ބިގް ބޮސް 13: ރަޝްމީގެ ހިތް ހަލާކު، ހިމާންޝީ ގެއިން ބޭރަށް

ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 ގެ މި ހަފުތާގެ އުސްއަލިތަކަށް ބަލާއިރު ހޯސްޓް ސަލްމާން ޚާން "ވީކެންޑް ކާ ވާރު" ގައި ބައިވެރިންނަށް ކޮޅުދޮށިން ވަނީ ދީފަ އެވެ. އަދި އޭނާ މި ޝޯ ދޫކޮށްލަން ޖެހޭ ކަމަށް ތަކުރާރުކޮށް ބުނެފައިވެ އެވެ.


ސަލްމާން ވަނީ މި ފަހަރުގެ ސީޒަނުގައި ބައިވެރިން އެކަކު އަނެކަކަށް ޒުވާބުކޮށް، އަވަގުރާނަ ގޮވައި، ގަޔަށް އަތްލައި މާރާމާރީ ހިންގައި އެކަކު އަނެކެއްގެ ސިފަ އަށް ހަޖޫޖަހާތީ އެކަމާ ރުޅިގަދަވެގެން ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޑްގައި ވެސް ބައިވެރިންނަށް ނުރުހުން ފާޅުކޮށްފަ އެވެ.

އޭނާ ތަކުރާރުކޮށް ބުނިގޮތުގައި "ބިގް ބޮސް" ހޯސްޓްކުރާތާ 10 އަހަރުވީ އިރު، މި ވަރުގެ ކަންތައްގަނޑު ބޮޑު، ބުނާ ބަސް ނާހާ، ދޭ ނަސޭހަތެއް ހަނދާން ނުހުންނަ ބައިވެރިން ވާދަކުރާ ސީޒަނަކާ މި ނޫނީ ދިމައެއްނުވެ އެވެ. މިކަމާ ރުޅިދަވެގެން މިހާތަނަށް ޝޯގެ ތެރޭގައި އެކަކު އަނެކަކުގެ ގަޔަށް އަތްލި ބައިވެރިންތައް ފާހަގަކޮށް، ސަލްމާން ވަނީ އެ ބައިވެރިން ފޮށިތަންމަތި ބަނދެގެން "ބިގް ބޮސް" ގެ ގެއިން ނުކުތުމަށް އިންޒާރު ދިނުމަށް ފަހު، ގޭގެ މައި ގޭޓް ވެސް ހުޅުވާލައިފަ އެވެ.

އެ އިންޒާރުން ސަލާމަތްވީ ހަމައެކަނި ހަތަރު ބައިވެރިއެކެވެ. އެއީ ޝޯ އަށް ދެވަނަ ފަހަރަށް އައި ޝެފާލީ ބައްގާ އާއި މާހިރާ ޝަރުމާ އާއި އާރުތީގެ އިތުރުން ވައިލްޑް ކާޑް އެންޓްރީގެ ދަށުން ގެއަށް ވަން މަދުރިމާ ތުލީ އެވެ. ގެއިން ބޭރުވާން ސަލްމާން އެންގި ބައިވެރިންނަކީ ސިދާތު ޝުކްލާ އާއި އާސިމް ރިއާޒާއި ޝެހްނާޒް ގިލް (ސަނާ) އާއި ހިންދުސްތާނީ ބައު، ހިމާންޝީ ކުރާނާ އާއި ރާޝްމީ ދެސާއީ އާއި އޭނާގެ ލޯބިވެރިޔާ އަރްހާން ޚާނެވެ.

ނަމަވެސް މިއިން އެއްވެސް ބައިވެރިއަކު ގެ ދޫކޮށެއް ނުދެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޕިސޯޑުން ދެން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ އަރްހާންގެ ހަގީގަތް ސަލްމާން ރަޝްމީ އަށް ފަޅައިއަރައިވުމެވެ. "ބިގް ބޮސް" އާ އަރްހާން ފުރަތަމަ ގުޅުނު އިރު، ރަޝްމީ ވަނީ ގެއިން ބޭރުކޮށްލައިފަ އެވެ. އެކަމަކު އަލުން އޭނާ އަށް ފުރުސަތު ލިބުނީ، ރަޝްމީ ވެސް ގެއިން ބޭރުކޮށްލާފައި ވަނިކޮށް، އަލުން ލިބުނު ފުރުސަތުގެ ތެރެއިން އަލުން ގެއަށް އެނބުރި އައި ފަހުންނެވެ. އެ ފުރުސަތުގެ ތެރޭގައި އަރްހާން ވަނީ ރަޝްމީ އަށް ޕްރޮޕޯޒް ވެސްކޮށްފަ އެވެ.

އަރްހާންގެ ވާހަކަ ހިއްސާކުރަމުން ސަލްމާން ވަނީ އޭނާ އަކީ ކުރިން ކައިވެންޏެއްކޮށް ދަރިއަކު ވެސް ހުރި މީހެއް ކަމަށާއި ނަގާފައި ލޯނުތަކެއްގެ މައްސަލަ ވެސް ބޮލުގައި އެޅިފައި ހުރި މީހެއް ކަމަށް ބުނެފަ އެވެ. ސަލްމާން މި ވާހަކަތައް ރަޝްމީއާ ހިއްސާކުރުމުގެ މާ ކުރިން ވެސް އިންޑިއާގެ ބައެއް މީޑިއާތަކުން އަރްހާންގެ މި ވާހަކަތައް ތިލަކޮށްފައިވެ އެވެ.

އޭނާ ކުރިން ކައިވެންޏެއްކޮށް ދަރިއެއް ހުރިކަން އެނގުމުން ރަޝްމީ އަށް ބޮޑު ޝޮކެއް ލިބި ފެންކަޅިވި އެވެ. އަދި އެ ވާހަކަ ސިއްރުކުރީ ކީއްވެތޯ ވަރަށް ރުޅިގަދަވެ، ދެ ލޯ ބޮޑުކޮށް އަރްހާނާ އެތައް ފަހަރަކު ސުވާލު ވެސް ކޮށްފައިވެ އެވެ. ރަޝްމީ ވެސް ކުރިން ކައިވެންޏެއްކޮށްފައިވެ އެވެ. މޮޑެލް އަދި އެކްޓަރު ނަންދިޝް ސަންދޫއާ 2012 ގައި ކުރި ކައިވެނި ރޫޅުނީ 2016 ގަ އެވެ.

ނަމަވެސް އާ ލޯބިވެރިޔާ އަރްހާންގެ ދަރިއައެއް ހުރިކަން އެނގި ގަދަވި ހޫނުގަނޑުގެ ދިލަމަޑުކުރަން ފަހުން ޖެހުނީ ސަލްމާނަށެވެ. އެގޮތުން އާދީއްތަ ދުވަހުގެ ރޭ ގެއަށް ވަދެ، ރަޝްމީ އާއި އަރްހާނާ ބައްދަލުކޮށް އެ ދެ މީހުން ސުލްހަ ކުރެވޭތޯ މަސައްކަތްކޮށްފައިވެ އެވެ.

މި ހަފުތާގެ އިތުރު އުސްއަލިތަކަށް ބަލާއިރު، އާދީއްތަ ދުވަހުގެ ރޭ ހިމާންޝީ ވަނީ ބިގް ބޮސްގެ ގެއިން ބޭރުވެފަ އެވެ. އޭނާ އަކީ ވައިލްޑް ކާޑް އެންޓްރީގެ ދަށުން ފުރުސަތު ލިބުނު ބައިވެރިއެކެވެ.

މި ހަފުތާގައި ފާހަގަކޮށްލެވުނު އެއް ކަމަކީ ޝޯގެ ބައިވެރިންގެ ތެރެއިން އެކަކު މަދުކަމެވެ. އެއީ ޝޯ ފެށުނީއްސުރެ ހިފަހައްޓަމުން ދިޔަ ޕާރަސް ޗަބްރާ އެވެ. އޭނާ ވަގުތީ ގެއިން ދިޔައީ އިނގިއްޔެއް ބިންދައިގެން ގޮސްފައިވާތީ އޮޕަރޭޝަނަކަށެވެ. ޕާރަސްގެ އިނގިއްޔެއް ބިންދައިގެން ދިޔައީ ބިގް ބޮސް ހަވާލުކުރި ގޭމެއްގެ ތެރޭގައި ހިނގި ކޯޅުންގަނޑެއްގެ ތެރޭގަ އެވެ.

މި ހަފުތާގެ ތެރޭގައި ދެން ބިގް ބޮސް އިން ފެންނާނެ އެންމެ ބޮޑު އެއް ބަދަލަކީ މި ޝޯގެ 12 ވަނަ ސީޒަނުގައި މިދިޔަ އަހަރު ވާދަކުރި ޓީވީ ޕްރޮޑިއުސަރު ވިކާސް ގުޕްތާ ގެއަށް އައުމެވެ. އެހެންވެ މިއީ އަނެއްކާ ވެސް ޝޯގެ ކުޅިގަނޑު އިތުރަށް ހޫނުވާނެ ކަމެއް ކަމަށް ބެލެވެ އެވެ.