06 އޯގަސްޓް 2020 - 08:56
ސަަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ހެދި ޑައިރެކްޓަރު ކަބީރް ޚާން ކަމަށް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައި ވަނިކޮށް، އޭގެ ޑައިރެކްޓަރަކީ މަނީޝް ޝަރުމާ ކަމަށް ބައެއް މީޑިއާތަކުން ބުނަން ފަށައިފި އެވެ.
މަނީޝް އަކްޝޭ ކުމާރާ އެކު ފިލްމެއް ހަދަން އުޅޭ ކަމަށް ވެސް ދާދި ފަހުން އަޑު އަރާފައިވެ އެވެ. ނަމަވެސް އޭނާ ނިސްބަތްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އޮފިޝަލަކު ވަނީ އެކަން ދޮގުކޮށްފަ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "ޓައިގާ" ފްރެންޗައިޒްގެ ތިން ބައިގެ ޑައިރެކްޝަނާ މަނީޝް ހަވާލުވާން ނިންމާފައިވާ އިރު، މި ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވެނީ ވައިއާރްއެފްގެ ބާނީ އަދި 2012 ގައި މަރުވެފައިވާ ކުރީގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާގެ އުފަން ދުވަހާ ދިމާކޮށް އަންނަ މަހުގެ 27 ގަ އެވެ.
ސަލްމާން ޓައިގާ ކިޔާ ކެރެކްޓާއެއް ކުޅޭ "ޓައިގާ" ގެ ތިން ވަނަ ބައި މަނީޝް ޑައިރެކްޓްކުރުންވެގެންދާނީ ސަލްމާނާ އެކު އޭނާ މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. މަނީޝް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޝާހްރުކް ޚާނާ އެކު 2016 ގައި ގެނެސްދިން "ފޭން" އެވެ. އޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2010 ގެ "ބޭންޑް ބާޖާ ބާރާތު" އާއި 2011 ގެ "ލޭޑީޒް ވާސަސް ރިކީ ބާލް" އަދި 2013 ގެ "ޝުދު ދޭސީ ރޮމޭންސް" ހިމެނެ އެވެ.
ސަލްމާނާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅޭ "ޓައިގާ" ފްރެންޗައިޒްގެ ފުރަތަމަ ފިލްމު "އޭކް ތަ ޓައިގާ" އަކީ ކަބީރް 2012 ގައި ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. ދެވަނަ ބައި "ޓައިގާ ޒިންދާ ހޭ" 2017 ގައި ލިޔެ، ޑައިރެކްޓްކުރީ އަލީ އައްބާސް ޒަފަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy