ސްޓެލްކޯގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގެ އިންޖީނުގެތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެންދަން ސަރުކާރުން ނިންމި ނިންމުމަކީ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމާއި ތަސައްލީ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް މިހާރު ދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
އެކަމަކު އެ ކުންފުނި އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ބަދަލުކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވައިފަ އެވެ.
ސްޓެލްކޯ އިން އަލަށް ހިދުމަތްދޭން ފެށި ބ. އަތޮޅާއި ޅ. އަތޮޅު އަދި މ. އަތޮޅާއި ކ. ހުރާގެ ސްޓޭޝަން މެނޭޖަރުންނާއި ވަގުތީގޮތުން އިންޖީނުގެތަކާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް ފަށަން ބޭއްވި ރަސްމިއްޔާތުގައި އަޒުވަރު ވިދާޅުވީ އެ ކުންފުންޏަކީ ގައުމީ ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށެވެ.
ސްޓެލްކޯ އިން ދެމުން އަންނަ ޔުޓިލިޓީ ހިދުމަތްތައް އެ ކުންފުނިން ގަބޫލުކުރާ މަތީ ފެންވަރުގައި މުޅި ރާއްޖެއަށް ފުޅާކުރަން ސަރުކާރުން ނިންމި ނިންމުމަކީ އޭގެ ސަބަބުން ގައުމީ ފެންވަރުގައި ގިނަ ފައިދާތަކެއް ލިބޭނެ ނިންމުމެއްގެ ގޮތުގައި އަޒުވަރު ސިފަ ކުރެއްވި އެވެ.
އަޒުވަރު ވިދާޅުވި ގޮތުގައި އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ޓީމުތަކެއް އެކުލަވާލައިގެން ސާވޭކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސްޓެލްކޯ އިން އެ ހިދުމަތް ދިނުމަކީ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަން ފާހަގަކުރައްވައި އަޒުވަރު ވިދާޅުވީ އޭގެ ސަބަބުން ރަށްރަށުގައި ދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ހަރަދުތައް ކުޑަކުރެވޭނެ ކަމަށެވެ.
"މުޅި ރާއްޖެއަށް ސްޓެލްކޯގެ ހިދުމަތް ފުޅާކުރެވިގެން ދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީއެއް. އެއީ ރަށްރަށުގައި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާ، އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން ހަރަދުގެ ގޮތުގައި ހޭދަކުރެވޭ މިންވަރު ކުޑަކުރުމާ، އޮޕަރޭޝަނަލް އެފިޝަންސީއަކީ ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގަ އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.
އަޒުވަރު ވިދާޅުވީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ތިބި ރައްޔިތުންގެ ޝުއޫރުތައް އަޑު އައްސަވައި އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ރައީސް މުއިއްޒުގެ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.
ސްޓެލްކޯއަކީ 75 އަހަރުގެ ދިގު ތާރީހެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވައި އަޒުވަރު ވިދާޅުވީ އެއީ ރައްޔިތުން ބަލައިގަންނަ ފަދަ ތާރީހެއް ކަމަށެވެ. އެކަން އެގޮތަށް ދެމި އޮތީ އެންމެ ކުރީއްސުރެން ފެށިގެން އެތަނުގައި މަސައްކަތްކުރެއްވި މުވައްޒަފުން ހިދުމަތުގެ ފެންވަރު އެންމެ ފުރިހަމަކުރުމަށް ކުރެއްވުމަށް ކުރެއްވި ބުރަ މަސައްކަތުން ކަމަށް އަޒުވަރު ވިދާޅުވި އެވެ.
އެހެންވެ، ސްޓެލްކޯއިން އަލަށް ހިދުމަތް ފެށި ރަށްރަށުގެ ސްޓޭޝަން މެނޭޖަރުން ވެސް އެކަން ދަމަހައްޓައިދީ، ރައްޔިތުންނާ ގުޅިގެން އެމީހުންގެ ލާބައަށް މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގަތެވެ.
މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ އަލަށް ހަމަޖެއްސި މެނޭޖަރުންނާއި ސްޓޭޝަންތަކުގެ އިސްވެރިނަކީ ސްޓެލްކޯގެ ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް ފުރިހަމަ އިތުބާރާއި ޒިންމާދާރުކަމާ އެކު އިންޖީނުގެތައް ހިންގުމުގެ ގާބިލު ބަޔަކަށް ހެދުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޕްރޮގްރާމުގައި މެނޭޖަރުންގެ ދައުރާއި ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކާއި ރަށްރަށުގެ އިންޖީނުގެތަކާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށްދޭނެ އެވެ.
އިދާރީގޮތުންނާއި ޓެކްނިކަލް އަދި މާލީ، ރައްކާތެރިކަމާއި އޮޕަރޭޝަނަލް ކަންކަމާ ގުޅޭ މުހިންމު އިރުޝާދުތައް ދިނުމާއި އަތޮޅުތަކުގެ އިންޖީނުގެތަކާއި ރީޖަނަލް އަދި އެހެނިހެން ޑިޕާޓްމަންޓްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމުގެ އިތުރުން، މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައި ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތު ވެސް މެނޭޖަރުންނަށް ފޯރުކޮށްދޭނެ އެވެ.