ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިހާރު ޝޫޓިން ކުރިއަށްދާ މަހޭޝް ބަޓްގެ ފިލްމު "ސަޅަކް 2" ރިލީޒް ކުރުން ފަސްކޮށްފި އެވެ.


އަންނަ އަހަރުގެ މާޗް 25 ގައި ރިލީޒް ކުރަން އެންމެ ފުރަތަމަ ތާވަލު ކުރި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖުލައި 10 ގަ އެވެ. "ސަޅަކް 2" އަކީ މަހޭޝް 20 އަހަރު ފަހުން ޑައިރެކްޝަނަށް އެނބުރި އައި ފިލްމެވެ. އަދި މި ފިލްމަކީ އޭނާ 1991 ގައި ގެނެސް ދިން "ސަޅަކް" ގެ ދެވަނަ ބައެވެ.

މި ފަހަރު ފިލްމުގެ ކާސްޓުންނަކީ ފުރަތަމަ ބައިގައި ބަތަލާގެ ރޯލް ކުޅުނު މަހޭޝް ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓާއި ހަގު އަންހެން ދަރިފުޅު އާލިއާ ބަޓާއި ފުރަތަމަ ބައިގެ ބަތަލު ސަންޖޭ ދަތުގެ އިތުރުން އަދިތިޔާ ރޯއި ކަޕޫރެވެ.

"ސަޅަކް 2" އަކީ ބޮލީވުޑްގައި މިހާރު ހުރި އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު ޒުވާން ބަތަލާ އާލިއާ އޭނާގެ އާއިލީ ފިލްމު ކުންފުނި ވިޝޭޝް ފިލްމްސް އަށް ކުޅޭ ފުރަތަމަ ފިލްމެވެ.

ސައިފްގެ އާ ފިލްމަކީ "ލާލް ކަޕްތާން"

"ހަންޓާ" ގެ ނަމުގައި ސައިފް އަލީ ހާން ކުޅުނު ފިލްމުގެ ނަން ރަސްމީކޮށް އިއުލާންކޮށް، ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

ފިލްމުގެ ނަމަކީ "ލާލް ކަޕްތާން" އެވެ. މި ފިލްމުގައި ސައިފް ފެނިގެން ދާނީ ވަރަށް ތަފާތު ލުކަކުންނެވެ. މީޑިއާތަކަށް ލީކްވެފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ކެރެކްޓާ ވައްތަރީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގައި ޖޮނީ ޑެޕް ކުޅުނު ޖެކް ސްޕެރޯއާ އެވެ. އެކަމަކު އެ ފެންޓަސީ އެޑްވެންޗާއާ ހިލާފަށް "ލާލް ކަޕްތާން" އަކީ ކްރައިމް ތުރިލާއެކެވެ.

އިރޯސް އާއި އާނަންދު އެލް ރާއީ ގުޅިގެން ގެނެސްދޭ ފިލްމުގެ ޑައިރެކްޓަރަކީ 2015 ގެ "އެންއެޗް 10" ގެނެސް ދިން ނަވްދީޕް ސިންގެވެ.

"ލާލް ކަޕްތާން" ސިނަމާތަކަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ގަ އެވެ.

ޖެކްލިންއާ އެކު މޯހިތު

ފަރާ ހާން ފިރިމީހާ ޝްރިޝް ކުންދަރު ނެޓްފްލިކްސް އަށް ޑައިރެކްޓް ކުރާ ފިލްމު "ސީރިއަލް ކިލާ" ގެ ބަތަލުގެ ރޯލަށް ޓީވީ ބަތަލު މޯހިތު ރައިނާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން މީޑިއާތަކުން ބުނީ އެ ފިލްމުގެ ބަތަލަކީ މަނޯޖް ބަޖްޕާއީ ކަމަށެވެ. ނަމަވެސް އޭނާގެ ބަދަލުގައި މޯހިތު ފިލްމަށް ނަގާފައިވާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ. މޯހިތަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރެކެވެ.

އެ ފިލްމަށް ފަހު މިދިޔަ ހަފުތާގައި އޭނާ ވަނީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، ކުނާލް ދޭޝްމުކް ޑައިރެކްޓް ކުރާ "ޝިއްދަތު" އަށް ވެސް ސޮއިކޮށްފަ އެވެ. އަދި ޒީ5 އިން އަންނަ މަހުގެ 15 ގައި ގެނެސް ދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ކާފިރު" އިން ވެސް މޯހިތު ފެނިގެން ދާނެ އެވެ.

ދިޔާ މިރުޒާ ބަތަލާގެ ރޯލް ކުޅެފައިވާ ސީރީޒްގެ ޓްރެއިލާ ވެސް ވަނީ ދައްކާލައިފަ އެވެ.

"ސީރިއަލް ކިލާ" ގެ ބަތަލާއަކީ ޖެކްލިން ފެނަންޑޭޒެވެ. އޭނާ "ސީރިއަލް ކިލާ" އަށް ސޮއި ކުރިކަން ޝްރިޝް އާއި ފަރާ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

"ޖަންގަލް ކްރައި" ގެ ޓްރެއިލާ ދައްކާލައިފި

އަބޭ ޑިއޯލް ރަގަބީ ކޯޗެއްގެ ރޯލުން ފެނިގެންދާ ފިލްމު "ޖަންގަލް ކްރައި" ގެ ޓްރެއިލާ މިހާރު ފްރާންސްގައި ކުރިއަށްދާ ކާންސް ފިލްމު ފެސްޓިވަލްގައި ދައްކާލައިފި އެވެ.

"ޖަންގަލް ކްރައި" ގެ ޓްރެއިލާ.

އެ ފިލްމަކީ އިންޑިއާގެ މަޝްހޫރު ރަގްބީ ކޯޗް ރުދްރަކްޝް ޖޭނާގެ ބައޮގްރަފިލް ޑްރާމާއެކެވެ.

އިންޑިއާގެ ބުބަނޭޝްވަރް އަށް ނިސްބަތްވާ ރުދްރަކްޝްއަކީ ކަލިންގާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސްއާ ގުޅިގެން ރަގްބީ ޓީމެއް އެކުލަވާލައި، 2007 ވަނަ އަހަރު ލަންޑަނުގައި ބޭއްވި އިންޓަނެޝަނަލް ސްކޫލް ރަގްބީ ޓޯނަމެންޓްގައި ވާދަކޮށް މުބާރާތް ކާމިޔާބުކޮށްގެން އެތައް ބައެއްގެ ސަމާލު ކަމަށް އައި މީހެކެވެ.

ސާގަރު ބެލެރީ ޑައިރެކްޓްކޮށްފައިވާ "ޖަންގަލް ކްރައި" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.