އިންޑިއާގެ މިއުޒިކް ޑައިރެކްޓަރު އަނޫ މަލިކްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނާ މީހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުމާއި އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރުގެ ހެކި ލިބިފައި ނުވާ ކަމަށް ބުނެ އަނޫގެ މައްސަލަ ނުބަލަން ނެޝަނަލް ކޮމިޝަން އޮފް ވިމެން (އެންސީޑަބްލިއު) އިން ނިންމައިފި އެވެ.

މިގޮތަށް ނިންމީ އަނޫގެ މައްޗަށް އަންހެނުންތަކެއް ޖީންސީ ގޯނާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހޫނުވި މައްސަލަތަކާ ގުޅިގެން ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ގެ އެންމެ ފަހުގެ ދެ ސީޒަންގެ ޖަޖުންގެ ޕެނެލުން ވެސް ވަކިވާން މަޖުބޫރުވެފައި ވަނިކޮށެވެ.

އެންސީޑަބްލިއުގެ ޗެއާ ޕާސަން ރޭކާ ޝަރުމާ ބުނީ މައްސަލަ ނުބަލައި، އަނޫގެ މައްސަލަ މި ހިސާބުން ހުއްޓައިލަން ޖެހުނީ އޭނާއާ ދެކޮޅަށް ވާހަަކަ ދެއްކި އެއްވެސް މީހެއްގެ ފަރާތުން މިހާތަނަށް އެކަށީގެންވާ އިޖާބައެއް ނުލިބި، މައްސަލަ ކުރިއަށް ގެންދެވެން ނެތުމުންނެވެ.

"ޑޮކިއުމަންޓްތަކާ އެެއްޗެހި ފޮނުވަން އެތައް ފަހަރަކު އެދިގެން ވެސް އެއްވެސް މީހެއްގެ ފަރާތުން އިޖާބައެއް ނާދޭ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މިކަމުގައި އަހަރެމެންނަށް މަޑުވެސް ކުރެވިއްޖެ،" އޭނާ ބުންޏެވެ.

ރޭކާ ބުނިގޮތުގައި އަނޫގެ މައްޗަށް ތުހުމަތުތައް ކުރި މީހުންގެ ފަރާތުން އެއްބާރުލުން ނުލިބިގެން މައްސަލަ ނުބަލަން މި ވަގުތު ނިންމި ނަމަވެސް، ތުހުތުމަތުކުރާ މީހުންގެ ފަރާތުން އެއްބާރުލުން ލިބުނު އިރަކުން މައްސަލަ އަށް ކުރިއަށް ގެންދާނެ އެވެ.

"އެހެންވެ އަނޫގެ މައްސަލަ ނުބަލަން ނިންމުމަކީ ވަގުތީ ނިންމުމެއް،" އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އަނޫއާ ދެކޮޅަށް އެންމެ ގަދައަށް ކެމްޕޭންކޮށް އަޑުއުފުލި ލަވަކިޔުންތެރިޔާ ސޯނާ މަހާޕަޓްރާ ވަނީ އެންސީޑަބްލިއުގެ ނިންމުމަށް ޓްވިޓާގައި ފާޑުކިޔައިފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ލޯކް ސަބާގެ މެމްބަރު އަދި މިނިސްޓަރު ސުމިރުތީ އިރާނީ ޓެގްކޮށް، އޭނާ ކުރި ޓްވީޓްގައި ބުނީ ތުހުމަތުތައް ކުރި މީހުންގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް ބުނާ އިރު، އެ މީހުންގެ ވާހަކަތައް ހެކީގެ ގޮތުގައި މީޑިިއާތަކާއި ސޯޝަލް މީޑިއާގައި ފެންނަން އެބަހުރި ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތަކުގެ ޕްރެޝަރު ބޮޑުވެގެން ސޮނީން މިހާރު ދައްކާ "އިންޑިއަން އައިޑޮލް" ސީޒަން 11 އިން އަނޫ ވަކިވީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. އަދި މިދިޔަ އަހަރު ސީޒަން 10 އިން ވެސް އޭނާ އަށް ވަނީ ތުހުމަތުތަކާ ގުޅިގެން ވަކިވާން ޖެހިފަ އެވެ.