އުރުމިލާ: އޭނާއަކީ 90 ގެ އަހަރުތަކުގައި އެންމެ ވިދައިލި އެއް ބަތަލާ.
27 މާޗް 2019 - 14:08
އަންނަ މަހު ބާއްވާ އިންޑިއާގެ އާންމު އިންތިހާބުގައި، ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ އުރްމިލާ މަޓޯންޑްކަރު އިދިކޮޅު ކޮންގްރެސް ޕާޓީގެ ޓިކެޓްގައި، ގާނޫނު ހަދާ މަޖިލިސް ލޯކް ސަބާ އަށް ވާދަކުރަން ނިންމައިފި އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 90 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދައިލި ބަތަލާއިންގެ ތެރޭގައި ހިމެނޭ އުރުމިލާ، 45، ގާނޫނު ހަދާ މަޖިލީހުގައި ވާދަ ކުރާނީ މުމްބާއީ-އުތުރު ދާއިރާގެ ގޮނޑިއަށެވެ.
އެ ގޮނޑި އަށް އޭނާއާ އެކު ދެން ވާދަކުރާނީ މިހާރު ވެސް އެ ގޮނޑި ތަމްސީލު ކުރަމުން އަންނަ، ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ މެމްބަރު ގޯޕާލް ޝެޓީ އެވެ. އޭނާއަކީ 2004 އިން ފެށިގެން މުމްބާއީ-އުތުރުގެ ގޮނޑި ފުރަމުން އަންނަ މެމްބަރު ވެސް މެ އެވެ.
އުރުމިލާއާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އޭނާ އަށް ސިޔާސީ ދާއިރާ އިން ރައްޔިތުންނަށް ހިދުމަތްކުރަން ލިބުމަކީ ބޮޑު އުފަލެކެވެ. އަދި އެ ފުރުސަތު ބޭނުން އެންމެ ރަނގަޅަށް ހިފާނެ ކަމަށާއި ސިޔާސީ ދާއިރާ އިން ނަމޫނާ ޝަހުސިއްޔަތުންގެ ގޮތުގައި ބަލާ މީހުންނަކީ މަހާތުމާ ގާންދީ އާއި ޖަވާހަރު ލާލް ނެހުރޫ ހިމެނޭ ކަމަށް ބުންޏެވެ.
އުރުމިލާ ފިރިމީހާ މުހްސިން އަހްތަރު މީރްއާ އެކު.
ރިޕޯޓްތައް ބުނާ ގޮތުން އުރުމިލާ އަށް ކޮންގްރެސް އިން މުމްބާއީ-އުތުރު ދާއިރާގެ ޓިކެޓް ދިނީ ދާދި ފަހުން އެ ޕާޓީއާ ގުޅުނު މަޝްހޫރު ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ ވެސް ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ. އަދި ހަމަ އެ ދާއިރާގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރޭގައި މަރާޓީ ބަތަލާ އަސަވާރީ ޖޯޝީ އާއި ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ގުރުދާސް ކަމަތާއި ސަންޖޭ ނިރޫޕަމް ހިމެނެ އެވެ.
ކޮންގްރެސް ޕާޓީ އަށް ވަރަށް މުހިއްމު ދާއިރާއެއްގެ ގޮތުގައި މުމްބާއީ-އުތުރުވެގެންދާ އިރު، މިއީ ވަރަށް ވާދަވެރި ގޮނޑިއަކަށްވެގެން ދާނެ އެވެ. މުމްބާއީގެ ހަ ދާއިރާއެއްގެ ވޯޓްލުން ކުރިއަށް ދާނީ އަންނަ މަހުގެ 29 ގަ އެވެ.
މި ފަހަރުގެ އާންމު އިންތިހާބުގައ ބޮލީވުޑްގެ ނަން މަޝްހޫރު ތަރިންތަކެއް ވާދަ ކުރާނެ ކަމަށް ބުނެ މީޑިއާތަކުން ހަބަރު ފެތުރި ނަމަވެސް މަދޫރީ ޑިކްސިޓާއި ކަރީނާ ކަޕޫރާއި ސަންޖޭ ދަތު ފަދަ ތަރިން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.
އުރުމިލާ ސިޔާސީ ދާއިރާ އަށް ނުކުންނަ އިރު އޭނާ ވަނީ 2016 ގައި ކަޝްމީރުގެ ވިޔަފާވެރިކާ ކައިވެނި ވެސް ކޮށްފަ އެވެ.
ރީތި ފިލްމުތަކެއް ކުޅުނު ބަތަލާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ރަންގީލާ"، "ޖުދާއީ"، "ބޫތު" އަދި "ހޫބްސޫރަތު" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. އޭނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި އިރްފާން ހާންގެ ފިލްމު "ބްލެކްމެއިލް" ގެ އައިޓަމް ލަވައަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy