އަލާޔާ.
15 އެޕްރީލް 2020 - 08:14
ތުންފަތުގެ ސާޖަރީއެއް ހަދާފައިވާ ކަމަށާއި މިހާރު މޫނުމަތީގެ ސިފަ ފެންނަ ގޮތް ތަފާތު ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަމާޒުވަމުންދާ ފާޑުކިޔުންތަކާ ބެހޭ ގޮތުން، މި އަހަރު ބޮލީވުޑަށް ތައާރަފުވި ޒުވާން ބަތަލާ އަލާޔާ ފަރްނީޗަރުވާލާ ވާހަކަ ދައްކައިފި އެވެ.
ޖެނުއަރީގައި ރިލީޒްކުރި "ޖަވާނި ޖާނެމަން" އިން ބޮލީވުޑަށް ނުކުތް 22 އަހަރުގެ ބަތަލާ މަޝްހޫރު ފިލްމު ކްރިޓިކް ކޯމަލް ނަހަޓާގެ ޝޯ "ސްޓޭރީ ނައިޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ ތުންފަތުގެ ސާޖަރީއެއް ހެދި ކަމަށް ބުނާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
"ބައެއް މީހުން ބުނެފައި އެބަހުރި ކުރިން ވަރަށް ރީއްޗޭ، މިހާރު ކޮން ސިފައެއްހޭ ޖަހަނީ ތުންފަތުގެ ސާޖަރީއެއް ހަދައިގެން އުޅޭތީ،؟" ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިފުޅު ބުންޏެވެ. "އެކަމަކު ބުނަން އޮތީ އަހަރެން ތުންފަތަކަށް އެއްވެސް ބަދަލެއް ނުގަންނަމޭ. ކުރިން ވެސް ހުރި ގޮތަށޭ އަހަރެން މި ހުރީ."
އަލާޔާ ބުނި ގޮތުގައި އޭނާގެ މޫނުމަތީގެ ސިފަ އަށް ބަދަލެއް އައިސްފައިވާ ކަމަށް މީހުން ވާހަކަ ދައްކަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަމަކު ތުންފަތުގެ ސާޖަރީއެއް ހެދި ވާހަކަ އަބަދު ވެސް ދޮގުކުރާނެ ކަމަށް ބުންޏެވެ.
ސޯޝަލް މީޑިއާ އިން ކުރިމަތިވާ ފާޑުކިޔުންތަކާއި މަލާމާތުގެ ބަސްތަކާ ދޭތެރޭ ކަންބޮޑުވޭތޯ އެހުމުން އުންމީދީ ބަތަލާ ބުނީ ކޮންމެވެސް ވަރަކަށް އުނދަގޫވާ ކަމަށެވެ.
"އެކަމަކު މީހުން ކިޔާހާ އެއްޗަކަށް އަޅާނުލިއްޔާ ކަންނޭނގޭ ރަނގަޅުވާނީ. އަހަރެން އަދި އިންޑަސްޓްރީ އަށް ވަރަށް އާ. މި ދާއިރާ އަށް ނުކުތް އިރު ވެސް އެނގޭ މީސްމީހުންގެ އެކި ކަހަލަ ބަސްތަކާ ކުރިމަތިލާން ޖެހޭނެކަން،" އަލާޔާ ބުންޏެވެ.
އޭނާ ބުނީ ވާހަކަ ދައްކާ އިރު، މާ ގިނައިން "އޫމް" އޭ ކިޔޭތީ ވެސް ބައެއް މީހުން މަލާމާތްކުރާ ކަމަށެވެ. އެކަމަކު އެއީ ގަސްތުގައިކުރާ ކަމެއް ނޫން ކަމަށް ބުންޏެވެ.
"އެގޮތަށް އަހަންނަށް ވާހަކަ ދައްކާ އިރު މާ ގިނައިން ކިޔެނީ ބުނާ އެއްޗަކާ ދޭތެރޭ ވިސްނަން ވަގުތުކޮޅެއް ނަގާތީ. އެއީ ފޮނިވާން ނޫނީ މީހުންގެ ސަމާލުކަން ހޯދަން ކުރާ ކަމެއް ނޫން،" އަލާޔާ ބުންޏެވެ. "އެކަމަކު އެކަމާ ގުޅުވައިގެން ވެސް އެބަހުރި ވަރަށް މަލާމާތްކޮށްފައި."
ބޮލީވުޑްގެ ވަރަށް ގިނަ ބަތަލާއިންނަކީ ސިިފަ ރީތިކުރަން އެކި ކަހަލަ ސާޖަރީތައް ހަދާފައިވާ މީހުންނެވެ. އެކަމަކު މިކަމާ އެއްބަސްވަނީ ނިސްބަތުން ވަރަށް މަދު ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy