ޒުވާން ބަތަލާ އާލިއާ ބަޓާ އެކު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މިހާރު ހަދަމުން އަންނަ ފިލްމު "ގަންގްބާއީ ކަތިއާވާޅީ" ގެ ރޯލަކަށް ހުމާ ގްރޭޝީ ވެސް ސޮއިކޮށްފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ހުމާގެ ކެރެކްޓާ ފިލްމުގެ ތެރެއަށް އަންނާނީ ވާހަކައިގެ ވަރަށް ހާއްސަ ހިސާބަކުންނެވެ. އެގޮތުން އޭނާގެ ކެރެކްޓާގެ ތެރެއިން ގައްވާލީ ނެށުމެއް ހުށަހަޅައިދޭ ތަން ވެސް ފެންނާނެ އެވެ.

މީޑިއާތަކުން ބުނީ "ގަންގްބާއީ" އަށް ހުމާ 4-5 ދުވަހަށް ޝޫޓްކުރާނެ ކަމަށާއި މި ހަފުތާގެ ތެރޭގައި ޝޫޓިން ކުރިއަށް ދާނެ ކަމަށެވެ. ހުމާގެ މަންޒަރުތަކަށް ހާއްސަ ސެޓެއް ވެސް މިހާރު ވަނީ ހަދައިފަ އެވެ. "ގަންގްބާއީ" ވެގެން ދާނީ ބަންސާލީގެ ފިލްމެއްގައި ހުމާ ހިއްސާވާ ފުރަތަމަ ފަހަރަށެވެ. ހުމާ ދާދި ފަހުން ވަނީ އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ގެ ޝޫޓިން ނިންމާލައިފަ އެވެ.

"ގަންގްބާއީ ކަތިއަވާޅީ" އަކީ އާލިއާ ވެސް ބަންސާލީއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޝޫޓިން ހުއްޓިފައި އޮތް "ގަންގްބާއީ" ގެ ޝޫޓިން އަލުން ފެށީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން ޖެނުއަރީގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމައިލެވޭނެ އެވެ.

"ގަންގްބާއީ" ގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް މި ފިލްމުގެ ކާސްޓާ ގުޅޭ ގޮތުން ބަންސާލީ މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ އެކި ފަހަރު މަތިން، އެކިއެކި ތަރިން ފިލްމުގައި ހިއްސާވާ ކަމަށް ބުނާ ވާހަކަތައް މީޑިއާތަކުގައި ގަދަ އެވެ. އެގޮތުން އަޖޭ ދޭވްގަނާއި އިމްރާން ހާޝިމީ ވެސް ފިލްމުގެ ރޯލްތަކުން ފެންނާނެކަމުގެ އަޑުތަކެއް އެރި އެވެ. އަދި ދީޕިކާ ޕަދްކޯން އާއި ރަންބީރް ކަޕޫރް ވެސް ހާއްސަ ފެނިލުންތަކުން ފެންނާނެ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

އާލިއާ ޓައިޓްލް ރޯލް ކުޅޭ "ގަންގްބާއީ ކަތިއަވާޅީ" ގެ ކާސްޓުން ފެންނާނެ ކަމަށް ބެލެވޭ ފަންނާނުންގެ ތެރޭގައި ދާދި ފަހުން ޖިންސީ ގޯނާގެ ތުހުމަތުކުރެވުނު ވިޖޭ ރާޒާއި ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އާއި ބަންސާލީގެ "ޕަދުމާވަތު" ގެ ރޯލެއް ކުޅުނު ޖިމް ސަރްބް ހިމެނެ އެވެ.

"ގަންގްބާއީ ކަތިއަވާޅީ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. ކޮވިޑްގެ މުސީބާތް ކުރިމަތި ނުވި ނަމަ މި ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރު 11 ގައި ރިލީޒްކޮށްފައި އޮންނާނެ ފިލްމެކެވެ.