އަންނަ މަހުގެ 24 ގައި ޕްރިމިއާކުރަން ނިންމި ކްރިސްޓަލް އެންޓަޓައިންމަންޓްގެ ފިލްމް "ބޮސް" ރިލީޒް ކުރާ ތާރީހު ފަސްކޮށްފި އެވެ.

ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނީ ފިލްމް އަޅުވާ ތާރީހު ހަފުތާއަކަށް ފަސްކޮށްލީ މި އަހަރުގެ ސްކޫލްތަކުގެ ދެވަނަ ޓާމްގެ އިމްތިހާނާ ކުރީގެ ތާރީހު ދިމާވާތީ، ފިލްމަށް އިންތިޒާރު ކުރާ މީހުންނަށް ފަސޭހަކޮށްލުމުގެ ގޮތުން ކަމަށެވެ.

އޭނާ ބުނީ "ބޮސް" ފަސްކޮށްލުމާ، ފިލްމުގެ އެއްވެސް މަސައްކަތް ނުނިމުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"ފިލްމުގެ މަސައްކަތް މިހާރު ވެސް އޮތީ ގާތްގަނޑަކަށް ނިމިފައި. ޑަބިން ބޮޑު ކަމަކަށް އޮތީ،" ނަހުލާ ބުންޏެވެ.

އޭނާ ބުނީ ފިލްމް އަޅުވާ ތާރީހަށް ބަދަލު އައި ނަމަވެސް، ކުރިން ވެސް އޮތް ގޮތަށް މި މަހުގެ 26 އިން ފެށިގެން ފިލްމުގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާނެ ކަމަށެވެ.

"ބޮސް" އަކީ ނަހުލާގެ ސްކްރީންޕްލޭއަކަށް، ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

މި ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާނާ އެކު، މަރިޔަމް އައްޒަ އެވެ. އަދި ފިލްމުގެ ކާސްޓުން އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ) އަދި އަލީ އާޒިމް (ދޮންއައްޔަ) ފެނިގެން ދާނެ އެވެ.

"ބޮސް" ގެ ޓްރެއިލާ ވެސް ދައްކާލައި، ފިލްމްގެ ލަވަތައް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ފިލްމްގައި ހިމެނޭނީ އަމިއްލަ ރާގުގެ ހަ ލަވަ އެވެ.

މި ފިލްމަކީ ޒަމާންގަޑަކަށް ފަހު ނަހުލާގެ އަސަރު ގަދަ ލޯބީގެ ފިލްމެއް ސްކްރީނަށް އަންނަ ފުރަތަމަ ފަހަރެވެ. އޭނާ އެންމެ ފަހުން ގެނެސް ދިނީ މިދިޔަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމް "4426" އެވެ.