"ރޭސް 3" ގެ ސެޓްލައިޓް ރައިޓްސް 130 ކްރޯޑަށް ވިއްކާލައިފި

އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ ސަލްމާން ހާންގެ "ރޭސް 3" ގެ ސެޓްލައިޓް ރައިޓްސް 130 ކްރޯޑް ރުޕީސް އަށް ވިއްކާލައިފި އެވެ.


ޑީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އަގުގައި ފިލްމްގެ ސެޓްލައިޓް ރައިޓްސް ވިއްކައިލުމާ އެކު، މި ރޭހުގެ އެންމެ ކުރީގައި އެންމެ ބޮޑު އަގަކާ އެކު މިހާރު އޮތީ ވެސް ސަލްމާނެވެ. "ރޭސް 3" ގެ ސެޓްލައިޓް ރައިޓްސް ވިއްކައިލީ ޒީ ނެޓްވޯކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެންމެ ފަހުން ރިލީޒް ކުރި ސަލްމާންގެ "ޓައިގާ ޒިންދާ ހޭ" ގެ ސެޓްލައިޓް ރައިޓްސް ސޮނީ އެންޓަޓައިންމަންޓަށް ވިއްކައިލީ 70 ކްރޯޑް ރުޕީސްއަށެވެ. "ރޭސް 3" ގެ ސެޓްލައިޓް ރައިޓްސް ރިކޯޑް އަގަކަށް ވިއްކައިލިކަން މީޑިއާތަކުން ރިޕޯޓްކޮށްފައި މި ވަނީ ސަލްމާންގެ ކުރިއަށް އޮތް 4 ފިލްމެއްގެ ރައިޓްސް 400 ކްރޯޑް ރުޕީސް އަށް ވިއްކާލައިފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.

"ރޭސް 3" ގެ ޓްރެއިލާ.

ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސް އާއި ސަލްމާންގެ ފިލްމް ކުންފުނި އެސްކޭއެފުން ޕްރޮޑިއުސްކޮށްފައިވާ "ރޭސް 3" އަކީ 23 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ސަސްޕެންސް ތުރިލާއެކެވެ. މި ފިލްމަކީ އައްބާސް-މަސްތާން ގެނެސް ދެމުން ގެންދިޔަ "ރޭސް" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.

އެކަމަކު ތަފާތު ކާސްޓަކާ އެކު "ރޭސް 3" ޑައިރެކްޓް ކުރީ ރެމޯ ޑި ސޫޒާ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ސަލްމާނާ އެކު، ޖެކްލިން ފެނަންޑޭޒް، ބޮބީ ޑިއޯލް، ޑެއިޒީ ޝާހް، އަނިލް ކަޕޫރް އަދި ސާގިބް ސަލީމް ހިމެނެ އެވެ. ފިލްމް ޝޫޓްކޮށްފައި ވަނީ މުމްބާއީގެ އިތުރުން ތައިލެންޑާއި އަބޫދާބީގަ އެވެ.

ތަރަންގެ ޓްވީޓް.

ބޮލީވުޑްގެ ވިޔަފާރި ހަބަރުތައް ދިސާރާ ކުރާ މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި "ރޭސް 3" އަކީ ރިލީޒް ކުރާ ދުވަހު އެކަނި ވެސް ރެކޯޑް އާމްދަނީއެއް ހޯދާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. ސަލްމާންގެ ފިލްމްތަކުގެ ތެރެއިން މިހާތަނަށް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެެއް ހޯދި ފިލްމްގެ ރިކޯޑް އޮތީ 2016 ގައި ރިލީޒް ކުރި "ސުލްތާން" ގަ އެވެ.

އެ ފިލްމް ރިލީޒް ކުރި ދުވަހު 35.54 ކްރޯޑްގެ އާމްދަނީއެއް ހޯދި އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ޓައިގާ ޒިންދާ ހޭ" އަށް ބޮކްސް އޮފީހުހައި ޖުމްލަ 570.82 ކްރޯޑް ރުޕީސް (85 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.