އިންޑިއާގައި މިއުޒިކް ބޭންޑްތަކަށް ދޭ ސަމާލުކަން ކުޑަ: ސަނަމް

އިންޑިއާގައި މިއުޒިކް ބޭންޑްތަކަށް ދޭ ސަމާލުކަން ކުޑަ ކަމަށާއި ވަކިވަކި ލަވަކިޔުންތެރިންނަށް ބަރޯސާވުން ބޮޑު ކަމަށް، މަޝްހޫރު ބޭންޑް ސަނަމް އިން ބުނެފި އެވެ.


ރާއްޖޭގައި ވެސް ދެ ފަހަރެއްގެ މަތިން ޝޯ ދީފައިވާ ފޯ ޕީސް ބޭންޑުން ބުނީ އިންޑިއާގައި މިއުޒިކް ބޭންޑްތައް ހިންގުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި މިއުޒިކް ބޭންޑްތަކުގައި މަސައްކަތްކުރާ ލަވަކިޔުންތެރިންނަށް ލިބޭ ސަމާލުކަމާއި ފުރުސަތުތައް ވެސް ކުޑަ ކަމަށް ސަނަމް އިން ބުންޏެވެ.

ބޭންޑްތަކުގެ ވާހަކަތައް ކިޔައިދޭ "ރޮކް އޮން" ކަހަލަ ފިލްމްތައް ހަދައިގެން ވެސް، ބޭންޑްތަކަށް އާންމުންގެ ފަރާތުން އެދެވޭ ކަހަލަ އިޖާބައެއް ނުލިބޭ ކަމަށް ސަނަމް ބުންޏެވެ.

ސަނަމް ބޭންޑްގައި ހިމެނޭ މެމްބަރުންނަކީ ލީޑް ވޯކަލިސްޓް ސަނަމް ޕޫރީ އާއި އޭނާގެ ބޭބެ އަދި ލީޑް ގިޓަރިސްޓް ސަމަރް ޕޫރީގެ އިތުރުން ޑްރަމަރު ކޭޝަވް ދަންރާޖްގެ އިތުރުން ބޭސް ގިޓަރިސްޓް ވެންކަޓް ސުބްރަމާނިއަން (ވެންކީ އެސް) އެވެ.

ދެހާސް ތޭރައިގައި ވުޖޫދަށް އައި ސަނަމް އާންމުންގެ ތެރޭގައި ބޮޑަށް މަޝްހޫރީ ހިންދީ ސިނަމާގެ ރަން ޒަމާނުގެ ލަވަތަކުގައި މި ޒަމާނުގެ ރަހަތައް ލައްވައިގެން ގެނެސްދޭ ބޭންޑެއްގެ ގޮތުގަ އެވެ. އެކަމަކު މި ފަހުން އެ ބޭންޑުން އަންނަނީ އަމިއްލަ ރާގުތައް ވެސް ހަދައި، އެ ލަވަކަށް ޕަފޯމް ކުރަމުންނެވެ.

"އިންޑިއާގައި މީގެ ކުރިން އެބަހުރި ކާމިޔާބު ބޭންޑްތަކެއް ހިންގާފައި. އެކަމަކު މި ގައުމަކީ ބޭންޑްތަކާ އަދިވެސް ވަރަށް ބީރަށްޓެހި، ވަކިވަކި ލަވަކިޔުންނަށް ފޯކަސް ކުރާ ގައުމެއް،" ވެންކީ އެސް އިންޑޯ-އޭޝިއަން ނިއުސް އަށް ބުންޏެވެ. "އެއަށް ވުރެ ބޮޑަށް އަހަރެމެން ބޭނުންވޭ ބޭންޑްތަކާ ދޭތެރޭ މީހުން ދެކޭ ގޮތް ބަދަކު ވާން، ބޭންޑް ބޭންޑަކަށް ވަނީ ވެސް ޓީމް ވޯކެއްގެ ތެރެއިން ކުރެވޭ ބޮޑު މަސައްކަތަކުން."

އައްޑޫގައި ޝޫޓްކޮށްފައިވާ ސަނަމްގެ ލަވައެއް.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދު ވެސް ޝޯތައް ދެމުން އަންނަ ސަނަމް އިން ބުނި ގޮތުގައި އިންޑިއާގައި ބޭންޑްތަކަށް ދެވޭ ސަމާލުކަން ބޮޑުވުމަކީ އެ ބޭންޑުން ވަރަށް ދެކެން ބޭނުންވާ ދުވަހެކެވެ. އަދި އެކަން ވާނީ ބޭންޑްތަކުން ދައްކާ ހުނަރުތަކަށް ދެވޭ ސަމާލުކަން ހޯދިގެން ކަމަށް ބުންޏެވެ.

އިންޑިއާގައި ކުރިން ވިދާލި ބައެއް ބޭންޑްތަކުގެ ތެރޭގައި ދަ ލޯކަލް ޓްރެއިން، އަގަމް، ރަގޫ ޑިކްސިޓް ޕްރޮޖެކްޓް، ޕަރްވާޒް އަދި ތައިކުޑަމް ބްރިޖް ފާހަގަކޮށްލެވެ އެވެ.

އިންޑިއާގައި ލަވަކިޔުންތެރިން ބޮޑަށް ވިދައިލަނީ ބޮލީވުޑްގެ ފިލްމްތަކަށް ލަވަ ކިޔައި ދީގެންނެވެ. ސަނަމް ޕޫރީއަކީ ވެސް މަދު ފިލްމްތަކަކަށް ލަވަ ކިޔައި ދީފައިވާ ފަންނާނެކެވެ.

ރީތި އަޑެއް އޮތަސް ސަނަމްއަކީ، ފިލްމްތަކަށް ލަވަ ކިޔަން ހާލަކުން ފަހަރަކު ފުރުސަތެއް ލިބޭ ފަންނާނެކެވެ.