ޗައިނާގެ ވެރިރަށް ބެއިޖިންގައި އެޕްރީލް މަހު ބާއްވާ ނުވަ ވަނަ "ބެއިޖިން އިންޓެނޭޝަނަލް ފިލްމު ފެސްޓިވަލް (ބީޖޭއައިއެފްއެފް) ގައި ދިވެހި ފިލްމުތައް ބައިވެރިކުރަން ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ފުރުސަތު ހުޅުވާލައިފި އެވެ.
އެންސީއޭ އިން ބުނީ ފެސްޓިވަލްގެ 4 ސެކްޝަނެއްގައި ފިލްމުތައް ބައިވެރިކުރަން ފުރުސަތު ލިބިފައިވާ ކަމަށެވެ.
އެގޮތުން ޓީއާންޓަން އެވޯޑް ކޮމްޕެޓިޝަން ސެކްޝަންގެ 10 ކެޓަގަރީގައި ވާދަކުރެވޭނެ އެވެ.
ފިލްމު ޕެނޮރާމާ އައުޓް އޮފް ކޮމްޕެޓިޝަން ސެކްޝަންގައި ބައިވެރިކުރާ ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު ފިލްމުތައް ފެސްޓިވަލް ތެރޭގައި ބެއިޖިން ތިއޭޓަރުތަކުގައި ދައްކަން ހަމަޖެހިފައިވާ އިރު، އައު ފިލްމު އުފެއްދުންތެރިންގެ ހުނަރު ދައްކައިލުމަށް ފޯވާޑް ފިއުޗާ ސެކްޝަންގައި ވެސް ފިލްމުތައް ބައިވެރި ކުރެވޭނެ އެވެ.
މި ސެކްޝަންގެ ތިން ކެޓަގަރީއެއްގައި ވާދަކުރެވޭނެ ކަމަށް ވެސް އެންސީއޭ އިން ބުންޏެވެ.
މީގެ އިތުރުން 60 މިނިަޓަށް ވުރެ ކުރު ނޫން ޑޮކިއުމެންޓްރީ ފިލްމުތައް ޑޮކިއުމެންޓްރީ ސެކްޝަންގައި ބައިވެރި ކުރެވޭނެ އެވެ.
އެހެންވެ ފެސްޓިވަލްގައި ފިލްމުތައް ބައިވެރި ކުރަން ބޭނުންވާ މީހުން މި މަހުގެ 31 ގެ ކުރިން http://system.bjiff.com/filmfestival މި ސައިޓްގައި ރަޖިސްޓްރީ ވާން ޖެހެ އެވެ. އަދި ރަޖިސްޓްރޭޝަނުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެންސީއޭ އިން މިކަމަށް ހާއްސަކޮށްފައިވާ ފޯމް މި މަހުގެ 29 ގެ ކުރިން ފުރާފައި ލާން ޖެހެ އެވެ.
މިއީ ބީޖޭއައިއެފްއެފްގައި ބައިވެރިވާން ރާއްޖެ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މި ފެސްޓިލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލްމުތައް ވާދަ ކުރާ، އަދި ފިލްމީ ދާއިރާގެ މަޝްހޫރު ފަންނާނުންތައް ވެސް ބައިވެރިވާ ނުފޫޒު ގަދަ ފެސްޓިވަލެކެވެ.
ދިވެހި ފިލްމުތައް އާންމުކޮށް ބައިވެރި ކުރާ ފެސްޓިވަލަކީ ސްރީ ލަންކާގައި ބާއްވާ ސާކް ފިލްމު ފެސްޓިވަލެވެ.