ބޮލީވުޑްގެ ޑައިރެކްޓަރު އިމްތިއާޒު އަލީގެ އާ ފިލްމު "މޭން ވާޕަސް އާއުންގާ"ގެ ޓްރެյލާ ރިލީޒްކުރުމާ އެކު، ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދައި، ފޭނުން ރޮއްވާލައިފި އެވެ.
ކާމިޔާބު ބަޔޮޕިކް "ޗަމްކީލާ"އަށް ފަހު، އިމްތިއާޒު މިފަހަރު އެނބުރި އަންނަނީ އޭނާ އެންމެ ކުޅަދާނަ، އަދި ބެލުންތެރިންގެ ވިންދާ ކުޅެލާ ކަހަލަ އަސަރުގަދަ ޑްރާމާ ފިލްމަކާ އެކުގަ އެވެ.
އިންޑިއާ އާއި ޕާކިސްތާން ވަކިވި ދުވަސްވަރުގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅެފައި ވަނީ ނަސީރުއްދީން ޝާހް، ދިލްޖީތު ދޯސާންޖު، ޝަރްވަރީ އަދި ވޭދާންގް ރައިނާ އެވެ.
މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ މަރުވާން ކައިރިވެފައި އޮތް މުސްކުޅިއެއްގެ (ނަސީރުއްދީން) މައްޗަށެވެ. އޭނާ މަރުގެ ތުންފަތްމަތީގައި އޮވެ، ޒުވާން ދުވަސްވަރު އޭނާގެ ލޯބިވެރިޔާ (ޝަރްވަރީ)ގެ ނަން ތަކުރާރުކޮށް ގޮވަމުންދެ އެވެ.
މީގެ 78 އަހަރު ކުރިން 1947 ގައި އިންޑިއާ ބައިބައިވި ދުވަސްވަރު، އެ ސަރަހައްދު ދޫކޮށް ފިލަން ޖެހުމުން، އޭނާ ވަނީ ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ލޯބިވެރިޔާއަށް ވައުދުވެފަ އެވެ. ނަމަވެސް، އެ ވައުދު ފުއްދޭގޮތެއް ނުވެ އެވެ. ފިލްމުން ފެންނާނީ އޭނާގެ ކާފަ ދަރިފުޅަށް (ދިލްޖީތު)، ކާފަގެ މި ނުފުއްދި އޮތް ވައުދު ފުއްދައިދެވޭނެތޯ ކުރާ މަސައްކަތްތަކެވެ.
މި ޓްރެލާއަށް ސޯޝަލް މީޑިއާގައި އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
އިމްތިއާޒުގެ އިންސްޓަގްރާމް ޕޯސްޓަށް ކޮމެޓްކުރި ފޭނަކު ބުނެފައި ވަނީ މި ފިލްމަކީ މިވަގުތަށް ސިނަމާއަށް ނުހަނު ބޭނުންތެރި ފިލްމެއް ކަމަށާއި ސިނަމާގެ އަސްލު ފުރިހަމަ ސިފަތައް މި ފިލްމުން ފެންނާނެ ކަމަށެވެ.
އެހެން މީހަކު ވަނީ ނަސީރުއްދީން ކަހަލަ މޮޅު އެކްޓަރަކު އިމްތިއާޒުގެ ފިލްމަކުން ފެނުމުން އުފާކުރާ ކަމަށް ބުނެ، މިއީ "ވަރުގަދަ ރުއިމަކަށް" ތައްޔާރުވާންވީ ވަގުތު ކަމަށް ކޮމެންޓުގައި ލިޔެފަ އެވެ.
މި ފިލްމުގެ މިއުޒިކު ތައްޔާރުކޮށްފައި ވަނީ އޭއާރު ރަހްމާން ކަމަށް ވުމުން، ފޭނުން ތިބީ ލަވަތައް އަޑުއަހަން ވެސް ކެތްމަދުވެފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިމްތިއާޒު އަނެއްކާ ވެސް މި ވަނީ އޭނާގެ "ރަސްކަމަށް" އެނބުރި އައިސްފަ އެވެ.
"މޭން ވާޕަސް އާއުންގާ" ރިލީޒްކުރަނީ އަންނަ މަހު 12 ގަ އެވެ.