23 ނޮވެމްބަރ 2020 - 07:59
ސަންޖޭ ދަތުގެ އާ ފިލްމު "ތޯރްބާޒް" އަންނަ މަހުގެ 11 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ ގޮތަށް ނިންމައި އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ މީގެ ތިން އަހަރު ކުރިން މަސައްކަތް ނިމުނު ނަމަވެސް ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައި އޮތް ފިލްމެކެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ތޯރްބާޒް" އަކީ ގިރިޝް މަލިކް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ސަންޖޭއާ އެކު މީގެ ބަތަލާގެ ރޯލު ކުޅެފައި ވަނީ ނަރުގިސް ފަޚްރީ އެވެ.
"ތޯރްބާޒް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ރާހުލް ދޭވް، ރާހުލް މިތުރާ އަދި ޕްރާންޝް ޗޯޕްރާ ހިމެނެ އެވެ.
ދާދި ފަހުން ފުއްޕާމޭގެ ކެންސަރަށް ފަރުވާ ވެސް ހޯދި ސަންޖޭ އެންމެ ފަހުން ފެނިފައި ވަނީ އޮގަސްޓް މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ސަޅަކް 2" އިންނެވެ.
ސަންޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި "ޕްރިތުވީރާޖް" އާއި "ކޭޖީއެފް: ޗެޕްޓާ 2" ހިމެނެ އެވެ.
ފިލްމު ކުޅުން ހުއްޓާލައި ދާދި ފަހުން ބުރުގާ އެޅި ބޮލީވުޑްގެ ބަތަލާ ސަނާ ޚާން ކައިވެނިކޮށްފި އެވެ.
"ވަޖާ ތުމް ހޯ" ފަދަ ފިލްމުތައް ކުޅުނު ބަތަލާ ކައިވެނިކުރީ، މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގުޖުރާތުގެ ސޫރަތުގައި ބޭއްވި ހަފުލާއެއްގައި މުފްތީ އަނަސް ކިޔާ މީހަކާ އެވެ. އެ ދެ މީހުންގެ ކައިވެނީގެ ހަފުލާގެ ތެރެއިން ނަގާފައިވާ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އޭގައި ދެ މީހުން ކައިވެނީގެ ހުދު ހެދުމުގައި ވަރަށް އުފަލުން ތިއްބައި ފެނެ އެވެ.
ސަނާ ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކޮށް ބުނެފައި ވަނީ އޭނާގެ ހަޔާތް ދެން ބައްޓަންވެގެން ދާނީ އާޚިރަށް ކާމިޔާބުކުރުމަށް ކަމަށެވެ.
ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާއި އަކްޝޭ ކުމާރާ ގުޅުވައިގެން ދެއްކި ވާހަކަތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލަށް 500 ކްރޯޑް ރުޕީސް ހޯދަން ކުރި ދައުވާ އަށް ރާޝިދު ސިއްދީގީ އިންކާރުކޮށްފި އެވެ.
[#AkshayKumar DEFAMATION NOTICE]
— Bar & Bench (@barandbench) November 20, 2020
YouTuber Rashid Siddiqee refuses to pay Rs. 500 crores in reply to the defamation notice served upon him by Bollywood Actor #AkshayKumar yesterday.@akshaykumar #RashidSiddiqee #Defamationnotice pic.twitter.com/atZlVPOKGC
އޭނާ ބުނީ އަކްޝޭއާ ބެހޭ ގޮތުން ދޮގު ވާހަތަކެއް ނުދައްކާ ކަމަށާއި އަކްޝޭ ދައުވާކުރަނީ ބިރު ދައްކައި ފުރައްސާކުރުމުގެ ގޮތުން ކަމަށެވެ. އަދި އެއީ ހިޔާލުފާޅުކުރުމުގެ މިނިވިންކަމާ ދެކޮޅަށް ކުރާ ބޭކާރު ދައުވާއެއް ކަމަށާއި އަކްޝޭއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކެއް ދެއްކީ އެހެން މީޑިއާތަކުން ފެތުރި ވާހަކަތަކެއް މަސްދަރުތަކަށް ބަލައިގެން ކަމަށް ވެސް ބުންޏެވެ. އެހެންވެ އޭނާގެ މައްޗަށް އެކަނި އަކްޝޭ ދައުވާކުރުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށް ވެސް ރާޝިދު ބުންޏެވެ.
އަކްޝޭގެ ދައުވާގައި ބުނެފައިވާ ގޮތުގައި ސުޝާންތުގެ މަރުގެ މައްސަލާގައި ތުހުމަތުތަކެއް ކުރެވުނު ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ސިއްރިޔާތުން ކެނެޑާ އަށް ފޮނުވަން އަކްޝޭ މަސައްކަތްކޮށްފައިވެ އެވެ. އަދި ފިލްމު "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ކުޅެން ސުޝާންތަށް ލިބުމުން އެކަމާ ހިތްހަމަނުޖެހިގެން އޭނަގެ ކެރިއަރު ހަލާކުކޮށްލަން ވެސް އަކްޝޭ މަސައްކަތްކޮށްފައި އެވެ.
ރާޝިދު ބުނެފައިވާ ގޮތުގައި އޭނާ އަށް އަކްޝޭ ކުރާ ދައުވާ އަނބުރާ ނުނަގައިފި ނަމަ އޭނާގެ ދައުވާކުރަން ކޯޓަށް ހުށަހަޅާނެ އެވެ.
އިންޑިއާގެ ފުލުހުންގެ ހަމަލާއެއްގައި ޖުލައި މަހު މަރުވި ނުފޫޒު ގަދަ ގޭންގްސްޓާރު ވިކާސް ޑޫބޭގެ ވާހަކަ ކިޔައިދޭ ވެބް ސީރީޒެއް ހަދަން ޑައިރެކްޓަރު ހެންސަލް މެހެތާ އިއުލާންކޮށްފައި ވަނިކޮށް ޑޫބޭގެ ވާހަކަ ކިޔައިދޭ ފިލްމެއް "ހަނަކް" ގެ ނަމުގައި އިއުލާންކޮށްފި އެވެ.
މި ފިލްމުގައި ޑޫބޭގެ ރޯލް ކުޅެނީ "ކަހާނީ ގަރް ގަރް ކީ" އާއި ކުރީގެ "ކަސޯޓީ" އަދި "ތަންތުރާ" ފަދަ ސިލްސިލާތަކުން ފެނިފައިވާ ޓީވީ އެކްޓަރު މަނީޝް ގޮއެލް އެވެ.
"ހަނަކް" ގެ ޝޫޓިން މި މަހުގެ 27 ގައި ރަސްމީކޮށް މަދިޔަ ޕްރަދޭޝްގައި ފަށަން ހަމަޖެހިފައިވާ އިރު، ފިލްމުގެ ޑައިރެކްޓަރަކީ މަނީޝް ވަތުސަލިއާ އެވެ. މި ފިލްމު ހަދަނީ މިރުދުލް ކަޕިލް ލިޔެފައިވާ "މޭ ކާންޕޫރު ވާލާ" އަށް ބިނާކޮށެވެ.
"ހަނަކް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy