ރާހުލް، 29، އަކީ އިންޑިއާގައި ކުރިއަރަމުން އަންނަ ޒުވާން ކްރިކެޓް ކުޅުންތެރިއެއް
20 އެޕްރީލް 2021 - 08:20
ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީގެ ވާހަކާ މިހާރު ފިލްމީ ކަންކަމަކާ ގުޅުވައިގެންނެއް ނުދެކެވެ އެވެ. ސަބަބަކީ އޭނާ އެއްވެސް ފިލްމެއްގައި މަސައްކަތް ނުކުރާތީ އެވެ. ޚަބަރުތައް ބުނަނީ އާތިޔާ އަށް ކުޅޭނެ ފިލްމެއް ނުލިބެނީ ކަމަށެވެ. އޭނާ ބޮލީވުޑަށް ނުކުތީ ސަލްމާން ޚާން ޕްރޮޑިއުސްކޮށް 2015 ގައި ގެނެސްދިން "ހީރޯ" އިންނެވެ. އޭގެ ފަހުން އާތިޔާ ކުޅުނީ ދެ ފިލްމެކެވެ. އެއީ 2017 ގެ "މުބާރަކަން" އާއި 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އެވެ.
އާތިޔާގެ ވާހަކަ މި ފަހުން މުޅިން ވެސް ދެކެވެނީ ކްރިކެޓް ތަރި ކޭއެލް ރާހުލްއާ ގުޅުވައިގެންނެވެ. މި ދެ މީހުން ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. އެކަމަކު އެކަމަށް ރަސްމީކޮށް އެއްބަސް ނުވިޔަސް އިންސްޓަގްރާމްގައި ދެ މީހުން ވެސް ޕޯސްޓްކުރާ ފޮޓޯތަކުން އެ މީހުންގެ ގުޅުން މިހާރު ސިއްރު ނޫންކަން އެނގެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ރާހުލްއާ އެކު ނަގާފައި ހުންނަ ފޮޓޯތައް އާތިޔާ ޕޯސްޓްކުރުމުން ބައްޕަ ސުނިލް ވެސް ފޮޓޯތަކަށް ކޮމެންޓްކުރާކަމެވެ. އެކަމުން ދޭހަކޮށް ދެނީ އެ ދެ މީހުންގެ ގުޅުމަށް އާއިލާ އިން ވެސް މިހާރު ރުހޭކަމެވެ.
އާތިޔާ އާއި ރާހުލް ކައިވެނިކޮށްފި ނަމަ މިއީ އަނެއްކާ ވެސް ކްރިކެޓާއި ބޮލީވުޑްގެ އިތުރު ބަނދެވުމަކަށް ވާނެ އެވެ. މިކަހަލަ ޖޯޑެއްގެ ގޮތުގައި މިހާރު އެންމެ މަޝްހޫރީ މި އަހަރު ދަރިޔަކު ވެސް ލިބުނު އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީ އެވެ.
އާތިޔާ، 28، ގެ ފިލްމީ ކެރިއަރު ވާނުވާގައި އޮތް އިރު ސުނިލްގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ، 25، މި އަހަރު ތައާރަފުކުރާނެ އެވެ. އެއީ ސެޕްޓެމްބަރު 24 އަށް ތާވަލުކޮށްފައި އޮތް "ތަޅަޕް" އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy