ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅެޅުމުގެ ޕްރައިމަރީ ބޭއްވީ އިލެކްޝަންސް ކޮމިޝަން ((އީސީ) ގެ މުދާ ބޭނުންކޮށްގެން ކަމަށާއި އަދި އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމަކީ އެމްޑީޕީގެ އެޖެންޓެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ބާރަށު ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަކްރަމަކީ "އެމްޑީޕީގެ ފަރާތުން އީސީގައި ހުރި އެޖެންޓެއް" ކަމަށެވެ.
"ވަރަށް ކައިރިން ތި ކަންކަން އެބަ ބަލަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އީސީގެ މުދާ ބޭނުން ކުރި ކަމުގެ ތުހުމަތު ކުރައްވާއިރު، ޝުޖާއު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޕްރައިމަރީ އަށް ވެސް އެ ހައްގު އޮންނަން ޖެހޭނެ އެވެ.
އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އިދިކޮޅު ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ތާވަލް ކޮށްފަ އެވެ. އެ ޕްރައިމަރީ އޮންނާނީ ދަރުބާރުގޭގަ އެވެ.
ޓުވީޓާ ގުޅޭ ގޮތުން ޝުޖާއު "މިހާރު" އަށް ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ބޭނުންކުރީ އީސީން ދޫކުރި ވޯޓުފޮށި ކަމަށެވެ. އެކަން އެހެން ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އެމްޑީޕީގެ ހަރު މުދަލެއް ނޫން. އެއީ ދައުލަތުގެ މުދާ. އެހެން ވެއްޖިއްޔާ އަޅުގަނޑުމެންގެ ޕްރައިމަރީ އަށް ވެސް ވޯޓުފޮށި ދޭން ޖެހޭނެ. އަދި މިއުޅެނީ އެ ވެސް ނުލިބިގެން،" ޝުޖާއު ވިދާޅުވި އެވެ.
"މި ހުރިހާ ޖަރީމާއެއް ހިންގަނީ ސީދާ އަކްރަމް."