އެމްޑީޕީ އާއި ޕީއެެންއެފުން ސަރުކާރާ ދެކޮޅަށް މާލޭގައި ސިލްސިލާކޮށް ވަކިވަކިން ބާއްވަމުން ގެންދާ ހަރަކާތްތަކުގައި  އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަ ދައްކައި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ދެ ޕާޓީއަށް ނަސޭހަތް ދީފި އެވެ.

އީސީން މިރޭ ބުނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ހަރަަކާތްތައް ކުރިއަށް ގެންދަން އެ ދެ ޕާޓީ އަށް އެންގީ ސިޓީއަކުން ކަމަށެވެ.

އެ ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިއުކުރި ލިޔުމެއްގައިވާ ގޮތުން ގާނޫނާއި ގަވާއިދުގެ މިންގަނޑުގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި މައިގަނޑު ދެކަމެއް ނުކުރަން އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އިތުރުން ޕީއެންއެފަށް އެންގި އެވެ.

އެއް ކަމަކީ  އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ އާއި ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމެވެ. ދެވަނަ ކަމަކީ މަގުތަކާއި އާއްމު މައިދާންތަކުގައި އެއްވުންތަކާއި ބައްދަލުވުންތައް ނުބޭއްވުމެވެ. 

"...ސުލޫކީ މިންގަނޑާ ހިލާފަށް ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވެ، ގާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް ކޮމިޝަނުން މަރުހަބާ ކިޔާނެކަން އަންގާފައި[ވާނެ]،" އީސީގެ ލިޔުމުގައި ބުންޏެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކަށް އީސީން މިފަދަ އެންގުމެއް އަންގާފައި މިވަނީ ޕާޓީތަކުން މުޒާހަރާކުރަނީ ގާނޫނާ އެއްގޮތަށްތޯ އެ ކޮމިޝަނުން ބަލަން ޖެހޭ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ. 

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ނަމުގައި މަގުތަކަށް ނުކުމެ މިހާރު މުޒާހަރާތައް ކުރަން ޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މުޒާހަރާ ކުރަންޖެހޭ  ކަންތައްތަކެއް ލިސްޓް ކުރެއްވުމަށްފަހު ފަލާހު ވިދާޅުވީ އެއިން އެއްވެސް ކަމެއް ރާއްޖޭގައި މިވަގުތު ނުހިނގާ ކަމަށެވެ.

"ސަރުކާރަކުން ސިޔާސީ ފަރާތެއް ޖަލަށް ލީކީއެއް ނޫން. ރައްޔިތަކަށް އަނިޔާވެރިވަނީކީ ނޫން، ގައުމަށް ގެއްލުމެއްވާ ކަމެއް ކުރަނީކީއެއް ނޫން،" ފަލާހު ވިދާޅުވި އެވެ.

ސަރުކާރުން ކުރާ ކަމަކީ ރާއްޖެއިން ދަރާފައި ހުރިި ދަރަނިތައް ދައްކައި، ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުގެ ޒިންމާދާރު ވެރިފަރާތަކީ އިލެކްޝަންސް ކޮމިޝަން އިލެކްޝަންސް ކޮމިޝަނުން މިއަދު ބަލަންޖެހޭ ސިޔާސީ ޕާޓީތަކުން މިވަގުތު މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައެއް ސިޔާސީ ޕާޓީތަކުން މިހިންގާ ހަރަކާތްތަކަކީ ސިޔާސީ ޕާޓީތަކާބެހޭ ގާނޫނު ހުއްދަކުރާ ހަރަކާތްތަކެއްތޯ" ފަލާހު ވިދާޅުވި އެވެެ.

އެ ޒިންމާ އީސީގެ ވެރިންނަށް ނުއުފުލޭ ނަަމަ އެ ބޭފުޅުން އެކަމާ ވިސްނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މުޒާހަރާތަކާ ހެދި ކިޔަވާކުދިންނަށާއި ރައްޔިތުންނަށް އުނދަގޫވާ ނަމަ އެކަން ހުއްޓުވުމަކީ އީސީގެ ޒިންމާއެއް ކަމަށް ފަލާހު ވިދާޅުވި އެވެ. 

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ވެސް ހަމަ އެ މޭރުމުން ވާހަކަ ދެއްކެވި އެވެ.