ބޮލީވުޑްގެ އެކްޓްރެސް ޔަމީ ގޯތަމް އާ ފިލްމު "ހައްގު" ބަލާފައި އޭނާގެ ފޭނަކަށް ބޮލީވުޑްގެ ތަރި އާލިއާ ބަޓް ވެއްޖެ އެވެ. 

އާލިއާގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ ޔަމީ "ހައްގު"ގައި ދެއްކި އެކްޓިނަށް ވަރަށް ތައުރީފުކޮށްފަ އެވެ.

އެ ފިލްމުގައި ޔަމީގެ ކެރެކްޓާ ފެންނަ ފޮޓޯއެއް ހިއްސާކޮށް، އާލިއާ ބުނީ ޔަމީއަކީ ވަރަށް ކުޅަދާނަ އަދި ހުނަރުވެރި ފަންނާނެއް ކަމަށެވެ. އަދި އެ ފިލްމަކީ ވެސް ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށް އާލިއާ ބުންޏެވެ. 

"މިއީ އަހަރެންގެ ހަޔާތުގައި މިހާތަނަށް ފެނުނު އަންހެން އެކްޓަރެއްގެ އެންމެ މޮޅު އެކްޓިން،" އާލިއާ ބުންޏެވެ.

ޔަމީ ދެން ފެންނާނެ ފިލްމަކަށް ވަރަށް އިންތިޒާކުރާ ކަމަށާއި އެ މަސައްކަތެއް ބަލަން ކެތްމަދުވެފައި ހުރި ކަމަށް ވެސް އާލިއާ ބުންޏެވެ. 

ބޮކްސް އޮފީހުގައި ނާކާމިޔާބުވި ނަމަވެސް، ކޯޓް ރޫމް ޑްރާމާ ފިލްމު "ހައްގު" މި މަހު ދޭއްގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށުމާ އެކު، އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ގިނަ ބަޔަކު އަންނަނީ އެ ފިލްމަށް ތައުރީފުކުރަމުންނެވެ. ހާއްސަކޮށް ޔަމީގެ ރޯލަށް ގިނަ ބައެއްގެ ލޯބި ލިބިފައިވެ އެވެ.

އާންމުންގެ އިތުރުން ބޮލީވުޑްގެ ތަރިން ވެސް އަންނަނީ ޔަމީއަށް ތައުރީފުކުރަމުންނެވެ. 

މިދިޔަ އަހަރު ނޮވެމްބަރު މަހު ހަތެއްގައި ޕްރިމިއާކުރި "ހައްގު"އަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ ޖުމްލަ 28.68 ކްރޯޑް ރުޕީސް އެވެ. އެއީ އެ ފިލްމުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް ދެގުނަ ކުޑަ އަދަދެކެވެ. އެ ފިލްމަކީ 40-45 ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

"ހައްގު" ޕްރިމިއާކުރީ އެ ފިލްމުގައި އިސްލާމީ ޝަރީއަތަށް ފުރައްސާކުރާ ކަމުގެ ތުހުމަތުކޮށް، އެ ފިލްމު ރިލީޒްކުރުން ހުއްޓުވައި ދޭން މަދުޔަ ޕްރަދޭޝްގެ ހައި ކޯޓުގައި އެދިފައިވާ މައްސަލައެއް ބޭރުކޮށްލި ތަނާ އެވެ. 

"ހައްގު"އަކީ އިންޑިއާގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ. އެ ފިލްމު ހާއްސަ ކޮށްފައި ވަނީ 1985 ވަނަ އަހަރު އިންޑިއާގެ މުސްލިމު ދެމަފިރިއެއްގެ ވަރިއާ ގުޅިގެން އޭރު ކޯޓުގައި ހިނގި "ޝާހް ބަނޫ މައްސަލަ" އަށެވެ. އެ މައްސަލައާ ގުޅިގެން އިންޑިއާގައި އާ ގާނޫނުތައް ވެސް ހަދަން ޖެހުނެވެ. 

ޔަމީއާ އެކު، އެ ފިލްމުގެ ލީޑް ރޯލު ކުޅުނު އިމްރާން ހާޝްމީ އެވެ.