އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 90 އަހަރުގެ ލަތާ އެޑްމިޓްކުރީ ނޭވާލާން އުނދަގޫވުމާ ގުޅިގެން މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އޭނާ އަށް ފަރުވާ ދެމުން އަންނަނީ މުމްބާއީ ބްރީޗް ކެންޑީ ހޮސްޕިޓަލްގަ އެވެ.
ލަތާ އަށް ބޮޑުދައިތަ ކިޔާ ރަޗްނާ ޝާހް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ބުނީ ލަތާ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ވައިރަލް އިންފެކްޝަނަކާ ގުޅިގެން ނޭވާލާން އުނދަގޫވާން ފެށުމުން ކަމަށެވެ.
"ހާލު މިހާރު އަންނަނީ ރަނގަޅުވަމުން،" ޑޮކްޓަރާ ހަވާލާދީ އޭނާ ބުންޏެވެ.
ލަތާ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ދައްތަ އެވެ.
އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި 70 އަށް ވުރެ ގިނަ އަހަރު ހިދުމަތްކޮށްފައިވާ ލަތާ އަކީ އެތައް ހާސް ލަވައެއް ކިޔާފައިވާ އިންޑިއާގެ އަންހެން ރަން އަޑުގެ ވެރިޔާ އެވެ. އޭނާ ވަނީ އެތައް ބަހަކުން އެތައް ހާސް ލަވައެއް ރެކޯޑްކޮށްފަ އެވެ. ލަތާ އަކީ މިހާތަނަށް ދުނިޔޭގައި އެންމެ ގިނަ ލަވަ ރެކޯޑް ކުރި ފަންނާނެވެ. އެ ރެކޯޑް އަށް އޭނާ އަށް ލިބި ދުނިޔޭގެ ރެކޯޑް ފޮތުން ރަސްމީކޮށް ޖާގަ ލިބުނީ 1974 ގަ އެވެ. އެ ޝަރަފު ލަތާ އަށް ލިބުނު އިރު 25،000 އަށް ވުރެ ގިނަ ލަވަ ރެކޯޑްކޮށްފައިވެ އެވެ. އުމުރުން އެންމެ 13 އަހަރުގައި ލަތާގެ މިއުޒިކް ކެރިއަރު ފެށީ ހިންދީ ފިލްމުތަކަށް ލަވަކިޔައިދޭ ޕްލޭބެކް ސިންގައެއްގެ ގޮތުގަ އެވެ. އޭނާ އިންޑިއާގެ މިއުޒިކް އިންޑަސްޓްރީ އަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ސަރުކާރުންދޭ މަތީ ޝަރަފު ކަމަށްވާ ޕަދުމާ ބުޝަން އާއި ޕަދުމާ ވިބުޝަން އާއި ބާރަތު ރަޓްނާގެ އިތުރުން ދާދާ ސާހެބް ޕަލްކޭ އެވޯޑް ވެސް ކުރިން ވަނީ ދީފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާ ސަރުކާރުން "ޑޯޓާ އޮފް ދަ ނޭޝަން" ގެ ލަގަބު ވެސް އަރުވާފައިވާ ލަތާ އަކީ ތިން ފަހަރަށް ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ.