އަނެއްކާވެސް ބޮލީވުޑަށް އާ ތަރިންތަކެއް ތައާރަފު ކުރަން ސަލްމާން ހާން ޕްރޮޑިއުސް ކުރާ ފިލްމު "ނޯޓްބުކް" އަންނަ މާޗް މަހުގެ 29 ގައިި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމުން ތައާރަފުވާ ދެ ތަރިންނަކީ އެކްޓަރު މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން ބޭލް އާއި ސަލްމާންގެ ޒަމާންވީ ގާތް އެކުވެރިއެއްގެ ދަރިއެއް ކަމަށްވާ ޒަހީރު އިގުބާލެވެ.

ޕްރަނޫޓާންއަކީ ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނެނު ކުރީގެ މަޝްހޫރު ބަތަލާ ނޫޓާންގެ މާމަ ދަރި އެވެ. އެހެންވެ އޭނާގެ ކިބައިގައި ބައްޕައާ އެކު މާމަގެ އެކްޓިން ހުނަރު ވެސް ހުންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.

ކަޝްމީރުގައި މިހާރު ޝޫޓް ކުރަމުން އަންނަ "ނޯޓްބުކް" ގެ ޑައިރެކްޓަރަކީ 2012 ގައި "ފިލްމިސްތާން" ގެނެސް ދިން ނިތިން ކައްކަރު އެވެ. އޭނާ ދާދި ފަހުން ވަނީ ސައިފް އަލީ ހާން އަލަށް ހެދި ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސްގެ އަލަތު ފިލްމު "ޖަވާނީ ޖާނެމަން" ވެސް ޑައިރެކްޓް ކުރަން ސޮއިކޮށްފަ އެވެ.

"ނޯޓްބުކް" ގެ ޕްރޮޑިއުސަރުންގެ ގޮތުގައި ސަލްމާނާ އެކު މުރާދު ކެތާނީ އާއި އަޝްވިން ވަރުދޭ ވެސް ހިއްސާވެ އެވެ. މި ފިލްމުގެ ފަސްޓްލުކް ޓްވިޓާގައި ހިއްސާ ކުރަމުން ސަލްމާން ވަނީ ފިލްމުގެ ޓްރެއިލާ ވެސް ވަރަށް އަވަހަށް ދައްކައިލާނެ ކަމަށް ބުނެފަ އެވެ.

އޭނާ އެންމެ ފަހުން ބޮލީވުޑަށް ތައާރަފު ކުރި ދެ ތަރިންނަކީ އޮކްޓޯބަރު މަހު ރިލީޒް ކުރި "ލަވް ޔާތުރީ" ގެ ދެ ތަރިން ކަމަށްވާ އާޔޫޝް ޝަރުމާ އާއި ވަރީނާ ހުސައިނެވެ. އާޔޫޝްއަކީ ސަލްމާންގެ ހަގު އަންހެން ކޮއްކޮ އަރުޕިތާ ހާންގެ ފިރިމީހާ އެވެ.

އަބިރާޖް މިނަވާލާ ޑައިރެކްޓް ކުރި "ލަވް ޔާތުރީ" އަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ.