ޝާހްރުކް ޚާން ސޮއިކޮށްފައިވާ ކަމަށް ބުނާ ޔާޝްރާޖް ފިލްމްސް (ވައިިއާރްއެފް) ގެ ފިލްމު "ޕަތާން" އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މިދިޔަ އަހަރު "ވޯ" ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދު ހަދާ ފިލްމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާއިރު، ފިލްމުގެ ވަރަށް ބޮޑު ބައެއް އިނގިރޭސިވިލާތުގައި ނަގަން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. "ޕަތާން" ގައި ޝާހްރުކާ އެކު ފެންނާނެ ކަމަށް މީޑިއާތަކުން ބުނަނީ ދީޕިކާ ޕަދްކޯނެވެ.
ނަމަވެސް ސިދާތާއި ވައިއާރްއެފުން ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އަދި ރަސްމީކޮށް ނުދައްކަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ޕަތާން" ރަސްމީކޮށް އިއުލާންކުރާނީ އަންނަ މަހުގެ 27 ގަ އެވެ.
މިއީ ހަގީތަކަށްވެއްޖެ ނަމަ "ޕަތާން" އަކީ 2018 ގައި ރިލީޒްކުރި "ޒީރޯ" އަށް ފަހު ޝާހްރުކް ކުޅޭ ފުރަތަމަ ފިލްމަށްވާނެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އަންނަ އަހަރު މި ފިލްމު ގެނެސްދޭން ނިންމާފައި އިރު، ޝާހްރުކް ސޮއިކޮށްފައިވާ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމަކީ 2022 ގައި ގެނެސްދޭން ނިންމާފައިވާ ފިލްމެކެވެ.
"ޓައިގާ 3" ގެ ޝޫޓިން ފެބްރުއަރީގައި
ސަލްމާން ޚާނާއި ކެޓްރީނާ ކައިފް އުޅޭ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީގައި ފަށާނެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ވައިއާރްއެފުން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރާނެ ކަމަށް ބެލެވެނީ މަނީޝް ޝަރުމާ އެވެ. ދެހާސް ސަތާރައުގައި ގެނެސްދިން "ޓައިގާ ޒިންދާ ހޭ" ޑައިރެކްޓްކުރީ އަލީ އައްބާސް ޒަފަރެވެ. ކަބީރް ޚާނަކީ 2012 ގައި ގެނެސްދިން "އޭކް ތަ ޓައިގާ" ގެ ޑައިރެކްޓަރެވެ.
ނޫސްތަކުން ބުނެފައިވާ ގޮތުގައި "ޓައިގާ 3" އަކީ 300 ކްރޯޑް ރުޕީސް (40.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމެކެވެ.
"ޓައިގާ" ގެ ފުރަތަމަ ދެ ފިލްމަކީ ވެސް ބޭރުގެ ގިނަ ލޮކޭޝަންތަކުގައި ޝޫޓްކޮށްފައިވާ ފިލްމަކަށްވާތީ ތިން ވަނަ ބަޔަކީ ހަމަ އިންޑިއާއިން ބޭރުގެ ގިނަ ގައުމުތަކެއްގައި މަންޒަރުތަކެއް ނަގާނެ ކަމަށް ބެލެވޭ ފިލްމެކެވެ.
ނިޝިކަންތުގެ ހާލު ސީރިއަސް
ފުރަމޭގެ ސީރިއަސް މައްސަލަތަކެއް ދިމާވެގެން ފަރުވާ ދެމުން އަންނަ ޑައިރެކްޓަރު ނިޝިކަންތު ކަމަތުގެ ހާލު ވަރަށް ދެރަކަމަށް ބުނެފި އެވެ.
އަޖޭ ދޭވްގަންގެ "ދުރިޝަމް" އާއި ޖޯން އަބްރަހަމްގެ "ރޮކީ ހޭންސަމް" އާއި އިރުފާން ޚާންގެ "މަދާރީ" ފަދަ ފިލްމުތައް ގެނެސްދިން 50 އަހަރުގެ ޑައިރެކްޓަރަށް ފަރުވާ ދެމުން އަންނަނީ ހައިދަރުއާބާރުގެ އޭއައިޖީ ހޮސްޕިޓަލްގަ އެވެ. ނިޝިކަންތު އެޑްމިޓްކުރީ މިދިޔަ މަހުގެ 31 ގަ އެވެ.
"ޝާދީ މުބާރަކް" ގައި
ސްޓާ ޕްލަސްގެ އާ ސިލްސިލާ "ޝާދީ މުބާރަކް" މި މަހުގެ 24 އިން ފެށިގެން ދައްކަން ނިންމައިފި އެވެ.
މީގެ ޕްރޮމޯ ވެސް ދައްކަމުން އަންނަ އިރު ބެލުންތެރިންނަށް ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއާ ހަމައަށް ސިލްސިލާ ގެެނެސްދޭނީ ރާއްޖެ ގަޑިން 7:00 ގަ އެވެ.
"ޝާދީ މުބާރަކް" ލީޑް ރޯލުން ފެނިގެންދާނީ މީގެ ކުރިން ވެސް ސިލްސިލާތައް ކުޅެފައިވާ މާނަވް ގޯހިލް އާއި ރާޖްޝްރީ ތާކޫރެވެ.