އިންޑިއާގެ މުނިފޫހިފިލުވުމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެއް ކަމަށްވާ އީރޯސް އިންޓަނޭޝަނަލްގެ ގޮތްޕެއް ކަމަށްވާ "އީރޯސް އިނޮވޭޝަން" އިން ބޮލީވުޑްގެ މަގުބޫލު ހަ ފިލްމެއްގެ ސީކުއެލް ނުވަތަ ދެވަނަ ބައި އުފެއްދުމަށް ނިންމައި އެކަން އިއްޔެ އިއުލާންކޮށްފި އެވެ.

"ލަންޑަން ޓެކް ވީކް"ގެ ތެރޭގައި އީރޯސް އިން ވަނީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ކުރިއަށް ގެންދަން ނިންމާފައިވާ ބޮޑު ތިން ޕްރޮޖެކްޓެއް އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ގަދީމީ ވާހަކަތަކަށް ބިނާކޮށް އުފައްދާ ސިނެމެޓިކް ޔުނިވާސް "އީރޯސް ބްރަހްމާންޑް" އާއި ކުރީގެ މަގުބޫލު ފިލްމުތައް އާ ޖީލުތަކަށް ގެނެސްދޭ "އީރޯސް ރީމާސްޓާޑް" އަދި މަގުބޫލު ފިލްމުތަކުގެ ސީކުއެލްތައް ގެނެސްދޭ "އީރޯސް ޔުނިވާސް" އެވެ.

"އީރޯސް ޔުނިވާސް" ގެ ދަށުން ސީކުއެލް ހަދަން ނިންމާފައިވާ ފިލްމުތަކަކީ:

  • ތޭރޭ ނާމް 
  • ރަންގީލާ 
  • ތަނޫ ވެޑްސް މަނޫ 
  • އިންގްލިޝް ވިންގްލިޝް 
  • ދޭސީ ބޯއިޒް 
  • ފޯބިއާ 
ސަލްމާން ޚާން އަދި އުރްމިލާ އެނބުރި އަންނާނެތަ؟

އެ ލިސްޓުގައި ހިމެނޭ "ތޭރޭ ނާމް" އާއި "ރަންގީލާ" އަކީ ބޮލީވުޑްގެ ތާރީހުގައި ފާހަގަކޮށްލެވޭ ދެ ފިލްމެވެ. ނަމަވެސް، އީރޯސް އިން ބުނި ގޮތުގައި، އެ ފިލްމުތަކުގެ ސީކުއެލްތައް ގެނެސްދޭނީ މުޅިން އާ މޫނުތަކާއި ވާހަކަތަކަކާ އެކުގަ އެވެ.

އެހެންވެ، 2003 ވަނަ އަހަރު ނިކުތް "ތޭރޭ ނާމް" ގައި "ރާދޭ"ގެ ރޯލު ކުޅުނު ސަލްމާން ޚާން އެ ފިލްމުގެ އާ ބައިން ފެނުމުގެ ފުރުސަތު ކުޑަ އެވެ. ހަމައެހެންމެ، 1995 ވަނަ އަހަރު ރާމް ގޯޕާލް ވަރުމާ ޑައިރެކްޓްކޮށް ބޮޑު ކާމިޔާބީއެއް ހޯދި "ރަންގީލާ"ގެ ސީކުއެލް އިން އާމިރު ޚާން އާއި އުރުމިލާ މަޓޮންޑްކަރު ވެސް ފެނުމަކީ ނާދިރު ކަމެކެވެ.

"ތަނޫ ވެޑްސް މަނޫ"ގެ ތިންވަނަ ބައި

މި ހުރިހާ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި ވަނީ "ތަނޫ ވެޑްސް މަނޫ - ދަ ނެކްސްޓް ޗެޕްޓާ" އަށެވެ. އެ ފިލްމު ސީރީޒްގެ ކުރީގެ ދެ ފިލްމުން ކަންގަނާ ރަނާވަތު އާއި އާރު މާދަވަން ފެނުނު ނަމަވެސް، މި ފަހަރު އެ ދެ ތަރިން ފެންނާނެ ކަމެއް އަދި ޔަގީނެއް ނުވެ އެވެ. ނަމަވެސް، އެ ފިލްމު ޑައިރެކްޓް ކުރާނީ "ހީރާމަންޑީ" އާއި "ދަ އެމްޕަޔާ" ފަދަ ސީރީޒްތައް އުފެއްދި މިތާކްޝަރާ ކުމާރު ކަމަށާއި ފިލްމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް އީރޯސް އިން ބުންޏެވެ.

އީރޯސް އިން ބުނި ގޮތުގައި، އެ ފިލްމުތައް ހަމައެކަނި ސިނެމާތަކަށް ގެނައުމުގެ ބަދަލުގައި، އެނިމޭޝަން އާއި މައިކްރޯ ޑްރާމާ އަދި ކެރެކްޓާތަކަށް ބިނާކޮށް ތަފާތު އެކި ފޯމެޓްތަކުގައި ގެނެސްދިނުމަށް ވަނީ ރޭވިފަ އެވެ.

މި ސީކުއެލްތަކުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އިންޑިއާގެ ސަގާފަތާއި މިތޮލޮޖީއަށް ބިނާކޮށް ނުވަ ފިލްމެއް ހިމެނޭ "އީރޯސް ބްރަހްމާންޑް" ޔުނިވާސްއެއް އުފައްދަން ވެސް ވަނީ ނިންމައިފަ އެވެ. އަދި "އީރޯސް ރީމާސްޓާޑް"ގެ ދަށުން އެންމެ ފުރަތަމަ އާކުރަން ނިންމާފައި ވަނީ ރަޖްނީކާންތު ލީޑް ރޯލު ކުޅުނު އިންޑިއާގެ ފުރަތަމަ މޯޝަން ކެޕްޗާ ފިލްމު "ކޮައްޗަޑައިޔާން" އެވެ.