭން ފަށައިފަ އެވެ.
މިދިޔަ ހަފުތާގައި ދިން ކުއްލި އަދި އަވަސް ހަމަލާތަކެއްގައި، ހޫތީން ވަނީ ޔަމަންގެ ރަތްކަނޑުގެ މުޅި އައްސޭރިފަށާއި ބާބު އަލްމަންދަބު ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދައިފަ އެވެ. މެދުއިރުމަތީގެ ފުޅާ ހަނގުރާމައިގެ ސަބަބުން ހޮރުމުޒް ކަނޑުއޮޅި ބަންދުވެފައިވާއިރު، ބާބު އަލްމަންދަބަކީ ސައޫދީގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓްކުރުމަށް މުހިންމު މަގަކަށް ވަނީ ވެފަ އެވެ.
ސައޫދީގެ ވަލީއަހުދު މުހައްމަދު ގާހިރާގައި މިސްރުގެ ރައީސް ސީސީއާ ބައްދަލުކުރައްވައި، ފަހުގެ ނުރައްކާތެރި ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ. ހޮރުމުޒް އަދި ބާބު އަލްމަންދަބު ކަނޑުއޮޅި މެދުވެރިކޮށް ދަތުރުފަތުރުކުރުމުގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ބޭފުޅުން ގޮވާލެއްވި ކަމަށް މިސްރުގެ ރައީސްގެ އޮފީހުން ބުންޏެވެ. އަދި ސައޫދީ އަރަބިއްޔާގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކަށް މިސްރުގެ ފުރިހަމަ ތާއީދު އޮތްކަން ސީސީ ޔަގީންކޮށްދެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.
ޔަމަންގެ ހަނގުރާމަ 2022 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތުމަށް ފަހު ކުއްލިއަކަށް އަލުން ފެށުމާ ގުޅިގެން، ސައޫދީން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަން މަސައްކަތްކުރަމުންނެވެ. ނިމިދިޔަ ހަފުތާގައި އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވަލީއަހުދު ވަނީ އެމެރިކާއިން މިކަމުގެ ތެރެއަށް ވަނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުން އެދިވަޑައިގެންފަ އެވެ. ނަމަވެސް އެމެރިކާއިން ވަނީ އެކަމަށް ދެކޮޅު ހަދާފައި ކަމަށްވެ އެވެ.
ސައޫދީގެ އުޅަނދުފަހަރު ފިޔަވައި ބާބު އަލްމަންދަބުގައި ދަތުރުކުރާ އެހެން އުޅަނދުތަކަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ހޫތީން ބުނަމުންދިޔަ ނަމަވެސް، އެ ކަނޑުއޮޅީގައި ދޭ ހަމަލާތަކުގެ ސަބަބުން، ބިރުވެރިކަން ވަނީ އުފެދިފަ އެވެ. މި ކަނޑުއޮޅިއަށް ބުރޫއެރުމަކީ މިސްރަށް ވެސް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ސަބަބަކީ ރަތްކަނޑަކީ މިސްރުން ބޭރު ފައިސާ ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ ސުއޭޒް ކެނަލަށް ވަދެވޭ ދޮރާއްޓަކީ މިއީ ކަމަށްވާތީ އެވެ.
ހޫތީން 2023 ވަނަ އަހަރު ރަތްކަނޑުގައި އުޅަނދުފަހަރަށް ހަމަލާދޭން ފެށުމުގެ ކުރިން ސުއޭޒް ކެނަލަށް ލިބެމުންދިޔަ އާމްދަނީ، މިހާރު ވަނީ އޭރުގެ މިންވަރުގެ ދެބައިކުޅައެއްބަޔަށް ދަށްވެފަ އެވެ. ހޫތީން ބުނެފައިވަނީ އެ ހަމަލާތަކަކީ ޣައްޒާގައި އިޒްރޭލޫން ދޭ ހަމަލާތަކާ ދެކޮޅުހަދައި ހަނގުރާމައިގައި ފަލަސްތީނު ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށެވެ.
އަންގާރަ ދުވަހު ގަތަރުން ވަނީ ބާބު އަލްމަންދަބު ބަންދުކޮށްފި ނަމަ ނުކުމެދާނެ ނުރައްކާތެރި ނަތީޖާއާ މެދު އިންޒާރުދީފަ އެވެ. އަދި އެއީ "މުޅި ދުނިޔެއަށްވެސް ކުރިމަތިވާނެ ބޮޑު ކާރިސާއެއް" ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ސައޫދީ އަރަބިއްޔާއަށް ހޫތީން ދެމުންދާ ހަމަލާތައް ވެސް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. މިއަދު ސައޫދީން ވަނީ މައްކާ އާއި ޖިއްދާ އަދި ތާއިފް ފަދަ ސަރަހައްދުތަކަށް ހަމަލާގެ އިންޒާރު ނެރުމަށްފަހު، ކުޑައިރުކޮޅެއްގެ ތެރޭގައި އެ އިންޒާރުތައް އުވާލައިފަ އެވެ. ސައޫދީ އިސްވެއޮންނަ ހޫތީންނާ ދެކޮޅު ކޯލިޝަނުން މިއަދު ކަށަވަރުކޮށްދިން ގޮތުގައި، ކުރީ ދުވަހު ތިން ސަރަހައްދަކަށް ދިން މިސައިލާއި ޑްރޯން ހަމަލާތަކުގައި އާންމުންގެ 13 މީހަކު ވަނީ ޒަހަމްވެފަ އެވެ.
މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސައޫދީ އަރަބިއްޔާގެ ތެލުގެ ވަސީލަތްތަކަށް ވެސް ހޫތީން ހަމަލާދީފައިވާއިރު، މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މައްޗަށް އުފުލިފަ އެވެ.
ސަޢޫދީ އިސްވެއޮންނަ ކޯލިޝަނުން ބުނީ "ސައޫދީގެ ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި" އެ ހަމަލާތަކަށް ވަރުގަދައަށް ރައްދުދޭނެ ކަމަށާއި، މި "އަދާވާތްތެރި އަދި ހައްދުފަހަނައެޅި އަމަލުތައް" ހުއްޓުވުމަށް "އަޅަންޖެހޭ އަސްކަރީ ހުރިހާ ފިޔަވަޅެއް" އަޅާނެ ކަމަށެވެ. ސަރަހައްދުގެ އެންމެ ފަގީރު އަދި އާބާދީ އެންމެ ބޮޑު އެއް ގައުމުގައި އަލުން ހަނގުރާމަ ފެށުމާ އެކު އިންސާނީ ކާރިސާ ވަނީ އިތުރަށް ގޯސްވެފަ އެވެ. އދ. އިން އަންގާރަ ދުވަހު ބުނި ގޮތުގައި އަލުން ފެށުނު ހަނގުރާމައިގެ ސަބަބުން 100,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުގެއްލި ހާލުގައި ޖެހިފަ އެވެ. އަދި އެތައް ހާސް ބަޔަކު ކަނޑު ހުރަސްކޮށް ޖިބޫތީއަށް ގޮސްފައިވާ ކަމަށްވެސް އދ. އިން ބުނެ އެވެ.
ޔަމަންގެ ހަނގުރާމައިގެ ތާރީހު ގުޅިފައިވަނީ 2014 ވަނަ އަހަރު ހޫތީން އެ ގައުމުގެ ވެރިރަށް ސަންއާ ހިފުމާ އެވެ. އަދި ޖެހިގެން އައި އަހަރު ސައޫދީ އިސްވެއޮންނަ ކޯލިޝަނުން ވަނީ ޔަމަން ސަރުކާރުގެ ކޮޅަށް ޖެހި ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. އަސްކަރީ ދެ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ހޯމަ ދުވަހު ހުޅަނގު ޔަމަންގައި ހޫތީން ދިން ހަމަލާއެއްގައި ސަރުކާރުގެ އަސްކަރިއްޔާގެ އަށް ސިފައިން ވަނީ މަރުވެފަ އެވެ. ހޫތީން ބުނާ ގޮތުގައި ސައޫދީ އަރަބިއްޔާއިން ވަނީ ރައްދުގައި 50 އަށްވުރެ ގިނަ ހަމަލާ ދީފަ އެވެ. ނަމަވެސް ހޫތީން ހޯދަމުންދާ ކުރިއެރުންތައް ހުއްޓުވުމަށް އެ ހަމަލާތަކުން ވަނީ ނުކުޅެދިފަ އެވެ. -- އޭއެފްޕީ