މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާންގެ ދަރިއަކު މޫނުބުރުގާ އަޅާތީ ފާޑު ކިޔުމުން ރައްދު ދީފި

އިންޑިއާގެ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާންގެ ދަރިއަކު މޫނު ބުރުގާ އަޅާތީ ބައެއް މީހުން އެކަމަށް ފާޑު ކިޔައި، އެއީ މަޖުބޫރުން ކުރުވާފައިވާ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުން ދިޔަ ވާހަކަތަކަށް ރަހުމާން ރައްދު ދީފި އެވެ.


ރަހްމާން މިއުޒިކް ތައްޔާރުކޮށް ދިން އަދި އޭނާ އަށް އެ ފިލްމުން ދެ އޮސްކާ އެވޯޑް ވެސް ލިބުނު 2009 ގެ "ސްލަމްޑޯގް މިލިއަނާ" ރިލީޒް ކުރިތާ 10 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓެއްގައި ރަހްމާނާ އެކު ދޮށީ ދަރިފުޅު ހަތީޖާ ރަހްމާން ބައިވެރިވެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. އަދި އިވެންޓްގައި ހަތީޖާ ހުރީ ސާޅީއަކާ އެކު މޫނުބުރުގާއެއްގަ އެވެ.

މިކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ބުނީ ހަތީޖާގެ ފަރާތުން ފެނުނީ އޭނާގެ މައިންބަފައިން މަޖުބޫރުކޮށްގެން ކުރުވި ކަމެއް ކަމަށެވެ.

އެ ފާޑުކިޔުންތައް އެހާ ސީރިއަސްކޮށް ނުނަގައި ވަރަށް ކުރުކޮށް އަދި އެހާމެ ތިލަކޮށް އަންހެނު ސާއިރާ އާއި ދެވަނަ އަންހެން ދަރިފުޅު ރަހީމާ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބަނީގެ އަންހެނުން ނީތާ އަމްބާނީއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން ރަހްމާން ބުނީ އެއީ "ފްރީޑަމް ޓް ޗޫޒް" ކަމަށެވެ. އޭނާ އިޝާރާތް ކުރި ގޮތުގައި މޫނުބުރުގާ އެޅުމަކީ ދަރިފުޅު ހަތީޖާގެ އަމިއްލަ ނިންމުމެކެވެ.

އެ ފޮޓޯގައި ހަތީޖާ މޫނުބުރުގާ އަޅައިގެން ހުންނަ އިރު، އޭނާގެ އަންހެން ކޮއްކޮ ރަހީމާ ހުރީ ބުރުގާ ނާޅަ އެވެ. އަދި މަންމަ ސާއިރާ ހުރީ ދޯޕައްޓާއަކުން ބޮލުގެ އެއްބައި ނިވާކޮށްގެންނެވެ.

މޫނުބުރާ އަޅާތީ އަމާޒުވި ފާޑުކިިޔުންތަކާ ގުޅިގެން ހަތީޖާ ވަނީ ފޭސްބުކްގައި އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި މޫނުބުރުގާ އެޅުމަކީ އޭނާ އަމިއްލަ އިހުތިޔާރުގައި ނިންމި ނިންމުމެކެވެ. އަދި އެކަމުގައި މައިންބަފައިންގެ އެއްވެސް ނުފޫޒެއް އަދި މަޖުބޫރުކަމެއް ނެތް ކަމަށެވެ.

ހަތީޖާ ބުނި ގޮތުގައި އޭނާއަކީ ތަސައްރަފު ފުދިފައި ހުރި ބޮޑު އަންހެނެކެވެ. އެހެންވެ އަމިއްލަ ކަންކަން ނިންމުމުގެ އިހުތިޔާރު އޭނާ އަށް ލިބިފައިވާ ކަމަށް ބުންޏެވެ.

ހަތީޖާގެ އެފްބީ ޕޯސްޓް.

"އެހެންވެ ކަމުގެ ހަގީގަތް ނުބަލައި މީސްމީހުން ޖަޖް ނުކުރަން އިހުލާސްތެރިކަމާ އެކު އެދެން،" ޕޯސްޓް ނިންމައިލަމުން ހަތީޖާ ބުންޏެވެ.

ސްޓާ ޕްލަސް އިން މިހާރު ދައްކާ "ވޮއިސް" ގެ ތިން ވަނަ ސީޒަނުގައި މާސްޓަ ޖަޖެއްގެ ގޮތުގައި ފެންނަ ރަހްމާނު، 52، ގެ ތިބެނީ ތިން ދަރިންނެވެ. އެއީ ހަތީޖާ އާއި ރަހީމާގެ އިތުރުން ފިރިހެން ދަރިފުޅު އޭއާރް އަމީނެވެ.