"ރޭސް 3" ގެ ޕޯސްޓަރެއްގައި ސަލްމާނާއި ޖެކްލީން.
17 ޖޫން 2018 - 09:35
ހުކުރު ދުވަހު ރިލީޒް ކުރި ސަލްމާން ހާންގެ ފިލްމް "ރޭސް 3" ވަރަށް މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް، މި ފިލްމް ކްރިޓިކުންނަށް ކަމުދާ އެއްޗަކަށް ނުވި އެވެ.
ގިނަ ކްރިޓިކުން މިއަށް ރޭޓިން ވެސް ދީﷲާއި ހުރީ ވަރަށް ދަށްކޮށެވެ.
މަޝްހޫރު ކްރިޓިކް ތަރަން އަދާޝް "ރޭސް 3" އަކީ މާޔޫސްކުރުވި ފިލްމެއް ކަމަށް ސިފަކޮށް ބުނީ "ވިދާހާ އެއްޗަކީ ރަނެއް ނޫން" ކަން މި ފިލްމުން ސާބިތުވެއްޖެ ކަމަށެވެ. އޭނާ ފިލްމަށް ދިނީ ފަހެކުން އެންމެ ދެ ތަރި އެވެ. ތަރަން ބުނި ގޮތުގައި "ރޭސް 3" ގެ ޑައިރެކްޓަރު ރެމޯ ޑި ސޫޒާ ދޫކޮށްލީ ރަނުގެ ފުރުސަތެކެވެ.
އޭނާ ބުނީ "ރޭސް 3" އަކީ ވަރުގަދަ ސަސްޕެންސް ތުރިލާއަކަށް ހަދަން، ރެމޯ އަށް ލިބުނު ފުރުސަތުގެ ބޭނުން ބޭކާރުވެފައިވާ ކަމަށާއި ފިލްމް އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށެވެ.
ކޯމަލް ނަހަތާ ވެސް ބުނީ ފިލްމް ވަރަށް ފޫހި ކަމަށާއި ފިލްމްގެ ފުރަތަމަ ހާފު ވަކިން ފޫހި ކަމަށެވެ.
#OneWordReview...#Race3: DISAPPOINTING.
— taran adarsh (@taran_adarsh) June 15, 2018
Rating: ⭐️⭐️
All that glitters is not gold... Remo D’souza misses the golden opportunity! pic.twitter.com/xTpbO3tyYH
ތަރަންގެ ޓްވީޓް.
ގިނަ ކްރިޓިކުން ބުނެފައިވާ ގޮތުގައި "ރޭސް 3" ގެ ސްކްރީންޕްލޭ ވަރަށް ވަނދުވެފައި، އެންޓަޓައިމަންޓް ވެލިއު ވެސް ވަރަށް ކުޑަ އެވެ. އަދި ފިލްމްގެ ތަރިންގެ ފަރާތުން ވެސް މާ މޮޅު އެކްޓިންއެއް ފެނިފައި ނުވާ ކަމަށް ބުންޏެވެ.
އެގޮތުން ޖެކްލިން ފެނަންޑޭޒްއާ ކުޅުނު ރޯލަށް ރަނގަޅަށް އިންސާފުކޮށް ދެވިފައި ނުވާ ކަމަށާއި އޭނާ ފެނުނީ އެކްޓް ކުރަން ނޭނގިގެން އުޅުނު ކަހަލަ ގޮތަކަށް ކަމަށް ކްރިޓިކުން ބުންޏެވެ. މީގެ އިތުރުން "ރޭސް 3" ގައި ބޮބީ ޑިއޯލް ވެސް ހަށިގަނޑު ދައްކައިލުމާ އެކު، ބޮޑު ފިލްމަކުން އައި ނަމަވެސް، އޭނާގެ ރޯލްގައ ވެސް މާ ހާއްސަ ކަމެއް ނެތް ކަމަށް ބުންޏެވެ.
ތަރަން ބުނި ގޮތުގައި މިދިޔަ އަހަރު ރިލީޒް ކުރި "ޓައިގާ ޒިންދާ ހޭ" އާ ބަލައިފައި "ރޭސް 3" އަކީ ސަލްމާންގެ ވެސް އެހާ މޮޅު އެކްޓިންއެއް ފެނިގެން ދާ ފިލްމެއް ނޫނެވެ. އެކަމަކު އޭނާ ފިލްމްގައި އުޅޭތީ، ސަލްމާންގެ ބާރުން ފިލްމަށް ކޮންމެވެސް ވަރެއް ވާނެ ކަމަށް ތަރަން ބުންޏެވެ.
އޭނާ ބުނީ ފިލްމަށް މާ ބޮޑު އާމްދަނީއެއް ވެސް ލިބޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި "ރޭސް 3" އިން ޑިސްޓްރިބިއުޓަރުންނަށް ވެސް ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
Race3 will bring in the moolah but not the praises. Its first half is terribly boring but turns & twists after interval are engaging. Read my review at https://t.co/6UYXdB7MeE
— Komal Nahta (@KomalNahta) June 15, 2018
ކޯމަލްގެ ޓްވީޓް.
"ރޭސް" ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމް ޑައިރެކްޓް ކުރީ ބޮލީވުޑްގައި ސަސްޕެންސް ތުރިލާތައް ހަދަން މަޝްހޫރު އައްބާސް-މަސްތާން އެވެ. އަދި އެ ދެ ފިލްމްގައި ވެސް އެންމެ މުހިއްމު ރޯލެއް ކުޅުނީ ސައިފް އަލީ ހާނެވެ.
އެކަމަކު މި ފަހަރު ފިލްމްގެ ކާސްޓަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. "ރޭސް 3" ވަނދުވި އެއް ސަބަބަކީ ވެސް އެއީ އެވެ. ސައިފް ފިލްމްގައި ނެތުމަކީ ގިނަ ބަޔަކަށް ފިލްމް އެހާ ކަމުނުދިޔަ އެއް ސަބަބެވެ.
"ރޭސް 3" ގެ ކާސްޓުން މި ފަހަރުން، ކުރީގެ ފިލްމްތަކުން ފެނުނު ދެ ތަރިއަކު ފިޔަވައި މުޅިން ވެސް ތިބީ މިއަށް އާ މީހުންނެވެ. އަނިލް ކަޕޫރް "ރޭސް" ގެ ފުރަތަމަ ދެ ފިލްމުގައި ވެސް މަސައްކަތްކޮށްފައިވާ އިރު، 2013 ގައި ރިލީޒް ކުރި "ރޭސް 2" ގެ މުހިއްމު ރޯލެއް ޖެކްލީން ކުޅެފައިވެ އެވެ.
މި ފަހަރު ކާސްޓުންގެ ތެރޭގައި ދެން ހިމެނެނީ ޑެއިޒީ ޝާހް، ސާގިބް ސަލީމް އަދި ފްރެޑީ ދާރޫވާލާ ފަދަ އެކްޓަރުންނެވެ.
"ރޭސް 3" އަށް ހުކުރު ދުވަހު 29.17 ކްރޯޑް ލިބިފައިވާ އިރު، މިއީ ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ލިބުނު ފިލްމެވެ. ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ ވަނީ 42 ކްރޯޑަށް ވުރެ މައްޗަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy