ދިއްލީގައި ދާދި ފަހުން އޮތް އިވެންޓެއްގައި އެކްޓަރު ސަންޖޭ ދަތު ވަނީ އޭނާގެ މާޒީގެ ކަޅު ސަފުތާތައް އާއްމުންނާ ހިއްސާކޮށްފަ އެވެ.

ވާހަކަ ފަށަމުން ބުނީ އޭނާގެ އިސްތަށިގަނޑު ސްޓައިލްކޮށްދިނީ ޖަލުން އޭނާއާ ބައްދަލުވި މިޝްރާޖީ ނަމަކަށް ކިޔާ ގައިދީއެއް ކަމަށެވެ. މީހަކު މަރާލައިގެން ޖަލަށް ލާފައިވާ އެ ގައިދީ އަކީ ޖަލުގެ ގިނަ ބައެއްގެ ބޮލާއި ތުނބުޅި ކޮށައިދިނުމާ ހަވާލުވެގެން އުޅޭ މީހާ ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަސްތުވާތަކެއްޗަށް ދެވިހިފި އިރު އޭނާގެ މަންމަ އަަދި ކުރީގެ ފިލްމީ ތަރި ނަރުގިސް އުޅުނީ ކެންސަރު ބަލީގަ އެވެ. އަދި އޭނާގެ ފުރަތަމަ ފިލްމު 'ރޮކީ' ކުޅުނު އިރު ވެސް އޭނާ ހުރީ އެ ދެވިހިފުމުގައި ކަމަށް ބުންޏެވެ.

"އަހަރެން ހަނދާން އެބަހުރި އެއް ފަހަރަކު އަހަރެން ދަތުރުކުރިން އެއް ކިލޯގެ މަސްތުވާތަކެތި ބޫޓު ތެރެއަށް ލައިގެން. އަހަރެންގެ ދެ ދައްތަ ވެސް އެފަހަރު އަހަންނާ އެކު ދަތުރުކުރި. އޭރު އެއާޕޯޓްތަކުގެ ސެކިއުރިޓީ އެހާ ވަރުގަދައެއް ނޫން. އެކަމަކު ފަހުން ވަރަށް ބިރުގަތް. ހިތަށްއެރި އަތުލެވުނު ނަމަ ކިހިނެއްހޭ ވާނީ؟ އަހަރެން ބިރުގަތީ ދައްތަމެންނަށް ގޮތެއް ވެދާނެތީ،" ސަންޖޭ ދަތު ކިޔައިދިނެވެ.

އޭނާ ބުނީ މަސްތުވެގެން ގޮސް ހަމަހޭ ނެތި ދެ ދުވަސް ވެސް ހޭދަކުރި ކަމަށެވެ. އެކަމަކު އެގޮތަށް މާ ގިނަ ދުވަހު އުޅެން ވެއްޖެ ނަމަ މަރުވެދާނެތީ ބައްޕަ ސުނިލް ދަތުގެ މަދަދަށް އެދުނު ކަމަށް ވެސް ބުންޏެވެ.

މަސްތުވާތަކެތި ބޭނުންކުރަން ފެށީ، ސަންޖޭ ބުނި ގޮތުގައި، އަންހެން ކުދިންނާ ވާހަކަ ދައްކަން ނުކެރޭތީ ރައްޓެއްސަކު ދިން ލަފަޔަކަށެވެ. ރަހުމަތްތެރިޔާ ބުނީ މަސްތުވެގެން ހުރެއްޖެ ނަމަ އަންހެން ކުދިންނާ ވާހަކަ ދައްކަން ކެރޭނެ ކަމަށެވެ. ނަމަވެސް މިހާރުގެ ޒުވާނުންނަށް އޭނާ ދޭ ނަސޭހަތަކީ އެކަހަލަ ނުރައްކާތެރި ކަމެއް، ރަައްޓެއްސަކު ބުންޏަސް ނުކުރުމަށެވެ. މަސްތުވާ ތަކެތީގެ ވަބައިގައި ޖެހި މުޅި ދިރިއުޅުން ހަލާކުނުކޮށްލަން ޒުވާނުންނަށް އޭނާ ނަސޭހަތްތެރިވި އެވެ.

"އަހަންނަކީ އެކަމުގެ ވޭނާއި ހިތްދަތިކަން ތަހައްމަލްކޮށްފައި ހުރި މީހެއް. މަސްތުވެގެން ހައި ވުމަށް ވުރެ ހަޔާތުގައި ކުރިއެރުމަށް މަސައްކަތްކުރުން މާ ބުއްދިވެރި،" ސަންޖޭ ދަތު ބުންޏެވެ.

މަނާ ހަތިޔާރެއް ގެންގުޅެގެން ދިގު މުއްދަތަކަށް ޖަލަށް ލި އެކްޓަރު މި އަހަރު ކުރީކޮޅު ވަނީ ޖަލުން މިނިވަންވެފަ އެވެ. ބަޑި ގެންގުޅުނު ސަބަބު ވެސް އޭނާ ވަނީ ކިޔައިދީފަ އެވެ.

އޭނާ އަކީ ބަޑި ގެންގުޅެން ލޯބިކުރާ މީހެކެވެ. ޝިކާރަކުރަން ވެސް ލޯބިކުރެ އެވެ. އެހެންކަމުން އޭކޭ-56 ގެ ބަޑިއެއް ބޭނުންތޯ ފިލްމު ޕްރޮޑިއުސަރަކު އެހުމުން އޭނާ އެއްބަސްވީ އެވެ. އޭރު އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު އޮތީ ވަރަށް ބޮޑު ހަމަނުޖެހުންތަކެއް ހިނގަން ފަށައިފަ އެވެ.

"އަހަރެން ހިތަށްއެރީ ކަންޑާލާއަށް ގެންގޮސް ކުޑަކޮށް ބަޑި ޖަހާލާފައި އެއްލައިލާނިއްޔޭ. ނަމަވެސް ބަޑި އެއްލާލަން ހަނދާން ނެތި އަހަންނަށް މޮރިޝަސް އަށް ފުރައިގެން ދެވުނީ ކާރުގެ ޑިކީގައި އެ ބާއްވާފައި،" ސަންޖޭ ދަތު ބުންޏެވެ.

"މަގޭ ދައްތައަށް އެ ފެނިގެން ގުޅާފައި އެކަމާ ބެހޭ ގޮތުން ސުވާލުކުރީމަ ރައްޓެއްސަކަށް ގުޅާފައި ބުނިން އޭތި އެއްލައިލަދޭށޭ. އޭނާ އޭތި އެއްލާލަދިން. ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާ އެހެރީ ޖަލުގައި."