އިންޑިއާގެ އާންމު އިންތިހާބުގައި ވާދަކުރާ އުރުމިލާގެ މާލީ ބަޔާން އާންމުކޮށްފި

ބުރާސްފަތި ދުވަހު އިންޑިއާގައި ފެށި އާންމު އިންތިހާބުގައި، އިދިކޮޅު ކޮންގްރެސް ޕާޓީގެ ޓިކެޓްގައި މުމްބާއީ އުތުރު ދާއިރާގެ ގޮނޑި އަށް ވާދަކުރާ ބޮލީވުޑްގެ ކުރީގެ ބަތަލާ އުރުމިލާ މަޓޯންޑްކަރްގެ މާލީ ބަޔާން އާންމުކޮށްފި އެވެ.


އުމުރުން 45 އަހަރުގެ ބަތަލާގެ މާލީ ބަޔާން ދައްކާ ގޮތުން އޭނާގެ މިލްކިއްޔާތަކީ 68.28 ކްރޯޑް ރުޕީސް އެވެ. އޭގެ ތެރޭގައި ފައިސާގެ ގޮތުގައި ބޭންކްތަކުގައި ރައްކާކޮށްފައި ހުރީ 40,93,46,474 ރުޕީސް އެވެ. އަދި ނުއުފުލޭ މުދަލުގެ ގޮތުގައި އުރުމިލާ ހުރި ތަކެތީގެ އަގު 27,34,81,000 ރުޕީސް އަށް އަރަ އެވެ.

މީގެ އިތުރުން ލޯނުގެ ގޮތުގައި އުރުމިލާ ޒިންމާވާން ޖެހޭ ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައި ވަނީ 32,00,000 ރުޕީސް އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ވިދައިލި ބަތަލާގެ މާލީ ބަޔާ އެކު، ކަޝްމީރަށް ނިސްބަތްވާ އޭނާގެ ފިރިމީހާގެ މާލީ ބަޔާނުގެ ތަފުސީލު ވެސް އުރުމިލާ އާންމުކޮށްފައިވެ އެވެ. އެގޮތުން ވިޔަފާރިވެރިޔާ މުހުސިން ހާންގެ އެކައުންޓްގައި ހުރި ފައިސާގެ އަދަދަކީ 32,35,752.53 ރުޕީސް އެވެ. އަދި އޭނާގެ އަތުގައި ހުރި ނުއުފުލޭ މުދަލު އަގު 30,00,000 ރުޕީސް އަށް އަރަ އެވެ.

އުރުމިލާ ވާދަކުރާ މުމްބާއީ އުތުރު ދާއިރާ ގޮނޑީގެ އިންތިހާބުގެ ވޯޓުލުން އޮންނާނީ މި މަހުގެ 29 ގަ އެވެ. އޭނާއާ އެކު އެ ގޮނޑި އަށް ވާދަ ކުރަނީ މިހާރު ވެސް ގޮނޑި ފުރަމުން އަންނަ ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރު ގޯޕާލް ޝެޓީ އެވެ.

އުރުމިލާ ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމައި، ކޮންގްރެސް ޕާޓީ އަށް ސޮއި ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.