ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މަސައްކަތް ނިމި އެކަމަކު ބެލުންތެރިންނާ ހަމައަށް ނުގެނެވި ދެ އަހަރެއްހާ ދުސްވެފައިވާ އެކްތާ ކަޕޫރްގެ ބާލާޖީގެ ފިލްމު "ޑޯލީ ކިޓީ އޯރް ވޯ ޗަމަތުކޭ ސިތާރޭ" މި މަހުގެ 18 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.


މިދިޔަ އަހަރު ބޭއްވި 24 ވަނަ ބުސާން އިންޓަނޭޝަނަލް ފެސްޓިވަލްގައި ޕްރިމިއާކުރި މި ފިލްމަކީ އަލަންކްރިތާ ސްރިވަސްތާވް ޑައިރެކްޓްކޮށްފައިވާ ކޮމެޑީއެކެވެ. އޭނާ އަކީ ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު ފިލްމެއް ކަމަށްވާ 2017 ގެ "ލިޕްސްޓިކް އަންޑަ މައި ބުރްގާ" ގެނެސްދިން ޑައިރެކްޓަރެވެ.

"ޑޯލީ ކިޓީ އޯރް ވޯ ޗަމަތުކޭ ސިތާރާ" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ބޫމީ ޕިޑްނޭކަރާއި ކޮންކޮނާ ސެން ޝަރުމާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ވިކްރާންތު މަސީ، ކަރަން ކުންދުރާ، މުސްތާގް ޝެއިހް، ކުބްރާ ސައިތު، އާމިރު ބަޝީރު އަދި އަމޯލް ޕްރަޝާރު ހިމެނެ އެވެ.

ވިކީ އާއި މަނޫޝީގެ ޝޫޓިން އަންނަ މަހު

ވިކީ ކޯޝަލް އާއި 2017 ގެ މިސް ވޯލްޑްގެ ތާޖު ހާސިލުކުރި މަނޫޝީ ޗިލާރާ އެކު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދަން ނިންމާފައިވާ ސިޗްއޭޝަނަލް ކޮމެޑީގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަން އަދި ކަށަވަރުނުވާ މި ފިލްމަކީ "ދޫމް 3" އާއި "ތަގްސް އިފް ހިންދުސްތާން" ގެނެސްދިން ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ވައިއާރްއެފުން ރަސްމީކޮށް އަދިި ހިއްސާއެއްނުކުރެ އެވެ. އެކަމަކު މި މަހުގެ 27 ގައި ފިލްމު އިއުލާންކުރާނެ ކަމަށްވެ އެވެ.

ވިކީއާ އެކު ކުޅޭ ފިލްމުވެގެންދާނީ މަނޫޝީގެ ދެވަނަ ފިލްމަށެވެ. އޭނާ ބޮލީވުޑަށް ތައާރަފުކުރާނީ ވައިއާރްއެފުން އަކްޝޭ ކުމާރާ އެކު ހަދާ ތާރީހީ ފިލްމު "ޕްރިތުވީރާޖް" އިންނެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.

އާމިރުގެ ޓީޗަރަކު މަރުވުމުން ހިތާމައިގައި

އެކްޓަރު އާމިރު ޚާނަށް މަރާޓީ ބަސް ކިޔަވައިދިން ޓީޗަރެއް ކަމަށްވާ ސުހާސް ލިމާޔޭ ބުދަ ދުވަހު މަރުވުމާ ގުޅިގެން ހިތާމަފާޅުކޮށް ބަޔާނެއް ނެރެފި އެވެ.

އާމިރު ޓްވިޓާގައި އާންމުކުރި ބަޔާނެއްގައި ބުނީ ސުހާސްގެ ފަރާތުން މަރާޓީ ބަސް ދަސްކުރަން ހަތަރު އަހަރު އުޅުނު ކަމަށާއި އެ ދުވަސްވަރު ހަމައެކަނި ބަސް ދަސްވީ ނޫން ކަމަށާއި ޓީޗަރުގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށް ބުންޏެވެ. އެހެންވެ އޭނާ އަށް އެހާ ހާއްސަ ޓީޗަރަކު ވަކިވެ ދިއުމަކީ ލިބުނު ވަރށް ފުން ހިތާމައެއް ކަމަށާއި ސުހާސްގެ މަތިން އަބަދު ވެސް ހަނދާން އާވާނެ ކަމަށް ބުންޏެވެ.

އާމިރު ބުނިގޮތުގައި މަރާޓީ ބަސް ކިޔަވައިދިން ޓީޗަރަކީ އޭނާގެ އެންމެ ގަޔާވި ޓީޗަރުންގެ ތެރެއިން އެކެކެވެ.

"ބެލް ބޮޓަމް" ގެ މަސައްކަތް ކުރިއަށް

މި ވަގުތު އިނގިރޭސިވިލާތުގައި ޝޫޓްކުރަމުން އަންނަ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފި އެވެ.

އެ ފޮޓޯތަކުގައި ފެންނަކީ އަކްޝޭ ރެޓްރޯ ލުކެއްގައި އުޅެނިކޮށެވެ. "ބެލް ބޮޓަމް" އަކީ 1980 ގެ އަހަރުތަކުގެ ވާހަކައެއް ކިޔައިދޭ ސްޕައި ތުރިލާއެކެވެ. ވާޝޫ ބަގްނާނީ އާއި ނިކިލް އަދުވާނީ ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓަރަކީ ރަންޖީތު ތިވާރީ އެވެ.

އަންނަ އަހަރުގެ އެޕްރީލް 2 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ބެލް ބޮޓަމް" އިން އަކްޝޭއާ އެކު ވާނީ ކަޕޫރާއި ލާރާ ދައްތާ އާއި ހުމާ ގްރޭޝީ ފެނިގެންދާނެ އެވެ.