15 ނޮވެމްބަރ 2020 - 07:51
މިދިޔަ ބުރާސްފަތި ދުވަހު ނެޓްފްލިކްސް އިން ޕްރިމިއާކުރި ޑައިރެކްޓަރު އަނޫގާރާގް ބާސޫގެ އެންތޮލޮޖީ ފިލްމު "ލޫޑޯ" ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށް އެ ފިލްމު ޕްރޮޑިއުސްކުރި ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު ބުނެފި އެވެ.
އޭނާ ބުނީ އަނޫރާގަކީ ބޮލީވުޑްގެ އެންމެ މޮޅެތި ޑައިރެކްޓަރުންގެ ތެރެއިން އެކަކު ކަމަށާއި އަނޫރާގާ އެކު މަސައްކަތްކުރުމުން ޝައުގުވެރި އުފެއްދުންތަކެއް ގެނެސްދެވޭނެ ކަމަށެވެ. އެހެންވެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ގޮތަށް އަނޫރާގާ އެކު އިތުރު ފިލްމުތަކެއް ޕްލޭންކޮށްފައިވާ ކަމަށް ބުންޏެވެ.
"އޭގެ ތެރެއިން އެކައްޗަކީ ލޫޑޯ ދޭއް. އަހަރެމެން ދެން ހަދާ ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ވެސް ކުރާނަން. އަނޫރާގް ދާދާއާ އެކު މަސައްކަތް ކުރުމަކީ ވަރަށް ފަސޭހަ ކަމެއް. އަހަރެން ގަބޫލުކުރާ ގޮތުގައި އޭނަ އަކީ އިންޑިއާގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރު ވެސް މެ،" ބުޝަން ބުންޏެވެ. "އަނޫރާގްދާދާގެ އެންމެ ހާއްސަ ކަމަކީ އޭނަ އަކީ ވަރަށް މޮޅު ސްޓޯރީޓެލާއަކަށްވުން."
"ލޫޑޯ" އަކީ "ބަރްފީ" އާއި "ޖައްގާ ޖާސޫސް" އަދި "މާޑާ" ފަދަ ފިލްމުތައް ގެނެސްދިން އަނޫރާގްގެ ދެވަނަ އެންތޮލޮޖީ ފިލްމެވެ. އޭނާ ކުރިން ގެނެސްދިން އެންތޮލޮޖީ އަކީ 2007 ގެ "ލައިފް އިން އަ...މެޓްރޯ" އެވެ.
ޑާކް ކޮމެޑީ ކްރައިމް ފިލްމެއްގެ ގޮތުގައި ގެނެސްދިން "ލޫޑޯ" އަކީ ގުޅިލާމެހިގެން އަންނަ ހަތަރު ވާހަކައެއް ކިޔައިދޭ ފިލްމެވެ. މީގެ ސެގްމަންޓްތަކުގައި ހިމެނެނީ އަބީޝެކް ބައްޗަނާއި ރާޖްކުމާރު ރާއޯ/ފާތިމާ ސަނާ ޝެއިހް، އަދިތިޔާ ރޯއި ކަޕޫރް/ސާނިއާ މަލްއުތުރާ އަދި ޕަންކަޖް ތުރިޕަތީ އެވެ.
ގިނަ ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި "ލޫޑޯ" ގެ އެންމެ ޝައުގުވެރީ އަދިތިޔާ އާއި ސާނިއާގެ ސެގްމަންޓެވެ. އަދި އެންމެ ކަމުނުދަނީ އަބީޝެކްގެ ސެގްމަންޓެވެ. އަދި ޖުމްލަކޮށް އެ ފިލްމަކީ ވަރަށް ފޫހި ފިލުވައިދޭ ރީތި ފިލްމެއް ކަމަށް ގިނަ ކްރިޓިކުން އިއްތިފާގުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy