މި ހަފުތާގައި ޝޫޓިން ފެށި އަމީތާބު ބައްޗަންގެ އާ ފިލްމު "ގުޑްބާއި" ގައި އޭނާގެ އަންހެނުންގެ ރޯލު ކުޅެން ނީނާ ގުޕްތާ ސޮއިކޮށްފި އެވެ.

މި ފަހުން ރިލީޒްވި ފިލްމުތަކުގެ ތެރެއިން އާންމުންގެ ބޮޑު ތަރުހީބެއް ހޯދި "ބަދާއީ ހޯ" އާއި "ވީރޭ ދީ ވެޑިން" ފަދަ ފިލްމުތަކުގައި ހިއްސާވެފައިވާ ނީނާ ބުނި ގޮތުގައި އޭނާ އަބަދު ވެސް ބޮޑު ފޭނެއްގެ ގޮތުގައި ދެކޭ އަމީތާބާ އެކު މުޅިން އަލަށް މަސައްކަތްކުރަން ލިބުމަކީ ކެރިއަރުގެ ކާމިޔާބީއެއް ވެސް މެ އެވެ.

"ވަރަށް އުފަލުން މިހުރީ. އަދި އެންމެ އުފާވި ކަމަކީ ކުޅެން ލިބުނު ރޯލު ރަނގަޅުކަމުން." މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާގެ މަންމަ ބުންޏެވެ.

ނީނާ، 61، ބުނީ ވިކާސް ބާލް ޑައިރެކްޓްކުރާ "ގުޑްބާއި" އަކީ ވަރަށް ރީތިކޮށް އަދި އެހާމެ ފުރިހަމަ އަށް ލިޔެފައިވާ ސްކްރިޕްޓެއް ކަމަށެވެ.

"ވިކާސް އަހަންނަށް އެ ނެރޭޓްކޮށް ދިން ހިސާބުން އެއަށް ގަޔާވެވިއްޖެ. ވަރަށް އުފާވި ކުޅެން ލިބުނު ރޯލަކީ ވެސް ވަރަށް ފުރިހަމަ އަށް ބައްޓަންކޮށްފައިވާ ކެރެކްޓާއަކަށްވާތީ." ހުނަރުވެރި ބަތަލާ ބުންޏެވެ.

ނީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރަންވީރު ސިންގްގެ "83" އާއި އަރުޖުން ކަޕޫރްގެ "ސަރުދާރު ކާ ގްރޭންޑްސަން" އަދި މަނޯޖް ބަޖްޕާއީގެ "ޑަޔަލް 100" ހިމެނެ އެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ "ގުޑްބާއި" އަކީ ބައްޕައަކާއި އަންހެން ދަރިއެއްގެ ވަށައިގެން ހިނގާ ކަންތައްތަކެއްގެ ވާހަކަ ކިޔައިދޭނެ ތުރިލާއެކެވެ. މީގައި އަމީތާބްގެ ދަރިފުޅުގެ ރޯލު ކުޅެނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާ އެވެ.

އޭނާ ވެސް ބުނެފައިވާ ގޮތުގައި އަމީތާބާ އެކު ފިލްމެއް ކުޅެން ލިބުމަކީ ފިލްމީ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ޝަރަފެވެ. އަދި "ގުޑްބާއި" އަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ކުރިން ނޭނގޭ އެތައް ކަމެއް އަމީތާބްގެ ފަރާތުން އެކްޓިންގެ ދާއިރާ އިން ދަސްވާނެކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

"ގުޑްބާއި" އަކީ ވިކާސްއާ އެކު އަމީތާބް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ. ވިކާސްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގައި ރިތިކް ރޯޝަނާ އެކު ގެނެސްދިން "ސުޕަ 30" އެވެ.

"ގުޑްބާއި" އަށް ފަހު އޭނާ ހަދަން އޮތް ފިލްމަކީ ޓައިގާ ޝްރޮފާއި ކްރިތީ ސެނަން ލީޑް ރޯލު ކުޅޭ "ގަންޕަތު" އެވެ.