ތެލޫގޫ ސިނަމާގެ މަޝްހޫރު ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ.
30 ޑިސެމްބަރ 2025 - 10:22
ތެލޫގޫ ސިނަމާގެ މަޝްހޫރު ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ އަންނަ އަހަރު ފެބްރުއަރީ 26 ގައި ކައިވެނިކުރަން ނިންމައިފި އެވެ.
ވިޖޭ އާއި ރަޝްމިކާއާ ގާތް މީހަކާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނީ އެ ދެމީހުންގެ ކައިވެނީގެ ހަފުލާ ބާއްވަނީ އިންޑިއާގެ އުދެއިޕޫރުގައި އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެއީ ޑެސްޓިނޭޝަން ވެޑިންއެއް ކަމަށާއި ހަފުލާ ބާއްވާނެ ތަނާ އެއްޗެހި މިހާރު ފައިނަލް ކޮށްފައިވާ ކަމަށް އެ ނޫހުގައި ބުންޏެވެ.
އެ ހަފުލާގައި ބައިވެރިވާނީ އެ ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިން އެކަނި ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
ކައިވެނީގެ ކުރިން ވިޖޭ އާއި ރަޝްމިކާ މިދިޔަ އޮކްޓޯބަރު މަހު ވަނީ އެންގޭޖުވެފަ އެވެ.
ވިޖޭ އާއި ރަޝްމިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރުނީ 2018 ވަނަ އަހަރު އެ ދެމީހުން އެކުގައި ކުޅުނު ފިލްމު "ގީތާ ގޮވިންދަމް"ގެ ދުވަސްވަރު އެވެ. އަދި 2019 ވަނަ އަހަރު އެކުގައި ކުޅުނު ފިލްމު "ޑިއާ ކޮމްރޭޑް"ގެ ދުވަސްވަރު ވެސް އެ ވާހަކަ ވަރަށް ގަދައަށް ދެކެވުނެވެ.
އޭގެ ފަހުން ދެ ތަރިން އެކުގައި ވަރަށް ގިނަ ޑޭޓްތަކަށް ދާތަން ޕަޕަރާޒީންނަށް ފެނިފައިވެ އެވެ. އަދި ޗުއްޓީ ހޭދަކުރަން ދެ ތަރިން އެކުގައި 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އައިސްފައި ވެސް ވެ އެވެ.
ވިޖޭ އާއި ރަޝްމިކާ ވަނީ އެކުގައި ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އަދި އެ ދެ ތަރިން ވަނީ ބޮލީވުޑް ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ ވިޖޭ އުޅުނު "ލައިގާ" އާއި ރަޝްމިކާ އުޅުނު "އެނިމަލް" އެވެ. މި އަހަރު ނުކުތް ބޮލީވުޑްގެ ފިލްމު "ޗާވާ"ގައި ވެސް ރަޝްމިކާ ރޯލެއް ކުޅުނެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy