ޝާހްރުކް: "ޒީރޯ" ނިންމާފައި "ސެލިއުޓް" ގެ މަސައްކަތް ފަށާނެ.
15 މާޗް 2018 - 06:28
ޑައިރެކްޓަރު އާނަންދް އެލް. ރާއީގެ ޑްވޯފް ފިލްމް "ޒީރޯ" ގެ މަސައްކަތް ޝާހްރުކް ކުރަމުން އަންނަ އިރު، އިތުރު އެހެން އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކުރެ އެވެ. އޭޕްރީލް މަހު ފިލްމުގެ ޝޫޓިން ނިންމައިލުމާ އެކު އަނެއްކާ ވެސް އޭނާ ވަރަށް ބިޒީ ވާނެ އެވެ.
އެއީ ކުޅެން ޖެހޭ ކެރެކްޓާއަކަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭތީ އެވެ. "ޒީރޯ" ނިންމާފައި ޝާހްރުކް ފަށާނީ އިންޑިއާގެ އެސްޓްރޮނޯޓް، މިހާރު އުމުރުން 69 އަހަރުގެ ރާކޭޝް ޝަރްމާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ "ސެލިއުޓް" ގެ މަސައްކަތެވެ. މި ފިލްމަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ތައްޔާރީތަކެއް ވާން ޖެހެ އެވެ. ތައްޔާރީތައް މެއި މަހު ފަށަން ނިންމާފައިވާ އިރު، ފިލްމްގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރުގަ އެވެ.
އެހެންވެ މަހޭޝް މަތާއީ ޑައިރެކްޓް ކުރާ "ސެލިއުޓް" އަކީ އަންނަ އަހަރު ސިނަމާ އަށް އަންނާނެ ކަމަށް ބެލެވޭ ފިލްމެކެވެ. ހަމަމިއާ އެކު "ޑޮން 3" އަކީ ވެސް މިހާރު އަންނަ އަހަރަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
"ސެލިއުޓް" އަކީ ކުރިން އާމިރް ހާން ކުޅެން އޮތް ފިލްމެކެވެ. އެކަމަކު ފިލްމްތަކެއްގެ ޕްރޮޑަކްޝަން ސައިޑްގައި ކެމެރާގެ ފުރަގަހުގައި މިހާރު "ތަގްސް އޮފފް ހިންދުސްތާން" ގެ މަސައްކަތް ކުރަމުން އަންނަ އެކްޓަރު މަސައްކަތްތަކެއްކޮށްލަން ރާވާފައިވާތީ "ސެލިއުޓް" ނުކުޅެ ދޫކޮށްލީ އެވެ. އަނެއްކޮޅުން މި ފިލްމަށް ޝާހްރުކްގެ ނަން ރިކަމަންޑް ވެސް ކުރީ އާމިރު އެވެ.
ރާކޭޝް ޝަރްމާ އާއި އާމިރް ހާން.
މީގެ ކުރިން އާމިރް ވަނީ ޝާހްރުކަށް ހުށަހެޅި ފިލްމްތަކެއް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި ލަގާން (2001) ފާހަގަކޮށްލެވެ އެވެ. އަދި ޑަރް (1993) އަކީ އާމިރު ނުކުޅެ، ދޫކޮށްލުމުން ޝާހްރުކް ކުޅުނު ފިލްމެކެވެ.
އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފްއާ އެކު ޝާހްރުކް ކުޅޭ "ޒީރޯ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު 21 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy