ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ކުރިމަތިވަމުން ދިޔަ ޕްރެޝަރުތަކާ ހެދި ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 11 ގެ ޖަޖެއްގެ މަގާމުން ވަކިވި އަނޫ މަލިކްގެ ބަދަލުގައި ޝޯގެ އާ ޖަޖަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ/މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާ ހަމަޖައްސައިފި އެވެ.
ޝޯގެ ޖަޖިން ޕެނެލާ ގުޅޭކަން ކަށަވަރުކޮށް ދެމުން ހިމޭޝް ބުނީ އިންޑިއަން އައިޑޮލް ކަހަލަ ވަރުގަދަ ޝޯއެއްގައި ހިއްސާވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ފަހަރުގެ ސީޒަން ފެށުނީއްސުރެ ޝޯ ފޮލޯކުރަމުން އަންނަ ކަމަށާއި ބައިވެރިން ދައްކާ ހުނަރުގެ ސަބަބުން އަންތަރީސްވެފައިވާ ކަމަށް ބުންޏެވެ.
"އެހެންވެ މި ބައިވެރިން ޖަޖްކުރަން ޝޯގައި ހިއްސާވުމަކީ އަހަރެންގެ ކޮނޑުގައި އެޅޭ ވަރަށް ބޮޑު ޒިންމާއެއެއްގެ ގޮތުގައި ދެކެނީ،" އަންނަ މަހު ރިލީޒްކުރާ އޭނާގެ އާ ފިލްމު "ހެޕީ، ހާޑީ އެންޑް ހީރު" ވެސް ޕްރޮމޯޓްކުރަމުން އަންނަ ހިމޭޝް ބުންޏެވެ. "އަހަރެން ދެކޭ ގޮތުގައި ޖަޖެއްގެ ގޮތުގައި އަހަރެން ކުރަން ޖެހޭ މަސައްކަތް ދެގުނަ އިތުރުކުރަން ޖެހޭނެ."
"އިންޑިއަން އައިޑޮލް 11" ގެ ޖަޖިން ޕެނެލާ ހިމޭޝް ގުޅުނު އިރު، މި ސީޒަން ދައްކަން ފެށުމުގެ ކުރިން ސޮނީން ގެނެސްދިން ކުޑަކުދިންގެ ލަވަ ޝޯ "ސުޕަސްޓާ ސިންގާ" ގެ ޖަޖްކަން ވެސް އޭނާ ކޮށްފައިވެ އެވެ.
ހިމޭޝް އަކީ ވަރަށް ގިނަ ލަވަ ޝޯތަކުގެ ޖަޖްކޮށްފައިވާ ތަޖުރިބާކާރު ޖަޖެކެވެ. އޭނާ ޖަޖެއްގެ ގޮތުގައި ބައިވެރިވި ޝޯތަކުގެ ތެރޭގައި ޒީޓީވީގެ "ސާ-ރޭ-ގާ-މޭ-ޕާ ޗެލެންޖް" އާއި "ސާ-ރޭ-ގާ-މާ-ޕާ ލިލް ޗެމްޕްސް" އާއި ސްޓާ ޕްލަސްގެ "މިއުޒިކް ކާ މަހާ މުގާބަލާ" އާއި ސަހާރާ ވަންގެ "ސުރް ސެޝްތުރާ" އަދި އެންޑް ޓީވީގެ "ދަ ވޮއިސް އިންޑިއާ" ހިމެނެ އެވެ.
މި ފަހަރުގެ "އިންޑިއަން އައިޑޮލް" އިން ހިމޭޝް، 46، އަށް ފުރުސަތު ލިބުނު އިރު، މިއީ މި ޝޯގެ ޖަޖެއްގެ ގޮތުގައި އޭނާ ބައިވެރިވާ ފުރަތަމަ ފަހަރެވެ.
އަންނަ ހަފުތާ އިން ފެށިގެން އޭނާ ޝޯގެ އެޕިސޯޑްތަކުން ފެންނަން ފަށާނެ އެވެ. ހިމޭޝް ހިމެނޭ ކުޑަވަރެއްގެ ޕްރޮމޯއެއް ވެސް ސޮނީން ވަނީ ދައްކާލައިފަ އެވެ.
"އިންޑިއަން އައިޑޮލް 11" ގައި ދެން ހިމެނޭ ޖަޖުންނަކީ ލަވަކިޔުންތެރިޔާ ނޭހާ ކައްކަރާއި ލަވަކިޔުންތެރިޔާ/މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދްލާނީ އެވެ.