ޕްރިޔަންކާ ޗޯޕްޅާ އަށް ނެޓްފްލިކްސްގެ ސުޕަހީރޯ ފިލްމެއް

ހޮލީވުޑްގައި މިހާރު މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ނެޓްފްލިކްސްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ އަންހެނުން ސޮއިކުރި ފިލްމަކީ ޖޭމްސް ކެމެރެން ޕްރޮޑިއުސްކޮށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ގެނެސް ދިން ފިލްމު "އެލީޓާ: ބެޓްލް އެންޖެލް" ގެ ޑައިރެކްޓަރު ރޮބަޓް ރޮގްރިގޭޒް ކުޑަކުދިންނަށް ހާއްސަކޮށްގެން ޑައިރެކްޓްކުރާ ސުޕަހީރޯ/ފެންޓަސީ ފިލްމު "ވީ ކޭމް ބީ ހީރޯސް" އެވެ.

އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕެޑްރޯ ޕާސްކަލް، ކްރިސްޓޯފާ މެކްޑޮނަލްޑް، ނަތަން ބްލެއާ، އެޑްރިއޭނާ ބްރޭޒާ، ކްރިސްޓިއަން ސްލޭޓާ، ޔާޔާ ގޮޒެލިން، އަކީރާ އަކްބަރު، އެންޑްރޫ ޑަޔަޒް، އެންޑީ ވަލްކެން، ބޯއިޑް ހޮލްބްރޫކް، ހާލާ ފިންލީ، އިސައިއާ ރަސެލް-ބެއިލީ، ލޮޓަސް ބްލޮސަމް، ސަންގް ކެންގް އަދި ލިއޯން ޑެނިއަލްސް ހިމެނެ އެވެ.

ޑައިރެކްޓަރު ރޮޑްރިގޭޒް.

ހޮލީވުޑް ރިޕޯޓާ އިން ބުނިގޮތުގައި ނެޓްފްލިކްސް އާއި ރޮޑްރިގޭޒްގެ ފިލްމު ކުންފުނި ކްއިކްޑް ޑްރޯ ޕްރޮޑަކްޝަންސް ގުޅިގެން ހަދާ "ވީ ކޭން ބީ ހީރޯސް" ގައި ކިޔައިދޭނީ ދުނިޔެ އަށް ވެރިވެގަންނަ އޭލިއަނުންތަކެއް އިންސާނުންތަކެއް ކިޑްނެޕްކޮށްގެން އެ މީހުންގެ ދުނިޔެ އަށް ގެންދަން ކުރާ މަސައްކަތުގެ ތެރޭގައި ހިނގާ ހާޖާނުގަނޑެކެވެ.

"ސްޕައި ކިޑްސް" އާއި "ސިން ސިޓީ" އަދި "ފްރޮމް ޑަސްކް ޓިލް ޑޯން" ފަދަ ފިލްމުތައް ގެނެސް ދިން ރޮޑްރިގޭޒްގެ އާ ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނުނު ހޮލީވުޑް ފިލްމަކީ ފެބްރުއަރީ މަހު ރިލީޒްކުރި "އިޒިންޓް އިޓް ރޮމޭންޓިކް؟" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮކްޓޯބަރު މަހުގެ 11 ގައި ރިލީޒްކުރާ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ.

ޕްރިޔަންކާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ހޮލީވުޑްގެ ބަތަލާ މިންޑީ ކޭލީ ލިޔެ، ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެން ހަމަޖެހިފައިވާ ވެޑިން ކޮމެޑީއެއް ވެސް ހިމެނެ އެވެ.