ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ އަހަރު ސޮނީ ޓީވީގެ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖުންގެ ޕެނެލުން ވަކިކުރި އަނޫ މަލިކަށް، މިހާރު ކުރިއަށްދާ 11 ވަނަ ސީޒަނުން ފުރުސަތު ދިނުމާ ގުޅިގެން ސޮނީ ޓީވީ އަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ހެދި އޭނާ ޝޯ އިން ބޭރުކޮށްލަން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އަނޫއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލައި ކުރާ ކެމްޕޭންތައް ފުޅާވަމުންދާތީ ސޮނީން މިހާރު އަންނަނީ އަނޫ ދޫކޮށްލުމާ ގުޅޭ ގޮތުން ސީރިއަސްކޮށް ވިސްނަމުންނެވެ.

އަނޫއާ އާ ދެކޮޅަށް އަަޑުއުފުލާ މީހުންގެ ތެރޭގައި އެންމެ އިސްކޮށް ތިބީ މިދިޔަ އަހަރު ވެސް އެކަމުގައި އެންމެ ގަދައަށް ވާހަކަ ދެއްކި ލަވަކިޔުންތެރިތާ ސޯނާ މަހާޕަޓްރާ އާއި ޝްވޭ ޕަންޑިތެވެ. އަދި މި ލިސްޓަށް މިހާރު ލަވަކިޔުންތެރިޔާ ސްނޭހާ ބާސިން ވެސް އިތުރުވެފައިވެ އެވެ.

މި ތިން މީހުން އިސްކޮށް ތިބެގެން އަނޫއާ ދެކޮޅަށް ކެމްޕޭންކުރަމުން އަންނަ އިރު، އެ މީހުން ބުނީ ސޮނީން އޭނާ އަށް އަލުން ފުރުސަތު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ. އަދި އަނޫގެ ދިފާއުގައި ވާހަކަ ދައްކާ މީހުންނާ ދެކޮޅަށް ސޯނާ އަންނަނީ ވަރަށް ގަދައަށް ފާޑުކިޔަމުންނެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނަސް އަނޫގެ މައްޗަށް މިހާތަނަށް އެފަދަ އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެ އެވެ. އެކަމަކު އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ އެ ވާހަކަ ބައެއް އަންހެނުން މީޑިއާތަކާ ހިއްސާކޮށްފައިވެ އެވެ. އަދި އަނޫ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

އިންޑިއަން އައިޑޮލް ސީޒަން 11 ގައި ވެސް އަނޫއާ އެކު ޖަޖުންގެ ޕެނެލްގައި ތިބީ މިދިޔަ އަހަރުގެ ޕެނެލްގައި ވެސް ތިބި ވިޝާލް ދަދުލާނީ އާއި ނޭހާ ކައްކަރެވެ. މިދިޔަ އަހަރު އަނޫ ޝޯއިން ވަކިކުރުމަށް ފަހު، އައިޑޮލްގެ 10 ވަނަ ސީޒަން ނިންމައިލީ ޖަޖަކަށް ޖާވިދު އަލީ ގެނެސްގެންނެވެ.