އިންޑިއާގައި މިވަގުތު ހުރި އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާ އަރްޖިތު ސިންގު ފިލްމުތަކަށް ލަވަކިޔުން ހުއްޓާލުމާ އެކު، މާޔޫސްވެފައި ތިބި ސަޕޯޓަރުންނަށް އުންމީދީ ޚަބަރެއް ދީފި އެވެ.

ޕްލޭބެކް ސިންގިން ނުވަތަ ފިލްމުތަކަށް ލަވަކިޔުން ހުއްޓާލަން ނިންމި ނިންމުމަށް ފަހު، އަރްޖިތު މިހާރު ވަނީ އޭނާގެ ސަޕޯޓަރުންނަށް ހާއްސަ މެސެޖެއް ފޮނުވައިފަ އެވެ.

އަރްޖިތު ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ފިލްމުތަކަށް ލަވަކިޔުމުގެ އިތުރު ޕްރޮޖެކްޓުތަކާ ހަވާލުވުން ހުއްޓާލި ނަމަވެސް، އަދި ނުނިމި ހުރި ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

ނުނިމި ހުރި ލަވަތަކުގެ ލިސްޓު ވަރަށް ދިގު ކަމަށާއި މި އަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ ތެރޭގައި ވެސް އޭނާގެ އާ ލަވަތައް ރިލީޒްވަމުން ދާނެ ކަމަށް އަރްޖިތު ބުންޏެވެ.

އޭނާގެ ލަވަތައް އަޑު އަހަން ލޯބިކުރާ ގިނަ ބަޔަކު އުޅޭތީ އަރްޖިތު ވަނީ އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

އަރްޖިތު ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. 

ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން ކުއްލި ގޮތަކަށް އަރްޖިތު އިއުލާންކުރުމާ އެކު، އޭނާގެ ފޭނުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފަ އެވެ. ނަމަވެސް، ފޭނެއް ކުރި ކޮމެންޓަކަށް ދިން ރިޕްލައިގައި އަރްޖިތު ބުނެފައި ގޮތުގައި، އޭނާ މިއުޒިކް އުފެއްދުން އެއްކޮށް ހުއްޓާލަނީއެއް ނޫނެވެ. 

އަރްޖިތަކީ މިހާރު އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި އެންމެ ބޮޑު އެއް ނަމެވެ. ބޮލީވުޑްގެ ކޮންމެ ފިލްމެއްގައިހެން އޭނާގެ ލަވައެއް ހިމެނެ އެވެ.

އިންޑިއާގެ ރިއަލިޓީ ޝޯ "ފޭމް ގްރުކުލް"ގައި 2005 ވަނަ އަހަރު ބައިވެރިވި، އިންޑިއާގެ ވެސްޓް ބެންގޯލްއަށް އުފަން އަރްޖިތު ބޮޑަށް މަޝްހޫރުވީ 2013 ވަނަ އަހަރު ނުކުތް ބޮލީވުޑްގެ ފިލްމު "އާޝިގީ 2"އަށް ކިޔައިދިން ލަވަ "ތުމް ހީ ހޯ" އިންނެވެ. އޭގެ ފަހުން "ޗަންނާ މޭރެޔާ" އާއި "ރާބްތާ" އާއި "ކޭސަރިޔާ" އަދި "ގެރުއާ" ކަހަލަ މަޝްހޫރު އެތައް ލަވައެއް އޭނާ ފިލްމުތަކަށް ކިޔައިދީފައިވެ އެވެ.