ނުވަދިހައިގެ އަހަރުތަކުގައި އިންޑިއާގެ ފިލްމީ ދާއިރާއަށް މުމްބާއީގެ އަންޑަވޯލްޑް ނުވަތަ ކުށްވެރިންގެ ގުރޫޕްތަކުގެ ނުފޫޒު އޮތް މިންވަރާ ބެހޭ ގޮތުން ބޮލީވުޑްގެ މަޝްހޫރު ކޯރިއޮގްރާފަރު އަދި ޑައިރެކްޓަރު ފަރާ ހާން ވާހަކަތަކެއް ހިއްސާކޮށްފި އެވެ.

ރަންވީރު އައްލަބާޑިއާގެ ޕޮޑްކާސްޓުގައި ފަރާ ބުނީ އެ ދުވަސްވަރު ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ހާނުން ކަމަށްވާ ޝާހްރުކް ހާން އާއި ސަލްމާން ހާން އަދި އާމިރު ހާނަށް ވެސް އަންޑަވޯލްޑްގެ ފަރާތުން ބޮޑެތި ފިއްތުންތަކާ ކުރިމަތިވި ކަމަށެވެ.

ފަރާ ބުނި ގޮތުގައި، އެއީ ފިލްމީ ދާއިރާގައި މަސައްކަތްކުރި މީހުންނަށް ވަރަށް ބިރުވެރި ދުވަސްވަރެކެވެ. ފަރާ އެހެން ބުނީ 1993 ނުވަތަ 1994 ހިސާބުގައި ފިލްމު އުފައްދާ މުކޭޝް ދުއްގަލް ބަޑިޖަހާ މަރާލި ހާދިސާ ހަނދާން އާކުރަމުންނެވެ.

އެ ހާދިސާ ހިނގިއިރު އޭނާ ހުރީ ފިލްމެއްގެ ސެޓުގައި ކަމަށާއި އެ ޚަބަރާ އެކު މުޅި ދާއިރާއަށް ބޮޑު ސިހުމެއް ލިބުނު ކަމަށް ފަރާ ބުންޏެވެ.

މީގެ އިތުރުން، ކަރަން ޖޯހަރުގެ ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ރިލީޒްކުރި ދުވަސްވަރު ހިނގި ބިރުވެރި ހާދިސާއެއް ވެސް ފަރާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި، އެ ފިލްމުގެ ޕްރިމިއާ ބޭއްވި ދުވަސްވަރު ކަރަންއަށް އަންޑަވޯލްޑުން މަރުގެ އިންޒާރު ދިނެވެ. އެކަމުގެ ސަބަބުން ފިލްމުގެ ޕްރިމިއާ ކެންސަލް ކުރަން ވެސް އޭރު ވިސްނި ކަމަށާއި، އެއީ މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު ބިރުވެރިކަމެއް ކަމަށް ފަރާ ބުންޏެވެ.

އައްޑިހައިގެ އަހަރުތަކަކީ ހިންދީ ސިނަމާގެ ފެންވަރު ވަރަށް ބޮޑަށް ދަށްވި ދުވަސްވަރެއް ނަމަވެސް، ނުވަދިހައިގެ އަހަރުތަކުގައި ފިލްމުތަކުގެ ފެންވަރު ރަނގަޅުވާން ފެށި ފަހުން، އޭރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އަންޑަވޯލްޑުގެ ނުރައްކާ ކަމަށް އޭނާ ބުންޏެވެ.

ފަރާ މިހާރު ބިޒީކޮށް އުޅެނީ ޔޫޓިއުބްގައި "ކުކިން ވްލޮގް"ތަކެއް ތައްޔާރުކުރުމުގަ އެވެ. އޭނާގެ މި ވީޑިއޯތަކަށް ބޮޑު މަގުބޫލުކަމެއް ލިބެމުންދާއިރު، މިހާރު އޭނާގެ ޗެނަލްގައި ތިން މިލިއަނާ ގާތްކުރާ އަދަދަކަށް ސަބްސްކްރައިބަރުން އެބަ ތިއްބެވެ.