ދުނިޔޭގެ އެންމެ ޝަރަފުވެރި ފިލްމު އެވޯޑް ކަމަށްވާ އަންނަ އަހަރު ބާއްވާ 93 ވަނަ އޮސްކާ އެވޯޑްސްގެ އާ މެމްބަރުންގެ ދައުވަތު މި ފަހަރު ލިބުނު އިންޑިއާގެ ފަންނާނުންގެ ތެރޭގައި ޒުވާން ބަތަލާ އާލިއާ ބަޓާއި ރިތިކް ރޯޝަން ހިމެނިއްޖެ އެވެ.

މި އަހަރު ބޭއްވި 92 ވަނަ އޮސްކާ އެވޯޑްސް އަށް އިންޑިއާ އިން މިދިޔަ އަހަރު ފޮނުވި ފިލްމު "ގަލީ ބޯއި" ގެ ބަތަލާ އަށް އޮސްކާގެ މެމްބަރުންގެ ލިސްޓުން ފުރުސަތު ލިބުނީ އެ ފިލްމާއި 2018 ގައި ރިލީޒްކުރި "ރާޒީ" ގައި ދެއްކި އެކްޓިން ފާހަގަކޮށް، އެކްޓަރުންގެ ކެޓަގަރީންނެވެ.

ރިތިކަށް ފުރުސަތު ލިބުނީ މިދިޔަ އަހަރު ރިލީޒްކުރި "ސުޕަ 30" އާއި 2008 ގެ "ޖޯދާ އަކްބަރު" ގައި ދެއްކި ހުނަރު ފާހަގަކޮށެވެ.

ރިތިކާއި އާލިއާގެ އިތުރުން މި ފަހަރު ފުރުސަތު ލިބުނު އިންޑިއާގެ ފަނާނުންގެ ތެރޭގައި "ޖޯދާ އަކްބަރު" އާއި 2002 ވަނަ އަހަރުގެ "ދޭވްދާސް" ގެ ކޮސްޓިއުމް ޑިޒައިނަރު ނީތާ ލުއްލާ އާއި 2009 ގެ ފިލްމު "ކަމީނޭ" އާއި 2001 ގެ "މޮންސޫން ވެޑިން" ގެ ސްކްރީން ރައިޓަރު ސަބްރީނާ ދަވަން ހިމެނެ އެވެ.

އެކެޑެމީން މި ފަންނާނުންނަށް ލިބުނު ދައުވަތާ އެކު އެކު އޮސްކާ އަށް ވާދަކުރާ ފިލްމުތަކަށް ވޯޓް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ.

އޮސްކާ އެވޯޑް އިންތިޒާމުކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ، އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އިން އިއުލާންކޮށްފައިވާ ގޮތުގައި މި ފަހަރުގެ އެކެޑެމީގެ އާ މެމްބަރުންގެ ގޮތުގައި ދުނިޔޭގެ 68 ގައުމަކުން 819 އާ މެމްބަރުން ހިމެނެ އެވެ.

މެމްބަރުން ހިމަނާފައި ވަނީ އެކްޓަރުންނާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި ކާސްޓިން ޑައިރެކްޓަރުންނާއި ސިނަމަޓޯގްރާފަރުންނާއި ކޮސްޓިއުމް ޑިޒައިނަރުންނާއި ފިލްމު އެޑިޓަރުންނާއި މޭކަޕާއި ހެއާ ސްޓައިލިސްޓުންނާއި މިއުޒިކާއި ޕްރޮޑަކްޝަން ޑިޒައިނަރުންނާއި ޗޯޓް ފިލްމާއި ފީޗާ އެނިމޭޝަނާއި ސައުންޑާއި ވިޝުއަލް އިފެކްޓްސް އާއި ރައިޓަރުންނާއި ޑޮކިއުމަންޓަރީ އާއި މާކެޓިން އެންޑް ޕީއާރާއި މެމްބާޒް-އެޓް ލާޖް އަދި އެކްޒެކެޓިވާއި އެސޯސިއޭޓްސް ހިމެނޭ ގޮތަށެވެ.

މި ދާއިރާތަކުން ފަންނާނުންނަށް ދައުވަތު ދިން އިރު، އޭގެ ތެރެއިން 45 ޕަސަންޓަކީ އަންހެނުންނެވެ.

އަންނަ އަހަރުގެ އޮސްކާ އެވޯޑްސް ހަފުލާ ބާއްވަން ހަމަޖެހިފައި ވަނީ އެޕްރީލް މަހުގެ 25 ގަ އެވެ.