ސައިފަށް ހަމަލާދިން މީހާ ކަމަށް ހީކޮށް، ފުލުހުން ވަނީ އޮޅިގެން އެހެން މީހަކު ވެސް އިއްޔެ ހައްޔަރުކޮށްފައި. ނަމަވެސް ފުލުހުން ބުނީ އޭނާގެ ފިންގަޕްރިންޓް މެޗު ނުވާތީ އޭނާ ދޫކޮށްލަން މިހާރު ނިންމާފައިވާ ކަމަށް.
ސައިފް އަލީ ހާން އަށް ހަމަލާދިން ވަގު އެ ގެއަށް ވަދެ ނުކުމެ ހަދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުގެ ސްކްރީންޝޮޓެއް.
18 ޖެނުއަރީ 2025 - 06:55
ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން އަށް ހަމަލާދިން މީހާ ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އައި ނަމަވެސް އެކަން އަދި ކާމިޔާބު ނުވާ ކަމަށް އިންޑިއާގެ މުމްބައީގެ ފުލުހުން އިއްޔެ ބުނެފި އެވެ.
އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ސައިފްގެ ގެއަށް މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ވަން ވަގަކު ވަނީ އޭނާއަށް ހަމަލާދީ، އޭނާގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. ސައިފްއަށް ހަމަލާދިނީ އެ ވަގު ހުއްޓުވަން އުޅުމުންނެވެ. ހަމަލާ ދިން މީހާ ވަނީ ފިލައިގެން ގޮސްފަ އެވެ.
މުމްބައީގެ ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނީ ސައިފަށް ހަމަލާދިން މީހާ ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ 20 ޓީމު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މީހާ ހޯދުމަށް މެދުކެނޑުމެއް ނެތި 30 ގަޑިއިރު ކުރި މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި ކަމަށް އެ ނޫހުގައި ބުންޏެވެ.
ސައިފަށް ހަމަލާދިން މީހާ ކަމަށް ހީކޮށް، ފުލުހުން ވަނީ އޮޅިގެން އެހެން މީހަކު ވެސް އިއްޔެ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފުލުހުން ބުނީ އޭނާގެ ފިންގަޕްރިންޓް މެޗު ނުވާތީ އޭނާ ދޫކޮށްލަން މިހާރު ނިންމާފައިވާ ކަމަށެވެ.
ސައިފަށް ހަމަލާދިނުމަށް ފަހު އެ މީހާ ގެއިން ނުކުމެގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ފުޓޭޖުން އޭނާގެ މޫނު ވެސް ރީއްޗަށް ފެނެ އެވެ.
VIDEO | Attack on Saif Ali Khan: CCTV footage shows the alleged attacker fleeing the building through staircase.
— Press Trust of India (@PTI_News) January 16, 2025
(Source: Third Party)#SaifAliKhanInjured pic.twitter.com/VHpAenxFdu
އެ މީހާގެ ވަނަވަރު ފުލުހުން އަދި އާންމެއް ނުކުރެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، އެ މީހާ ވަނީ ސައިފްގެ އިތުރުން އެ ގޭގައި މަސައްކަތްކުރާ މީހަކަށް ވެސް ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.
ސައިފް އާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރް ހާން އާއި ދެ ދެމަފިރިންގެ ކުދިން ކަމަށްވާ އަށް އަހަރުގެ ތައިމޫރް އާއި ހަތަރު އަހަރުގެ ޖޭ ދިރިއުޅެނީ އެ އިމާރާތުގެ 12 ވަނަ ފުލޯގަ އެވެ. އަދި އެ ގޭގައި ފަސް ނޯކަރުން ވެސް ދިރިއުޅެ އެވެ.
މުމްބާއީގެ ފުލުހުން ދިން ބަޔާނެއްގައި ބުނީ ހަތިޔާރާ އެކު އެ ގެއަށް ވަން އެ މީހާއާ އެންމެ ފުރަތަމަ ކުރިމަތިލީ ޖޭގެ ނެނީއަކަށް އުޅޭ 56 އަހަރުގެ އެމިލިއާ ފިލިޕް ކިޔާ އަންހެނަކާ ކަމަށާއި އޭނާއަށް ބިރުދައްކައި އެއް ކްރޯޑް ރުޕީސް ދިނުމަށް ޑިމާންޑުކުރި ކަމަށެވެ. އޭނާ އެ ގެއަށް ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށް ނުބެލެވުނު ނަމަވެސް، އެ ގެއަށް ވަނީ ވައްކަން ކުރުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ބައެއް ކަންކަން ފާހަގަވި ކަމަށް ފުލުހުން ބުންޏެވެ.
އެ ގެއަށް އޭނާ ވަން ކަން ސައިފް އާއި ކަރީނާ އަށް އެނގުނީ އެ އަންހެން މީހާ ބިރުން ހަޅޭލަވައިގަތުމުންނެވެ. އޭރު އެ ދެމަފިރިންނާއި ކުދިން ތިބީ ނިދައިފަ އެވެ.
އެ މީހާ ސައިފްގެ ދެ ކުދިންނަށް ވެސް ހަމަލާދޭން އުޅުނު ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކުރި ނަމަވެސް އެކަން އަދި ޔަގީނެއް ނުވެ އެވެ. ފުލުހުން ވެސް އަދި އާއިލާއިން ވެސް އެ ކަހަލަ އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. އެކަމަކު، ޖޭގެ ނެނީ ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި، އެ ވަގު ފެނުނީ ކުދިންގެ ކޮޓަރިން ނުކުންނަނިކޮށެވެ.
ފުލުހުން ތަފުސީލަށް ނުގޮސް ބުނީ ސައިފަށް ހަމަލާދިނީ ވަގު ހުއްޓުވަން އުޅުމުން ކަމަށެވެ.
އެ މީހާ ވަނީ ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅި ހަރައިފަ އެވެ. އަދި ގައިގެ ދެ ތަނެއްގައި ވަރަށް ފުން ޒަހަމެއް ވެސް ހުއްޓެވެ. އޭނާގެ ކަރަށް ވެސް ހަމަލާދީ ޒަހަމްކޮށްލި އެވެ. މައިބަދައަށް ވަޅި ހެރުމުގެ ސަބަބުން އޭނާގެ މައިބަދައިގެ ނާރަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ. މައިބަދައަށް ހަރާފައި އޮތް ވަޅި ނެގުމަށާއި ލޭ ފޭބުން މަނާކުރުމަށް އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ. އަދި ކަރަށް ލިބިފައި ހުރި ޒަހަމްތަކާ ގުޅިގެން ޕްލާސްޓިކް ސާޖަރީއެއް ވެސް ކުރި އެވެ.
ހޮސްޕިޓަލުން ބުނީ ސައިފްގެ ސާޖަރީ ކާމިޔާބު ކަމަށާއި އޭނާގެ ފުރާނައަށް މިހާރު ނުރައްކަލެއް ނެތް ކަމަށެވެ.
މި ހަމަލާއަށް ފަހު ކަރީނާ ނެރުނު ބަޔާނެއްގައި ބުނީ މިއީ އާއިލާއަށް ވަރަށް ފުން ހިތާމައެއް ލިބިފައިވާ ވަގުތެއް ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އާއިލާއަށް ވަރަށް ބޮޑަށް ޕްރައިވެސީ ބޭނުންވާ ކަމަށެވެ. އަދި މި ހަމަލާއާ ގުޅުވައި ހަގީގާތަކާ ހިލާފު ވާހަކަތައް ނުފެތުރުމަށާއި، އުނދަގޫ ނުކުރުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޑަން
18 January 2025
ސައިފްމެން ފިލްމްތަކުގަ ވިހިތިރީސް މީހުން ދިމާކުރިޔަސް އެންމެން ބިމާހަމަކޮއްލާ. އެކަމަކު ރިއަލް ލައިފްގަ އެންމެ މީހެއްގެ ކިބައިންވެސް ސަލާމަތެއް ނުވެޔޭދޯ.
ނޯ އެމްޕަތީ
19 January 2025
މޮޔަ ނުގޮވާ އިދެބަލަ ކަލޭ! މީހަކަށް މަރު ފަދަ އަނިޔާ ލިބުނީމަ ވެސް ކަލޭ މަޖާ ނަގަނީ!
ސަމޭދާން
18 January 2025
ސައިފު ގޭ ވަގު ހޯދާން މިނޫހުންވެސް މިއޮތީ އިސްޔތިހާރުޖަހާފާ.