ބޮލީވުޑްގެ ތަރި ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު 2"ގެ ބޮޑު ކާމިޔާބީއާ ގުޅިގެން، އޭނާއާ އެކު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު އެކްޓްރެސް ޝެފާލީ ޝާހް އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

އަދިތުޔާ ދާރު ޑައިރެކްޓްކޮށްފައިވާ "ދުރަންދަރު: ދަ ރިވެންޖް" ވަނީ ބޮކްސް އޮފީހުގައި ރެކޯޑް އާމްދަނީއެއް ހޯދައިފަ އެވެ. 

އެ ފިލްމުގައި ރަންވީރު ދެއްކި ހުނަރަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނައިރު، "ދިލް ދަޅަކްނޭ ދޯ"ގައި ރަންވީރުގެ މަންމަގެ ރޯލު ކުޅުނު ޝެފާލީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ރަންވީރާ ބެހޭ ގޮތުން ވަރަށް އަސަރުގަދަ މެސެޖެއް ހިއްސާކޮށްފަ އެވެ.

ޝެފާލީ ބުނި ގޮތުގައި، އޭނާ ރަންވީރާ ފުރަތަމަ ބައްދަލުވީ "ދިލް ދަޅަކްނޭ ދޯ"ގެ "ގައްލާ ގުޑިޔާން"ލަވައިގެ ރިހާސަލްގަ އެވެ. އެ ދުވަހު އެއްވެސް ޖެހިލުމެއް ނެތި ރަންވީރު އައިސް އޭނާ އުފުލާލައި، "ޝެފޫ، ހިނގާ މޮޅު ފިލްމެއް އުފައްދަން" ބުނި ހަނދާންތައް ޝެފާލީ އާކުރި އެވެ.

ރަންވީރަކީ އެއްވެސް "ފިލްޓަރެއް" ނެތް، އޭނާގެ އިހުސާސްތައް ވަރަށް ސާދާކޮށް ފާޅުކުރާ ކުޑަކުއްޖެއް ކަހަލަ ސާފު ހިތެއްގެ ވެރިއެއް ކަމަށް ޝެފާލީ ބުންޏެވެ. 

ޝެފާލީ ބުނީ ފިލްމެއްގައި އެހެން ކެރެކްޓަރުންގެ މުހިންމުކަން ރަންވީރަށް އެނގޭ ކަމަށާއި ބައެއް ހާލަތްތަކުގައި ފަހަތަށް ޖެހިލައިގެން އެހެން މީހުންނަށް ފުރުސަތު ދޭން އޭނާ ދަންނަ ކަމަށެވެ. 

ރަންވީރު ކުޅޭ ކޮންމެ ރޯލެއްގެ ތެރެއަށް އޭނާ ވަންނަނީ ވަރަށް ފުރިހަމައަށް ކަމަށާއި "ބާޖީރާއޯ"، "ޚިލްޖީ" ނުވަތަ "ދުރަންދަރު"ގެ "ހަމްޒާ" އާއި "ޖަސްކިރާތު"ގެ ރޯލުން ވެސް ފެންނަނީ ރަންވީރުގެ ހުނަރުވެރިކަމާއި މޮޅުކަން ކަމަށް ޝެފާލީ ބުންޏެވެ.

ޝެފާލީ ސިފަކުރި ގޮތުގައި، ރަންވީރަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ މޮޅު އެއް އެކްޓަރެވެ. 

މިދިޔަ މަހު 19 ގައި ރިލީޒްކުރި "ދުރަންދަރު" 2 އަށް ހަފުތާއެއްގެ ތެރޭގައި ވަނީ 1،000 ކްރޯޑް ރުޕީސް (1.6 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމުގައި މުހިންމު ރޯލުތަކުން ރަންވީރުގެ އިތުރުން ހުނަރުވެރި އެކްޓަރުން ކަމަށްވާ އަރުޖުން ރާމްޕާލް އާއި އާރް މާދަވަން އާއި ސަންޖޭ ދަތު އަދި ސާރާ އަރުޖުން ފެނެ އެވެ.