މި އީދު ފަޅުފިލުވާލާނީ މި ބޮޑުބެރު ގުރޫޕު

އަށް ލަވަ ހިމެނޭ "ނަޔާރޭ" އަލްބަމް މި އީދުގައި ނެރޭނެ

މިއީ މީގެ ހަތަރު މަސް ދުވަސް ކުރިން ވުޖޫދަށް އައި ވ. ފުލިދޫ ނަޔާރޭ ބޮޑުބެރު ގްރޫޕްގެ ވާހަކަ އެވެ. ގްރޫޕްގެ އުމުރު އަދި ކިތަންމެ ޅަޔަސް، އެ މީހުންގެ ހުނަރު ޅައެއް ނޫނެވެ. ޖޯޝާއި ފޯރި ވެސް ހުރީ އަތް ޖެހޭ ހިސާބަށް ވުރެ މާ މަތީގަ އެވެ. ހަރަކާތްތައް ހުރީ މެކުހުގަ އެވެ. ހާއްސަކޮށް ވ. އަތޮޅާއި އެ ހިސާބުގެ އެހެން އަތޮޅުތަކުގެ ރިސޯޓްތަކާއި އެ ސަރަހައްދަށް ބަނދަރު ކުރާ ސަފާރީތަކުގައި މިއީ ވަރުގަދަ ގުރޫޕެކެވެ.


ނަޔާރޭ ބޮޑުބެރު ގްރޫޕްގެ މެމްބަރުންގެ ގޮތުގައި 30 ޒުވާނުން އެބަ ތިއްބެވެ. އެ ހުރިހާ އެންމެންނަކީ ވެސް ތަފާތު ވަޒީފާތަކުގައި އުޅެމުން ބޮޑުބެރުގައި ހަރަކާތްތެރިވާ ޒުވާނުންނެވެ. އިސްކޮށް ހުރީ މުހައްމަދު ޝާން އެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުން ގްރޫޕް އަންނަނީ ހަރުފަތްތަކެއް ގިރާކޮށް ކުރިއެރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ނަޔާރޭގެ އެންމެ ހާއްސަ އެއް ކަމަކީ ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ބޮޑުބެރު އެހެން ގްރޫޕްތަކާ ހިލާފަށް އެންމެ އިހުގެ ވައްޓަފާޅި އަށް، އިހުގެ ގޮތްގަނޑަށް ހަދާ ރާގުތަކާ އެކު އެންމެ އިހުގެ އިހުސާސްތައް އެ މީހުންގެ ލަވަތަކުން ގެނުވައިދިނުމެވެ. ނަޔާރޭގެ ލަވަތައް ހަދަނީ ވެސް އެކަމަށް ހާއްސަ ބައެކެވެ. ސާދާ އެހެނަސް ވަރުގަދަ މާނަ ފުން ޅެންތަކަކީ ނަޔާރާގެ އެންމެ ހާއްސަ އެއް ސިފަ އެވެ.

ނަޔާރޭ ބޮޑުބެރު ގްރޫޕްގެ އަލްބަމް "ނަޔާރޭ"ގެ ވީޑިއޯ ލަވައެއްގެ ޝޫޓިން ކުރިއަށް ދަނީ

ވުޖޫދަށް އައިތާ އެންމެ ހަތަރު މަސް ފަހުން އެ ގްރޫޕް މިހާރު އޮތީ ފުރަތަމަ އަލްބަމް ވެސް އެހުންތެރިންނަށް ދޫކޮށްލަން ތައްޔާރަށެވެ. އަށް ލަވަ ހިމެނޭ "ނަޔާރޭ" އަލްބަމް މި އީދުގެ ތެރޭގައި ރިލީޒް ކުރާނެ އެވެ. އޯޑިއޯ ރިލީ ކުރާއިރު، އަލްބަމްގެ ލަވަތަކުގެ ތެރެއިން ލަވައެއްގެ ވީޑިއޯ ވެސް ނެރެން ވަނީ ނިންމައިފަ އެވެ. ގްރޫޕްގެ މެމްބަރުންނާއި ޒުވާން ފިލްމީ ބަތަލާ މަލީހާ ވަހީދު (މަލް)ގެ ހަރަކާތްތައް ފެނިގެންދާ ވީޑިއޯ ލަވައިގެ ޝޫޓިން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

އަލްބަމް ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ނަޔާރޭ ބޮޑުބެރު ގްރޫޕުން އަންނަނީ ވަމުންނެވެ.

މި ގްރޫޕް މާކެޓް ކުރުމާއި އޭގެ ވީޑިއޯ މަސައްކަތްތަކާ ހަވާލުވެގެން ހުރި އަހުމަދު ޒާހިރު (އުންމީދު) ބުނި ގޮތުގައި "ނަޔޭރާ" އަލްބަމްވެގެން ދާނީ ރާއްޖޭގައި މިހާތަނަށް ނީވޭ ކަހަލަ ހިތްގައިމު ބޮޑުބެރު ލަތަކެއް އިވިގެން ދާނެ އަލްބަމަކަށެވެ.

"އެންމެ ހާއްސަ ކަމަކީ އެންމެ އިހުގެ ގޮތަށް ނަޔާރޭ އިން ބޮޑުބެރު ލަވަތައް ކިޔާތީ،" އޭނާ ބުންޏެވެ. "މި ގްރޫޕްގެ ފޯކަސް އޮތީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރާއްޖޭގެ ސަގާފީ މިއުޒިކް ތަޖުރިބާކޮށްލަދިނުން. އެހެންވެ ބޮޑަށް ރިސޯޓްތަކާއި ސަފާރީތަކުގައި ޝޯ ދިނުން އަމާޒަކީ."

އުންމީދު ބުނީ "ނަޔާރޭ"ގެ އޯޑިއޯ ނެރުމަށް ފަހު، ހުރިހާ ލަވައެއްގެ ވީޑިއޯ ވެސް ވަރަށް އަވަހަށް ގެނެސްދޭނެ އެވެ.

"މީތި ބޮޑަށް އަޅުގަނޑުމެން ޕްރޮމޯޓް ކުރަން ވެސް ބޭނުން ވަނީ ޓޫރިސްޓުންނަށް. އަސްލު ނަޔާރޭ އިން މި ކުޅޭ ބޮޑުބެރަށް ޓޫރިސްޓުންގެ ތަރުހީބާއި ޝައުގު ވަރަށް ބޮޑު،" އޭނާ ބުންޏެވެ. "ހަމައެއާ އެކު ރާއްޖޭގެ ވިޔަފާރިތަކާ ގުޅިގެން އަލްބަމް ޕްރޮމޯޓް ކުރަން ވެސް އިތުރު މަސައްކަތްތަކެއް ކުރަން ރާވާފައި ހުރީ."

އުންމީދު ބުނީ ފުލިދޫ ކަހަލަ ކުޑަކުޑަ އާބާދީއެއް އޮތް ރަށަކުން ނަޔާރޭ ކަހަލަ ބޮޑުބެރު ގްރޫޕެއް އުފަންވުމަކީ ރާއްޖޭގެ ބޮޑުބެރަށް އަންނާނެ އިތުރު ކުރިއެރުމެއް ކަމަށެވެ. ރިސޯޓްތަކާއި ސަފާރީތަކުގައި ޝޯތައް ދޭން ބޮޑަށް އަމާޒު ހިފާފައި އޮތަސް، ނަޔާރޭގެ ހުނަރު ރާއްޖޭގެ ރައްޔިތުންނަށް ވެސް ދައްކައިލަން ބޭނުންވެ އެވެ.

ނަޔާރޭ ބޮޑުބެރު ގްރޫޕަކީ ލަނގިރި އަށް ވެސް ކުޅަދާނަ ބައެއް.

"ބޮޑު އީދުގައި ވެސް ބައެއް ރަށްރަށުގައި ޝޯތައް ދޭން ރޭވިފައި ހުރީ،" އުންމީދު ބުންޏެވެ.

ނަޔާރޭ ބޮޑުބެރު ގުރޫޕުގެ މަސައްކަތް އަދި ކިރިޔާ ފެށުނީ އެވެ. މަސައްކަތްތަކާއި އެ މީހުންގެ ހުނަރު ދައްކައިލުން ކުރިއަށް އަދި އޮތީ އެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ނަޔާރޭއަކީ ހަމައެކަނި ބޮޑުބެރަށް ހާއްސަ ގްރޫޕެއް ވެސް ނޫނެވެ. މިއީ ލަނގިރި ޖަހަން ވެސް ހަމަ ކުޅަދާނެ ބައެކެވެ. އެ މީހުން ދޭ ޝޯތައް ފުރިހަމަވެގެން އަންނާނީ ލަނގިރީގެ ފާޑުވެރިކަމާ ވެސް އެކުގަ އެވެ. އެ މީހުންގެ ހުރި ކުޅަދާނަކަން މި އީދުގައި ފެންނާނެ ކަމާ މެދު ސުވާލެއް ނެތެވެ.