ދަންޖެހިގެން އާދީއްތަ ދުވަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ވަރަށް އަވަހަށް ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމު ފެއާ އިން ބުނި ގޮތުގައި އެ ފިލްމު ޑިޒްނީ+ހޮޓްސްޓާ އިން ޕްރިމިއާކުރާނެ ތާރީހެއް މި ހަފުތާގެ ތެރޭގައި އިއުލާންކުރާނެ އެވެ. "ދިލް ބޭޗާރާ" އަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ރިމެކެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަލަށް ޑައިރެކްޝަނަށް ނުކުތް މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އެވެ.
"ދިލް ބޭޗާރާ" ގައި ސުޝާންތާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ ސަންޖަނާ ސާންގީ އެވެ.
ކޯ-އެކްޓަރުގެ މަރާ އެކު ބޮޑު ޝޮކެއްގައި ހުރި ބަތަލާ ބުނީ ސުޝާންތު އޭނާ އަށް ދޫކޮށްފައި ދިޔައީ އެތައް ދުވަހެއްގެ ހަނދާންތަކެއް ކަމަށެވެ. އަދި އެއީ ވަރަށް ހުނަރުވެރި އަދި އެކުގައި މަސައްކަތްކުރަން އެހާމެ ފަސޭހަ އެކްޓަރެއް ކަމަށް ބުންޏެވެ.
"ދިލް ބޭޗާރާ" އަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ރިލީޒްކުރަން އުޅުނު ފިލްމެކެވެ. އަދި ފަހުން ފިލްމު ރިލީޒްކުރަން ނިންމީ މިދިޔަ މެއި މަހުގެ 8 ގަ އެވެ. ނަމަވެސް ލޮކްޑައުންއާ ހެދި އެކަން ނުވެ އޮތީ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ސައިފް އަލީ ޚާނާއި ޖާވިދު ޖެފްރީ އަދި މިލިންދު ގުނާޖީ ވެސް ހިމެނެ އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅުނު ސުޝާންތުގެ އެންމެ ފަހުން ފެނިގެން ދިޔަ "ޑްރައިވް" އަކީ ވެސް މިދިޔަ އަހަރު ޑިޖިޓަލްކޮށް ރިލީޒްކުރި ފިލްމެކެވެ. ނެޓްފްލިކްސް އިން ސްޓްރީމްކުރި އެ ފިލްމުގެ އިތުރަށް މިދިޔަ އަހަރު އޭނާ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ޗިޗޯރޭ" އާއި "ސޯންޗިރައްޔާ" ހިމެނެ އެވެ.
ސުޝާންތުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އިންޑިއާގެ ކްރިކެޓް ތަރި އެމްއެސް ދޯނީގެ ރޯލް އޭނާ ކުޅުނު 2016 ގެ ބައޮގްރަފިކަލް ޑްރާމާ "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އެވެ.