ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިމްތިއާޒު އަލީ، އޭނާގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ޖަބް ވީ މެޓް" އާއި "ތަމާޝާ" ކަހަލަ ފިލްމުތަކުގެ ސީކުއަލް ހެދުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ސާފު ރައްދެއް ދީފި އެވެ.

ފިލްމްފެއާ މެގަޒިންއަށް އިއްޔެ ދިން ހާއްސަ އިންޓަވިއުއެއްގައި އިމްތިއާޒު ބުނީ އޭނާ ފިލްމުތަކުގެ ސީކުއެލް ހަދަން ބޭނުން ނުވާ ކަމަށެވެ.

އިމްތިއާޒު ހާމަކުރި ގޮތުގައި، ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި "ޖަބް ވީ މެޓް" ނުވަތަ "ތަމާޝާ"ގެ ދެވަނަ ބައެއް އުފެއްދުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތެވެ. އެކަމަށް ބާރުދެމުން އޭނާ ވަނީ 2020 ވަނަ އަހަރު ރިލީޒްކުރި އޭނާގެ ފިލްމު "ލަވް އާޖް ކަލް 2"އަށް އިޝާރާތްކޮށްފަ އެވެ.

"އަހަރެން ކައިރީގައި ސީކުއެލްއާ ބެހޭ ގޮތުން އަހާ މީހުން ގާތު ބުނަން، "ލަވް އާޖް ކަލް 2" ވެސް ހެދީމެއް ނޫން ހެއްޔޭ؟ އެކަމަކު އެ ފިލްމަށް މާބޮޑު ކާމިޔާބީއެއް ނުލިބުނޭ،" އިމްތިއާޒު ބުންޏެވެ.

އެހެންވެ، ބައެއް ފިލްމުތަކަކީ އޭގެ ޒާތުގައި ފުރިހަމަވެފައިވާ ފިލްމުތަކެއް ކަމަށާއި އެ ފިލްމުތަކަށް ބަދަލެއް ނުގެނެސް އެހެން ބޭއްވުން މާ ރަނގަޅުވާނެ ކަމަށް އިމްތިއާޒު ބުންޏެވެ.

ފިލްމު އުފެއްދުމުގެ ފަލްސަފާއާ ބެހޭ ގޮތުން ވާހަކަދައްކަމުން އިމްތިއާޒު ބުނީ އޭނާ ފިލްމެއް ހަދަން ފަށަނީ ހަމައެކަނި ފައިސާ ހޯދުމަށް ވިޔަފާރި އުސޫލަކުން ނޫން ކަމަށެވެ.

"މިދިޔަ އަހަރު ސީކުއެލްތައް ވަރަށް ބޮޑަށް ހިނގި، އަދި ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ބަޔަކު ސީކުއެލްތައް ހަދާނެ. އެކަމަކު އަހަރެން 'ޓޫ'އެއް ނުހަދާނަން. ފިލްމު ވާންޖެހޭނީ ރަނގަޅު އެއްޗަކަށް. އެއީ ފުރަތަމަ ބައިތޯ ނުވަތަ ދެވަނަ ބައިތޯ މިއީ މުހިންމު ކަމެއް ނޫން،" އޭނާ ބުންޏެވެ.

ފިލްމެއް ހެދުމަކީ 1-2 އަހަރުގެ ދިގު މަސައްކަތަކަށް ވުމުން، އެ ޕްރޮޖެކްޓަކަށް އޭނާގެ ހިތުގައި ހަގީގީ ޝައުގުވެރިކަމެއް އޮންނަން ޖެހޭނެ ކަމަށާއި ފިލްމުން ލިބޭނެ އާމްދަނީއަށް އެކަނި ބަލައިގެން ރަނގަޅު ފިލްމެއް ނުއުފެއްދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން، މަލަޔާލަމް ސިނަމާގެ ހުނަރުވެރި އެކްޓަރު ފަހަދު ފާސިލްއާ އެކު ފިލްމެއްގެ މަސައްކަތް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިމްތިއާޒް ބުނީ ފަހަދުއާ ބައްދަލުވެ ވާހަކަދެކެވުނު ނަމަވެސް، އަދި އެއްވެސް ކަމެއް ރަސްމީކޮށް ފައިނަލްވެފައި ނުވާ ކަމަށެވެ.

އިމްތިއާޒް އެންމެ ފަހުން ޑައިރެކްޓްކޮށްފައި ވަނީ ނެޓްފްލިކްސް އިން ރިލީޒްކުރި އަދި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "އަމަރު ސިންގް ޗަމްކީލާ" އެވެ. މިހާރު އޭނާ ވަނީ އާ ތިން ފިލްމެއްގެ ސްކްރިޕްޓް ލިޔެ ނިންމައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރާނީ އެ ފިލްމުތައް ކަމަށާއި ނަމަވެސް ފުރަތަމަ ފަށާނީ ކޮން ފިލްމެއްގެ މަސައްކަތްކަން އަދި ނިންމާފައި ނުވާ ކަމަށް އިމްތިއާޒު ބުންޏެވެ.

ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނާނެ އިމްތިއާޒުގެ ފިލްމަކީ އަންނަ މަހު 12 ގައި ރިލީޒްކުރާ "މޭ ވާޕަސް އާއޫންގާ" އެވެ.