މަޝްހޫރު ސީރީޒްތައް ކަމަށްވާ "ގްރޭސް އެނަޓޮމީ" އާއި "ޔޫފޯރިއާ"ގައި މުހިންމު ރޯލުތައް ކުޅުނު އެމެރިކާގެ އެކްޓަރު އެރިކް ޑޭން އިއްޔެ މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި،، އުމުރުން 53 އަހަރުގައި އޭނާ މަރުވީ ނާރުގެ ބައްޔެއް ކަމަށްވާ އެމިއޮޓްރޮފިކް ލެޓަރަލް ސްކްލޮރޯސިސްއާ ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ހަނގުރާމަކުރުމަށް ފަހު، އެ ބަލީގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކުގަ އެވެ.

އެ ބައްޔަށް ފަރުވާކުރަމުން އަންނަކަން މިދިޔަ އަހަރު އެޕްރީލްގައި އެރިކް ހާމަ ވެސް ކުރި އެވެ. 

އެރިކްގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަރުވި ވަގުތު އޭނާގެ އަނބިމީހާ ރެބެކާ ގޭހާޓް އާއި ދެ އަންހެން ދަރިން ކަމަށްވާ ބިލީ އާއި ޖޯޖިއާގެ ކައިރީގައި ތިބި ކަމަށެވެ.

އެރިކްއަކީ "ގްރޭސް އެނަޓޮމީ"ގައި ކުޅުނު ޑރ. މާކް "މެކްސްޓީމީ" ސްލޯންގެ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދި އެކްޓަރެކެވެ. މީގެ އިތުރުން "ދަ ލާސްޓް ޝިޕް" އާއި "ޔޫފޯރިއާ" ކަހަލަ މަޝްހޫރު ސިރީޒްތަކުގައި ވެސް އޭނާ ވަނީ މުހިންމު ރޯލުތަކެއް ކުޅެފަ އެވެ.