ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކުރިން މި އަހަރުގެ ނޮވެމްބަރު މަހު ގެނެސް ދޭން ތާވަލުކޮށްފައި އޮތް އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.


މި އަހަރުގެ ނޮވެމްބަރު 22 ގައި ސިނަމާތަނަށް ގެނެސް ދޭން އޮތް ފިލްމުގެ ތާރީހަށް ގެނައި ބަދަލާ އެކު ފިލްމު ރިލީޒް ކުރާނީ ޖެނުއަރީ، 10، 2020 ގަ އެވެ. ނަމަވެސް ފިލްމު ލަސްކުރި ސީދާ ސަބަބެއް ހާމައެއް ނުކުރެ އެވެ. ބެލެވޭ ގޮތުން "ތާނަޖީ" ލަސްކުރި އެއް ސަބަބަކީ އަޖޭ ގިނަ ފިލްމުތަކަކަށް ސޮއިކޮށްފައި ހުރުމުން، އެ ފިލްމިތަކަށް ވެސް ވަގުތު ހުސްކުރަން ޖެހުމެވެ.

އޯމް ރައުތު ޑައިރެކްޓް ކުރާ "ތާނަޖީ" އަކީ އަޖޭ އާއި ޓީ ސީރީޒް ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ ބަތަލާއަކީ އަޖޭގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ކާޖޮލް އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސައިފް އަލީ ހާން އަދި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

"ތާނަޖީ" އަކީ 250 ކްރޯޑްގެ ބަޖެޓަކުން ހަދާ ފިލްމެކެވެ.

އަޖޭގެ ކުރިއަށް އޮތް ފިލްމަކީ މެއި މަހުގެ 24 ގައި ރިލީޒް ކުރާ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރް ދޭ" އެވެ.

"ޕާގަލްޕަންތީ" އަވަސްކޮށްފި

އަނީސް ބަޒްމީ މި އަހަރު ގެނެސް ދޭން ނިންމާފައިވާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ރިލީޒް ކުރާ ތާރީހު އަވަސްކޮށްފި އެވެ.

ކުރިން ޑިސެމްބަރު މަހުގެ 6 އަށް ތާވަލުކޮށްފައި އޮތް ފިލްމު މިހާރު ރިލީޒް ކުރާނީ ކުރިން އަޖޭގެ "ތާނަޖީ" ގެނެސް ދޭން އޮތްް ތާރީހު ކަމަށްވާ ނޮވެމްބަރު މަހުގެ 22 ގަ އެވެ.

އިނގިރޭސިވިލާތުގައި މިހާރު ޝޫޓިން ކުރިއަށްދާ "ޕާގަލްޕަންތީ" ގެ ތަރިންނަކީ ޖޯން އަބްރަހަމް، އިލިއާނާ ޑި ކްރޫޒް، އަނިލް ކަޕޫރް، ކްރިތީ ކަރްބަންދާ، ޕުލްކިޓް ސަމްރާޓް، އުރުޝަވީ ރޮޓޭލާ އަދި އަރުޝަދު ވަރްސީ އެވެ.

މިއީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ހަދާ ފިލްމެކެވެ.

އަޖޭގެ "ބޫޖް" އަށް ތާރީހެއް

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ދިފާއުގައި އިންޑިއަން އެއާ ފޯސް (އައިއޭއެފް) ސްކޮޑްރަންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރި ކޮމާންޑަރު ވިޖޭ ކަރްނިކު ކުރި ހިތްވަރުގަދަ މަސައްކަތަށް ބިނާކޮށް ހަދާ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އަބީޝެކް ދުދައްޔާ ލިޔެ، ޑައިރެކްޓް ކުރާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އޮގަސްޓް 15 ގެ އެއް ދުވަސް ކުރިން އޮގަސްޓް، 14، 2020 ގަ އެވެ.

މި ފިލްމުގައި އަޖޭއާ އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ސަންޖޭ ދަތު، ޕަރިނީތީ ޗޯޕްޅާ، ރާނާ ދަގޫބަތީ އަދި އައްމީ ވާކް ހިމެނެ އެވެ.

"ބޫޖް" ދަ ޕްރައިޑް އޮފް އިންޑިއާ" ގައި ކިޔައި ދޭނީ 1971 ގެ އިންޑޯ-ޕާކް ހަނގުރާމައިގެ ތެރޭގައި ބޫޖްގައި ގާއިމުކޮށްފައިވާ އެއާފޯސް އެއާސްޓްރިޕް ހަލާކުކޮށްލުމުން، ކަރްނިކް އިސްކޮށް ހުރެގެން ބޫޖާއި އެ އަވަށާ ކައިރީގެ އަވަށްތަކުގެ 300 އެއްހާ އަންހެނުންގެ ވެސް އެހީއާ އެކު އަލުން އެއާސްޓްރިޕް ގާއިމުކުރަން ކުރި މަސައްކަތެވެ.

"ބާރަތު" ޓްރެއިލާ އަންނަ މަހު

އަންނަ ފިތުރު އީދުގައި ރިލީޒްކުރާ ސަލްމާން ހާންގެ "ބާރަތު" ގެ ޓްރެއިލާ އަންނަ މަހު ދައްކައިލަން ނިންމައިފި އެވެ.

ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަޒަރު ކުރި ޓްވީޓެއްގައި ބުނީ ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަނުގެ މަސައްކަތްތައް އެންމެ ފަހު މަރުހަލާގައި އޮތް އިރު، "ބާރަތު" ގެ ޓްރެއިލާ އަންނަ މަހުގެ ފަހު ހަފުތާ ތެރޭގައި ރިލީޒް ކުރާނެ ކަމަށެވެ. މީގެ ޓީޒ ދައްކައިލީ އައު އަހަރާ ދިމާކޮށް ޖެނުއަރީ މަހު އެވެ.

"ބާރަތު"ގައި ސަލްމާނާ އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ކެޓްރީނާ ކެއިފް، ތައްބޫ، ނޯރާ ފަތެހީ، ޖެކީ ޝްރޮފް، ޑިޝާ ޕަޓްނީ އަދި ސުނިލް ގްރޯވާ ހިމެނެ އެވެ.

އަލީ 2017 ގައި ގެނެސް ދިން "ޓައިގާ ޒިންދާ ހޭ" އަށް ފަހު ގެނެސްދޭ "ބާރަތު" އަކީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

މީގައި ސަލްމާންގެ ވަރަށް ޒުވާން ދުވަސްވަރުން ފެށިގެން ގޮސް، ވަރަށް މުސްކުޅި އުމުރުގެ ދުވަސްތަކެއް ދައްކުވައި ދޭނެ އެވެ.