ނެޓްފްލިކްސް މަޝްހޫރު ސީރީޒް "ސްޓްރޭންޖާ ތިންގްސް" އިން ބޮޑު މަގުބޫލު ކަމެއް ހޯދި އިނގިރޭސި އެކްޓްރެސް މިލީ ބޮބީ ބްރައުން އާއި އޭނާގެ ފިރިމީހާ ޖޭކް ބޮންޖިއޯވީ ދެވަނަ ކުއްޖަކު އެޑޮޕްޓު ކޮށްފި އެވެ.
އުމުރުން 22 އަހަރުގެ މިލީ އާއި އޭނާގެ ފިރިމީހާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް މި އުފާވެރި ޚަބަރު ސަޕޯޓަރުންނާ ހިއްސާކޮށްފަ އެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން ފެންނަނީ އެ އާއިލާގެ ހަތަރު މީހުންގެ އަތް އެކަކު އަނެކަކުގެ އަތްމަތީގައި ބާއްވާފައި އޮތް ތަނެވެ.
އާއިލާއަށް އިތުރުވި ފިރިހެން ކުއްޖާގެ ކުޑަކުޑަ އަތުން ޖޭކްގެ އިނގިލީގައި ހިފަހައްޓައިގެން އޮތްއިރު، މިލީ އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައި ވަނީ "ހާއީ ލިޓްލް ގާއި" އެވެ.
ނަމަވެސް އެ ކުއްޖާގެ ނަމާއި މޫނު އަދި އާންމުކޮށްފައެއް ނުވެ އެވެ.
މި ދެމަފިރިން އެންމެ ފުރަތަމަ ކުއްޖަކު އެޑޮޕްޓު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އެއީ އަންހެން ކުއްޖެކެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި މިލީ ބުނެފައި ވަނީ ކުދިން އެޑޮޕްޓު ކުރުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އެ ކުދިންގެ އަމިއްލަ ދިރިއުޅުމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ މައިންބަފައިންގެ ހައިސިއްޔަތުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.
މިލީ އާއި ރޮކް ސްޓާ ޖޯން ބޮންޖޯވީގެ ދަރިފުޅު ޖޭކް ބޮންޖިއޯވީ ކައިވެނިކުރީ 2024 ވަނަ އަހަރުގެ މެއި މަހު އެވެ. މި މަހު ކުރީކޮޅު އިޓަލީއަށް ކުރި ދަތުރެއްގައި އާންމުކުރި ވީޑިއޯއެއް މިލީ ވަނީ ދެވަނަ ކުއްޖަކު އެ އާއިލާއަށް އިތުރުވާން އުޅޭ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.