ކަލާޒް ޗެނަލުން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް 14" ފެށިގެން އައި ދުވަސްކޮޅު ބަތަލާ ނިކީ ތަމްބޯލީއާ ގާތްކޮށް އުޅުނު އަދި ނިކީ އަށް ހިތުން ހާއްސަ ޖާގައެއް ވެސް ދިން ޖާން ކުމާރު ސާނޫ ޝޯއިން އާދީއްތަ ދުވަހުގެ ރޭ ބޭރުކޮށްލައިފި އެވެ.
ޖާން ނުވަތަ އަސްލު ނަމުން ނަމަ ޖަޔޭޝް ބަޓަޗަރިއާ، 26، އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ދަރިއެކެވެ. ޖާން އަކީ ބިގް ބޮސްގެ މި ފަހަރުގެ ސީޒަނުން ފުރުސަތު ލިބުނު ދެ ލަވަކިޔުންތެރިންގެ ތެރެއިން އެކަކެވެ. އަނެއް ބައިވެރިޔާ އަކީ "އިންޑިއަން އައިޑޮލް" ފުރަތަމަ ސީޒަނުން މަޝްހޫރުކަން ހޯދި ރާހުލް ވައިދިއާ އެވެ.
ޖާން "ބިގް ބޮސް 14" ކަޓައިގެން ދިޔަ އިރު ގިނަ ބަޔަކު އޭނާ ފާހަގަކުރީ ވަރަށް ބަލިކަށި އަދި އެހާމެ ފޫހި ބައިވެރިއެއްގެ ގޮތުގަ އެވެ. ޖާން އަށް ޝޯ އިން ލިބުނު ސަމާލުކަމެއްވިއްޔާ ލިބުނީ ވެސް ނިކީގެ ފަހަތުން އުޅެގެންނެވެ. އޭނާއާ ހެދި ޖާން މާ ވަރަކުން އުޅޭތީ ޝޯގެ ކުރީކޮޅު ނިކީ ވަނީ ޖާންގެ ބޭނުން ވެސް ވަރަށް ބޮޑަށް ހިފައިފަ އެވެ. އަދި އޭނާ ޖެހިހާ ބެރަކަށް ނަށާ މީހެއްގެ ގޮތުގައި ޖާން ފެނިގެން ދިޔަ އެވެ.
ނަމަވެސް ފަހުން ފަހުން ވެސް ޖާން އާއި ނިކީއާ ދެމެދު ބޮޑެތި އަރާރުންތަކެއް ހިނގައި ނިކީ ވަނީ ޖާން ބާކީކޮށްލައިފަ އެވެ. އަދި ޖާން އޭނާއާ ހެދި މާ ވަރަކުން އުޅޭކަން އެނގުމުން ނިކީ ވަނީ ވަރަށް ސީދަލަށް "ތިއީ އަހަރެންގެ ޓައިޕް ނޫން" ކަމަށް ބުނެފަ އެވެ. ނިކީ ބުނިގޮތުގައި އޭނާ ގަޔާވަނީ "ސްޓްރޯންގް" ފިރިހެނުން ދެކެ އެވެ. އަދި ޖާން އަކީ އެފަދަ މީހެއް ނޫން ކަމަށާއި އެއީ އެކުވެރިއަކަށް ވެސް އެކަށީގެންވާ މީހެއް ނޫން ކަމަށް ނިކީ ބުނެފައިވެ އެވެ.
ބެލުންތެރިންގެ ވޯޓް މި ހަފުތާގައި އެންމެ ދަށްކޮށް ލިބިގެން ޖާން އަށް ޝޯއަށް އަލްވަދާއު ކިޔަން ޖެހުނު އިރު އޭނާއާ އެކު އިތުރު ދެ ބައިވެރިޔަކު ނޮމިނޭޓް ވެސް ވި އެވެ. އެއި އިޖާޒް ޚާނާއި ރުބީނާ ދިލައިކެވެ. ރުބީނާ އެލިމިނޭޝަނުން ސަލާމަތްވީ ޝޯގެ ހޯސްޓް ސަލްމާން ޚާނާ އެކު މި ހަފުތާގެ "ވީކެންޑް ކާ ވާރު" ގައި މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރް މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، ދިން "އިިމިއުނިޓީ ސްޓޯން" އާ އެކީގަ އެވެ.
މިދިޔަ މަހުގެ ކުރީކޮޅު ފެށި "ބިގް ބޮސް 14" ގައި ފެށުނީއްސުރެ ވާދަކުރާ ބައިވެރިންގެ ތެރެއިން މިހާރު ޝޯގައި ތިބީ ރުބީނާ އާއި ފިރިމީހާ އަބިނާވް ޝުކްލާ އާއި ޖޭސްމިން ބާސިނާއި ޕަވިތުރަ ޕުނިއާ އާއި ރާހުލް އެވެ.
އަލީ ގޯނީ އާއި ކަވީތާ ކޯޝިކަކީ "ވައިލް ކާޑް" ގެ ދަށުން ފުރުސަތު ލިބުނު ދެ ބައިވެރިންނެވެ.