ކަންގަނާ ރަނާވަތު ވެސް މި ފަހަރު އަލަށް ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރި ވަނީ

ފްރާންސްގައި ބާއްވާ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވާ ބޮލީވުޑްގެ ތަރިން އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ އިރު، މި އަހަރު ބާއްވާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ބަތަލާ ކަންގަނާ ރަނާވަތުގެ އަލަށް ބައިވެރިވާނެ އެވެ.


ފްރާންސް ކުންފުންޏެއްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުން ކަންގަނާ ކާންސްގައި ފުރަތަމަ ބައިވެރި ވާނީ އަންނަ މަހުގެ 10 ގަ އެވެ. އަންނަ މަހުގެ 8-19 އަށް ކުރިއަށްދާ ކާންސް ފިލްމް ފެސްޓިވަލްގައި އޭނާ ތިން ދުވަހު ބައިވެރި ވާނެ އެވެ.

ކަންގަނާ މިހާރު އަންނަނީ ފެސްޓިވަލްގައި ބޭނުން ކުރާނެ ހެދުންތަކާ ގުޅޭ ގޮތުން ސްޓައިލިސްޓުންނާ އެކު ބައްދަވުންތައް ބާއްވަމުންނެވެެ. ރިޕޯޓްތައް ބުނާ ގޮތުން ކާންސްގައި ކަންގަނާ ލާނީ ހުދާއި އަޅި އަދި ނޫކުލައިގެ ގައުންތަކެވެ. ބޮލީވުޑްގެ އެންމެ ސްޓައިލިޝް ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަންގަނާ، 31، އިންޑިއާގެ ސާޅީއެއްގައި ވެސް ކާންސްގައި ފެނުމުގެ ފުރުސަތު ބޮޑެވެ.

އޮގަސްޓް މަހުގެ 18-19 އަށް އެމެރިކާގެ ނިއު ޖާޒީގައި ބާއްވާ "ގާންދީ ގޯޒް ގްލޯބަލް" ސަމިޓްގައި އިންޑިއާ ތަމްސީލު ކުރާނީ ވެސް ކަންގަނާ އެވެ. އެ ސަމިޓްގައި ދުނިޔޭގެ މަޝްހޫރު އަންހެން ޝަހުސިއްޔަތުން ކަމަށްވާ އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ މިޝެލް އޮބާމާ އާއި އޯޕްރާ ވިންފްރީއާ އެކުގައި އޭނާ ސްޓޭޖް ހިއްސާ ކުރާނެ އެވެ.

ތާރީހީ ފިލްމް "މަނިކަރްނިކާ" ނިންމައިލުމަށް ފަހު، ކަންގަނާ މިހާރު ތައްޔާރުވަމުން އަންނަނީ ސައިކޮލޮޖިކަލް ތުރިލާ "މެންޓަލް ހޭ ކިޔާ" އެވެ.

ކަންގަނާ: ކާންސްގައި ލާނެ ހެދުންތައް އަންނަ ހަފުތާގައި ފައިނަލް ކުރާނެ.

ދީޕިކާ ޕަދްކޯން ކުޅުނު ފުރަތަމަ ހޮލީވުޑް ފިލްމް "ޓްރިޕްލްސް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އާއި ފްރާންސްގެ ބްރޭންޑް ލޯރިއެލްގެ އެމްބެސެޑަރެއްގެ ގޮތުން މިދިޔަ އަހަރު ކާންސްގައި ބައިވެރިވި އެވެ.

އެ ފެސްޓިވަލްގައި އާންމުކޮށް ބައިވެރިވާ ބޮލީވުޑް ތަރިންގެ ތެރޭގައި ލޯރިއެލްގް އެމްބެސެޑަރުކަން ކުރާ އައިޝްވާރިޔާ ރާއީ އާއި ސޯނަމް ކަޕޫރް ހިމެނެ އެވެ. އަދި 2016 ގައި ކެޓްރީނާ ކައިފް ވެސް ވަނީ ކާންސްގައި ބައިވެރިވެފަ އެވެ. އޭނާއަކީ ވެސް ލޯރިއެލްގެ އެމްބެސެޑަރެކެވެ.

ކާންސްގައި މި އަހަރު އިންޑިއާގެ ފިލްމް "މަންޓޯ" ޕްރިމިއާ ކުރާނެ އެވެ. އެ ފިލްމަކީ ބަތަލާ ނަންދިތާ ދާސް ޑައިރެކްޓްކޮށް، ނަވާޒުއްދީން ސިއްދީގީ ޓައިޓްލް ރޯލް ކުޅެފައިވާ ފިލްމެކެވެ. އެއީ އިންޑިއާ/ޕާކިސްތާންގެ ކުރީގެ މަޝްހޫރު ލިޔުންތެރިޔާ ސާދާތު ހަސަން މަންޓޯގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.