ބޮލީވުޑް ޑައިރެކްޓަރު އަދި ކޮރިއޯގްރާފަރު ފަރާ ޚާން އާއި އޭނާގެ ފިރިމީހާ ޝިރީޝް ކުންދަރުގެ އެއްމާބަނޑު ތިން ދަރިން މަތީ ތައުލީމު ހާސިލުކުރުމަށް އެމެރިކާގެ ތިން ސިޓީއަކަށް ފުރައިފި އެވެ.

އެ ދަރިން ކޮލެޖަށް ފޮނުވުމަށް ފަހު ފަރާ ވަނީ އޭނާގެ އިހުސާސްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ވަރަށް އަސަރުގަދަ މެސެޖެއް ދީފަ އެވެ.

އިންސްޓަގްރާމްގައި ދަރިންނާ އެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކުރަމުން ފަރާ ބުނީ އެއް ކުއްޖަކު ކޮލެޖަށް ފޮނުވުމަކީ އުނދަގޫ ކަމަކަށްވާ ނަމަ، ތިން ކުއްޖަކު އެއްފަހަރާ ތިން ސިޓީއެއްގެ ތިން ކެމްޕަހަކަށް ފޮނުވާލުމުގެ އިހުސާސް ވަޒަންކޮށްލަން އެނގޭނީ ކިހިނެއް ހެއްޔެވެ.

އޭނާގެ ހިތުގެ "ތިން އެތިކޮޅު" ވަކިވެގެން ދިއުމުން ކުރެވުނީ އަސަރުގަދަ އިހުސާސެއް ކަމަށް ފަރާ ބުންޏެވެ.

ދަރިންނާ މުހާތަބުކޮށް "ގޮސް ތިޔަ ކުދިންގެ ދިރިއުޅުން އުފަލުގައި ހޭދަކުރާށޭ" ފަރާ ބުނެފައިވެ އެވެ.

ކޮންމެ މަގަކުން ދިޔަ ނަމަވެސް އެނބުރި ދާން އޮތީ މަންމަ އާއި ބައްޕަގެ ގާތަށްކަން ހަނދާން ބެހެއްޓުމަށް ވެސް ފަރާ އެދުނެވެ.

އެ ޕޯސްޓުގައި ފަރާ ވަނީ އޭނާގެ ފިރިމީހާއަށް ޝުކުރު އަދާކޮށްފަ އެވެ. އެއީ އާއިލީ ފޮޓޯތަކަށް އަރަން އެއްބަސްނުވުން ފިޔަވައި، އެހެން ހުރިހާ ކަންކަން ފުރިހަމައަށް ކޮށްދީފައި ވާތީ އެވެ.

އޭގެ އިތުރުން ފަރާގެ ޕޯސްޓުގައި "ކަބީ އަލްވިދާ ނާ ކެހެނާ" ފިލްމުގެ ސައުންޑްޓްރެކް ބޭނުންކޮށްފައި ވާތީ، ދަރިފުޅު ދިވާ ކުންދަރަށް އެ ލަވަ ހިޔާރުކުރި ސަބަބު އެނގޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ފަރާގެ ތިން ދަރިން ކިޔަވަން ފެށި ދާއިރާތަކާއި ޔުނިވަސިޓީތަކުގެ ތަފްސީލު ވެސް އޭނާ ވަނީ އާންމުކޮށްފަ އެވެ.

  • ދިވާ ކުންދަރު: އެންޓްރަޕްރިނިއާޝިޕް އާއި ފައިނޭންސް ކިޔެވުމަށް ގޮސްފައި ވަނީ ބެބްސަން ކޮލެޖަށް
  • އާންޔާ ކުންދަރު: އިކޮނޮމިކްސް އާއި ޑޭޓާ ސައިންސް ކިޔެވުމަށް ގޮސްފައި ވަނީ ނިއުޔޯކް ޔުނިވާސިޓީއަށް
  • ޒާ ކުންދަރު: ބިޒްނަސް އާޓިފިޝަލް އިންޓެލިޖެންސް ކިޔެވުމަށް ގޮސްފައި ވަނީ އެމޯރީ ޔުނިވާސިޓީއަށް

ފަރާގެ އެ އަސަރުގަދަ ޕޯސްޓަށް ބޮލީވުޑްގެ ބައެއް ފަންނާނުން ވަނީ ކޮމެންޓުކޮށް ހިތްވަރުދީފަ އެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ ފަރާއަކީ "އެންމެ މޮޅު މަންމަ" ކަމަށް ބުނެފަ އެވެ. އަދި ރިއާ ކަޕޫރު ވަނީ ކުދިން އެހާ އަވަހަށް ބޮޑުވުމުން އަންތަރީސްވެފައިވާ ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން ޝިލްޕާ ޝިރޯދުކަރު، ސިއްދާތު، ނަމްރަތާ ޝިރޯދުކަރު، ރިދިމާ ކަޕޫރު އަދި މަހީޕް ކަޕޫރު ކަހަލަ ތަރިން ވެސް ވަނީ ތަހުނިޔާ ފޮނުވައިފަ އެވެ.

ކުރިން ދިން އިންޓަވިއުއެއްގައި ފަރާ ވަނީ އޭނާގެ ޔޫޓިއުބް ޗެނަލް ފެށި ސަބަބާ މެދު ވާހަކަދައްކަމުން، ތިން ދަރިން އެއްފަހަރާ ޔުނިވާސިޓީއަށް ފޮނުވުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށާއި، އެހެންވެ އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުން ޔޫޓިއުބް ޝޯއެއް ފެށީ ކަމަށް ބުނެފަ އެވެ. އަދި ދަރިން ބޮޑުކުރުމަށް ވުރެ އެ ކުދިން އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ދޫކޮށްލުމަކީ މާ އުނދަގޫ ކަމެއް ކަމަށް ވެސް ފަރާ ބުނެފި އެވެ.