ވިދޫ.
25 ފެބުރުއަރީ 2021 - 07:20
ރީތި އަދި ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ބޮލީވުޑްގެ ޑައިރެކްޓަރު ވިދޫ ވިނޯދު ޗޯޕްޅާ "ބާރިޝް" ކިޔާ ސައިކޮލޮޖިކަލް ތުރިލާއަކަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
މީގެ އަހަރެއްހާ ދުވަސްކުރިން "ޝިކާރާ" ގެނެސްދިން ޑައިރެކްޓަރު އާ ފިލްމާ ބެހޭ ގޮތުން ވާހަކަ ދެއްކީ ވާޗުއަލްކޮށް މިހާރު ކުރިއަށްދާ މި އަހަރުގެ ޖޭޕޫރް ލިޓްރެޗާ ފެސްޓިވަލްގަ އެވެ. އޭގައި ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީސީއެފްސީ) ގެ މެމްބަރު ވާނީ ތުރިޕަތީއާ ވާހަކަ ދައްކަމުން "ބާރިޝް" އާ ބެހޭ ގޮތުން ވިދޫ ބުނީ އެއީ މިހާތަނަަށް އޭނާ ގެނެސްދޭ އެންމެ ތަފާތު ފިލްމަކަށް ވާނެ ކަމަށެވެ.
"މީގެ ޕްލޮޓް ވަރަށް ތަފާތުވާނެ. އުންމީދު ވެސް ނުކުރާ ކަހަލަ ފިލްމަކަށް ބާރިޝްވާނީ. މީގައި ފެންނާނީ އެކަކު އަނެކަކު މަރާލަން ސިއްރު ކުޅިގަނޑެއް ކުޅޭ ކަޕުލްއެއްގެ ވާހަކަ،" ވިދޫ ބުންޏެވެ. "މި ފިލްމު ބަލާ މީހުންނަށް ދަތި ވެސް ވާނެ މިއީ އަހަރެން ހެދި ފިލްމެއް ކަމަށް ގަބޫލުކުރަން. އެހާ ވެސް ތަފާތު ފިލްމެއް ގެނެސްދޭން މަސައްކަތް މިކުރަނީ."
ވިދޫ ކުރިން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ޚާމޯޝް" އާއި "ޕަރިންދާ" އާއި "1942: އަ ލަވް ސްޓޯރީ" އާއި "މިޝަން ކަޝްމީރު" އަދި "އެކްލަވިއާ" ހިމެނެ އެވެ.
"ބާރިޝް އަކީ ޕްލޮޓްގެ ގޮތުންނާއި މަސައްކަތްކުރަން ޖެހޭ ގޮތުން ވެސް މުޅިން ތަފާތު ތަޖުރިބާއަކަށް ވާނެ." ވިދޫ
އޭނާ ބުނީ އަބަދު އެއްވައްތަރެއްގެ ފިލްމު ހެދުން ވަރަށް ފޫހި ކަމަށާއި އެހެންވެ އަބަދު ވެސް ތަފާތު ގޮތަކަށް ފިލްމުތައް ގެނެސްދެވޭތޯ މަސައްކަތްކުރާ ކަމަށް "މުންނާބާއީ" އާއި "3 އިޑިއަޑްޓްސް" އާއި "ޕީކޭ" އާއި "ޕަރިނީތާ" އަދި "ސަންޖޫ" ފަދަ އެތައް ފިލްމެއް ގެނެސްދިން ޕްރޮޑިއުސަރު ބުންޏެވެ.
"ބާރިޝް އަކީ ޕްލޮޓްގެ ގޮތުންނާއި މަސައްކަތްކުރަން ޖެހޭ ގޮތުން ވެސް މުޅިން ތަފާތު ތަޖުރިބާއަކަށް ވާނެ،" ވިދޫ ބުންޏެވެ.
ނަމަވެސް ""ބާރިޝް" ގެ ކާސްޓާއި އޭގެ ޝޫޓިން ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް މަޝްހޫރު ފިލްމު ކްރިޓިކް އަނޫޕަމާ ޗޯޕްޅާގެ ފިރިމީހާ ނުބުނެ އެވެ.
ވިދޫ 2019 ގައި ގެނެސްދިން "ޝިކާރާ" އަކީ އާ ތަރިންތަކެއް ލީޑް ރޯލު ކުޅުނު ފިލްމެކެވެ. ކަޝްމީރުގެ ރެފިއުޖީންގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ ކިޔައިދިން ފިލްމުގެ ތަރިންނަކީ އާދިލް ޚާނާއި ސާދިއާ އެވެ. ކުރިން ވިދޫ ގެނެސްދިން ފިލްމުތަކަކީ މަޝްހޫރު ތަރިންތަކެއް ހިމަނައިގެން ގެނެސްދިން ފިލްމުތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy